(22 ޖޫން 2017 އާ ގުޅޭ)
"ކިތަންމެ ދުރަށް އުދުހުނު ނަމަވެސް އެނބުރި އަންނާނީ ހާއްޔަށް" މިފަހަރު ވެސް އެއްވެސް މީހަކަށް އެޑްރެސްކޮށްފައިނުވާ ލިޔުންކޮޅު އައިރާ ކިޔާލިއެވެ. އަދި އަވަސް އަވަހަށް ހެނދުންތައް އަލަމާރިއަށް ކޮއްޕާލާފައި އައިރާ އައިސް އެނދުގައި އިށީނެވެ. އެނދުގެ އަރިމަތީ ކަބަޑުގެ ތެރެއިން އޭނާ ކަރުދާސްގަނޑެއް ނެގިއެވެ. އަދި ދޫންޏާއެކު ވީ ލިޔުންކޮޅާއި މީގެ ދޮޅުމަސްކުރީން އޭނާގެ ކުޑަދޮރުގެ ތަންޑަށް ޖަހާފައިވާ ކަރުދާސް މަލުގައި ލިޔެފައިވާ ލިޔުން އައިރާ އަޅާކިޔެވެ.
"އެކަކު ލިޔެފައި ހުރި ލިޔުމެއްމީ. އިނގިރޭސިން މިހާ ރީތިކޮށް ލިޔަން މައުއަށް އެނގިދާނެބާ؟ މީގެ ކުރީން ހަމަގައިމު ވެސް ނުދެކެން. މިފަދަ ނޯޓުތައް ލިޔުމުގައި މައުގެ ބޭނުމަކީ ކޮބާބާ؟ އެ ކުއްޖާ އަހަންނާ މެދު ވިސްނަފާނެތަ؟ މިހާ ދުވަސްވީއިރު އަހަރެން އުޅޭތަނެއް ނޭނގިއެއް ނުހުންނާނެ. އެއްފަހަރު ވެސް އަހަރެންގެ ހާލު ބަލާލަން އެ ކުއްޖާ ނާދޭ. ދެން މިވަރުގެ ކަމެއް ކުރާންވީ ކީއްވެ؟" ދެ ކަރުދާހުގައި ލިޔެފައިވާ ލިޔުންކޮޅަށް ބަލަން އިން އައިރާ ފުންނޭވާއެއް ލުމާއެކު ދެ ލޯ މަރާލި އެވެ. ޤަބޫލުކުރަންވީ ކޮންގޮތެއް ކަމެއް އޭނާއަކަށް ނޭނގުނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އެނދުގެ އަރިމަތީ ހުރި ކަބަޑުގެ މަތީ ވަތްގަނޑަށް ދެ ކަރުދާސްކޮޅު ވެސް ލިއެވެ. އަދި ނޫކުލައިގެ ކަރުދާހުން ހަދާފައިވާ ދޫންޏަށް ބަލާލާފައި އެ ވެސް ވަތްގަނޑުގެ ތެރެއަށްލާ ލައްޕާލިއެވެ.
ޚާދިމުންގެ އިމާރާތުގެ ބަދިގޭގައި ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައެވެ. އައިރާ އެއްގޮތަކަށް ވެސް ކެއުމާ ގަޔާވާ ކަހަލަ ގޮތެއް ނުވިއެވެ. އައިރާއަށް ޓަކައި ޚާއްޞަކޮށް ސަޓަންޏެއް ކެތުލީނު ތައްޔާރުކޮށްފައި ހުއްޓެވެ. ކައިގެން ކެއުމަށް މޭވާ ތައްޔާރުކޮށްފައި މަރިޔަންދީ ހުއްޓެވެ. މޯނާ ހުރީ އައިރާއަށް ކަމުދާ މޭވާގައި ފަނި ގިރާފަ އެވެ. އެންމެންގެ ފުރިހަމަ ސަމާލުކަން އައިރާއަށް ލިބިފައިވެއެވެ. އެހެންނަމަވެސް އައިރާ މިރޭ ތަފާތުކަން އެ މީހުންނަށް ވެސް ފާހަގަ ކުރެވުނެވެ. ސުވާލުކުރުމުން އައިރާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. މަރިޔަންދީ ލަފާ ދިނީ ކުޑަކޮށް ވިޔަސް ހިތްވަރުކޮށްލާފައި ކެއުމަށެވެ. އަދި ކައިގެން އަވަހަށް ކޮޓަރިއަށް ގޮސް އޮށޯވެލުމަށެވެ. ގޭތެރޭގެ ހުރިހާ ކަމެއް ނިންމާފައި އާދައިގެ މަތީން އަންނަހެން މިރޭ ވެސް އޭނާ އައިސް އައިރާގެ ފައި މޮޑެދޭނަން ކަމުގައި ބުންޏެވެ. މަރިޔަންދީގެ ބަސް އަހައިގެން އައިރާ އޭނާ ބުނި ގޮތައް ކަންތައް ކުރާން މަސައްކަތް ކުރިއެވެ. ނަމަވެސް ކެވުނީ ވަރަށް މަދުންނެވެ. އެންމެފަހުން އައިރާ ނިންމީ ކޮޓަރިއަށް ގޮސް އަރާމުކޮށްލާށެވެ. ކާން އިން ކެތުލީނު ފުންމައިގެން ތެދުވެ ސިންކު ދޮށަށް އައިސް އަތްދޮވެލިއެވެ. އޭނާ ދެން ފެނުނީ ދެއަތް ފުހެލާފައި އައިސް އައިރާގެ ކަނާއަތް ފަރާތުގައި މަޑުކޮށްލި ތަނެވެ. އައިރާގެ އަތުގައި ހިފާލުމާއެކު އޭނާ ކޮޓަރިއަށް ގެންދިއުމަށް ކެތުލީނު އެހީތެރިވިއެވެ.
* * *
ކޮޓަރިތެރޭގައި ހުރި ފޮށިގަނޑުތައް ލައިބްރަރީއަށް ގެނައުމަށް ލޫކަންއަށް އެހީވުމުގައި ސޯމޫ އުޅެއެވެ. ހުރިހާ ފޮށިތައް ހުސްކޮށް ހުރި ފޮތްހަރުގެ ކައިރީ ބެހެއްޓުމަށްފަހު ލޫކަން އެ ތަނުން ސޯމޫ ފޮނުވާލި އެވެ. އޭނާ ނުކުމެގެން ދާތަން ފެނުމުން ލައިގެން ހުރި ޖިންސުގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އޭގައި އޮޅާލާފައި އޮތް ހެޑްސެޓު ނިއުޅާލާ ދެ ކަންފަތައް ޖަހާލުމަށްފަހު ފޯނުން އިނގިރޭސި ލަވައެއް ޖަހަންފެށިއެވެ. މަސައްކަތްކުރާ ގަޑީގައި ލަވަ އަޑުއެހުމަކީ ލޫކަން ކުރާ ކަމެކެވެ. ފޯނު ޖީބަށް ކޮށްޕާލާފައި ފޮށިތަކުގައި ހުރި ފޮތްތައް ވަކި ތަރުތީބަކުން ހަރުގައި އަތުރަން ފެށިއެވެ. ނިދީގެ އަސަރު ލޮލުގައި ނެތީތީ އޭނާ ބޭނުންވީ ހުރިހާ ފޮތްތައް އަތުރާފައި އެނބުރި ކޮޓަރިއަށް ދާށެވެ. އިވެމުންދިޔަ ލަވައަށް ދޭތެރެއަކުން ބޯހަލުވަމުން ތުންފަތައް ވައްތަރު ޖައްސަމުން ލޫކަން ދިޔައެވެ. އޭނާއަށް ކުއްލި ސިހުމެއް ލިބުނީ މީހަކު އޭނާގެ ފުރަގަހުން އަތްލުމުންނެވެ. އެވަގުތު ގޭގައި އެތަނަށް އަންނާނެ މީހަކު ނުހުންނާނެކަން އެނގޭތީވެ ލޫކަން ގަތީ ފާޑެއްގެ ބިރެކެވެ. ދެކަންފަތައް ޖަހާފައިވާ ހެޑްސެޓުގައި ހިފާ ދަމައިގަނެވުމާއެކު އޭނާ އެއްފަރާތަކަށް ދެމިގަތެވެ. ދެ ލޯ ބޮޑުކޮށްފައި ބަލާލިއިރު އޭނާއަށްވުރެ ބޮޑު ޝޮކެއް ލިބިފައި ހުރިހެން ކުރިމަތީ މަރިޔަންދީ ހުއްޓެވެ.
"މަރިޔަންދީ މިގަޑީގައި މިތަނުގައި ކީއްކުރަނީ" ލޫކަން އަހާލިއެވެ. އޭނާ ބުނި އެއްޗެއް މަރިޔަންދީއަށް އެނގުނުހެނެއް ހިޔެއްނުވެއެވެ. މަރިޔަންދީ ކަންބޮޑުވެފައި ވާހަކައެއް ދެއްކިއެވެ. ނަމަވެސް އޭނާގެ ދޫފަރިތަކަމާއެކު އެކިޔާ އެއްޗެއް ލޫކަންއަކަށް ވެސް ނޭނގުނެވެ. އާގަމާވެފައި ހުއްޓާ ލޫކަންގެ އަތުގައި ހިފާ މަރިޔަންދީ ދަމައިގަތެވެ. އޭނާއާއެކު ކޮންމެވެސް ތަނަކަށް ދާންވީކަން ލޫކަންއަށް ދެނެގަންނަން އެނގުނެވެ. އެހެންވެ މަނާވެ ގަތުމުގެ ބަދަލުގައި މަރިޔަންދީ ގެންދާތަނަކަށް ދިއުމަށް އޭނާ އަވަސްވެލިއެވެ. އެފަދަ ވަގުތެއްގައި މަރިޔަންދީގެ ހަރަކާތް ހުރި ގޮތުން ލޫކަންއަށް ހީވީ އޭނާގެ މަދަދަށް މަރިޔަންދީ އެދެމުންދިޔަ ހެނެވެ. ވެގެން އުޅޭ ގޮތެއް ނޭނގުނަސް ލޫކަން ވެސް ހާސްވާގޮތްވިއެވެ. އޭނާ ބަލަބަލާ ހުއްޓާ ބަދިގެ ފަރާތުންލާފައި މަރިޔަންދީ ނުކުމެގެން ޚާދިމުން އުޅޭ އިމާރާތާ ދިމާއަށް އައެވެ. އޭރު ވެސް މަރިޔަންދީ ހުރީ ނިކަން ބާރަށް ލޫކަންގެ ކަނާއަތުގެ ކުޑަހުޅާ ހިސާބުގައި ހިފަހައްޓައިގެންނެވެ. އިތުރަށް ލޫކަން ކަންބޮޑުވީ އައިރާގެ ކޮޓަރީގެ ކުޑަދޮރު ހުޅުވާފައި ހުރުމުންނެވެ. މިވަނީ ކިހިނެއްކަމެއް ސިކުނޑިއަށް ވިސްނައިގަންނާން ނޭނގެނީސް މަރިޔަންދީ އައިސް ލޫކަން ގޮވައިގެން އައިރާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ރޮވިފައި ކެތުލީނު އިނދެ އައިރާގެ ބޮލުގައި ފެންފޮތިކޮޅެއް ބާއްވަން އިނެވެ. އެއްވެސް މީހަކު އެއްޗެއް ބުނާކަށް ނުޖެހުނެވެ. ލޫކަންގެ ނަފްސު ހަރަކާތްކުރާން ފެށީ އޭގެ އަމިއްލަ ޒާތުގައެވެ. ހަލުވިކޮށް އައިސް އައިރާ ނޭވާ ލާ ތޯ ބަލާ އޭނާގެ ދެކަޅި ހުރި ގޮތެއް ބަލާލިއެވެ. ހަމައެއާއެކު އައިރާގެ ވިންދު ޗެކުކުރިއެވެ.
"ކޭޓް! ވީގޮތެއް ކިޔައިދީބަލަ" އައިރާގެ ވިންދު ބަލަމުން ލޫކަން އެހީ ކެތުލީނުގެ ގާތުގައެވެ. އޭނާ އަވަސް އަވަހަށް އައިރާ މިއަދު އުޅުނު ގޮތުގެ ވާހަކަ ކިޔައިދިނެވެ. ލޫކަން އެބަ އަންނަން ކަމުގައި ބުނެ އެ ކޮޓަރިން ނުކުތެވެ.
އައިރާއަށް ވީގޮތެއް އެނގެން އޭނާ ވެސް ބޭނުމެވެ. ވަގުތުން ވަގުތައް އެޅޭން ހުރި ފިޔަވަޅެއްވިއްޔާ އަޅާން ލޫކަން އަވަސްވެގަތީއެވެ. އޭނާ ދުވެފައި އައިސް ކޮޓަރިއަށް ވަންގޮތައް އޭނާގެ ސަމާނުތަކުގެ ތެރެއިން ޑަކްޓަރު ކަށިގަނޑާއި ލޭގެ ޕްރެޝަރުބަލަން އޭނާ ގެންގުޅޭ ޑިޖިޓަލް ޑިވައިސް ނެގިއެވެ. އެ އެއްޗެހި ހިފައިގެން އަނެއްކާ ވެސް ލޫކަންއަށް ދުއްވައި ގަނެވުނީއެވެ. ފުންނޭވާތަކެއް ލަމުން އައިރާގެ ކޮޓަރިއަށް ވަދެގެން އައިސް އޭނާގެ މަގަތުން ލޫކަން އިށީނެވެ. އައިރާގެ ލޭގެ ޕްރެޝަރު ހުރިވަރެއް ބެލިއެވެ. ހަމައެވަގުތު އައިރާގެ ބަނޑުގައި ކަށިގަނޑު ޖައްސާލުމާއެކު ކުޑަކުއްޖާގެ ހާލު ބެލިއެވެ.
"އައިރާގެ ބްލަޑް ޕްރެޝާރ ލޯވެފައި ހުރީ. އޭނާ އަނބުރައިގަތީ" ކެތުލީނަށް ބަލާލާފައި ލޫކަން ބުނެލިއެވެ.
މަޑުމަޑުން ހުޅުވާލަން އުޅުނު ދެ ލޮލުގެ އެސްފިޔަތަކުގެ ހަނިދާއިރާއަކުން ދާދި ގާތުގައި މީހަކު އިންކަން އައިރާއަށް އެނގުނެވެ. މީހަކު ސާފު އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ދިޔަކަން އެނގުނީ ދެނެވެ. އައިރާގެ ފަހަރަކު ހިއްސެއް މަސައްކަތް ކުރާން ފެށުމާއެކު ވާނުވާ އެނގެންފެށިއެވެ. ދެލޯ ތަންމިނަށް ހުޅުވާލުމާއެކު ބޭއިޚްތިޔާރުގައި ގާތުގައި އިން އިސްތަށިގަނޑު ދިގު ޒުވާނާ އައިރާގެ ދެއަތަށް ލެވުނު ބާރަކަށް ދުރަށް ކޮށްޕާލިއެވެ. އެހިނދު ލޫކަންއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެ ތަނުގައި ތިބި މަރިޔަންދީއާއި ކެތުލީނު އަވަހަށް އައިސް އައިރާއާ ގާތްވެލިއެވެ.
"އައިރާ! މީ ލޫކަން... ޑަކްޓަރެއް... އައިރާ އަނބުރައިގަތީމަ ދައްތަ ބިރުން ހަދާނެގޮތެއް ނޭނގިގެން..." މަރިޔަންދީ ވާހަކަދެއްކަމުން ދަނިކޮށް ލޫކަން އޭނާއަށް ގޮވާލިއެވެ.
"ކޭޓް! މަރިޔަންދީ ގާތުގައި ބުނޭ ބީޓްރޫޓުގައި ޖޫސްތަށްޓެއް ހަދައިގެން ގެންނާށޭ. ބުނާތި އެއަށް އެއްވެސް އެއްޗެއް ނާޅައްޗޭ. އިހަށް އޭނާއަށް ފެންފޮދެއް ދީ" މަރިޔަންދީއަށް މަޑުކުރުމަށް އިޝާރާތްކުރުމާއެކު ލޫކަން ވާހަކަ ދެއްކީ ކެތުލީނާއެވެ.
މަރިޔަންދީ ނުކުމެގެން ދިއުމާއެކު ލޫކަން ފަރުވާތެރިކަމާއެކު ބަލާލީ ކަންބޮޑުވެފައި އިން އައިރާއަށެވެ. އެހިނދު ނޭނގުމެއްގައި ވިޔަސް އައިރާއާއި ލޫކަންގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ. ފުރަތަމަ ނަޒަރު ވަކިކޮށްލީ ހިތް އަވަސްވެފައި އިން އައިރާއެވެ. އެހެން އިންދާ ކެތުލީނު ފެންތަށްޓެއް އަޅާ އައިރާއަށް ދިއްކޮށްލިއެވެ. އެނދުގައި އިނދެވުނު ގޮތް އުނދަގޫކަމުން މަޑުމަޑުން އެނދުގެ ތިރިއަށް ދެފައި އެލުވާލުމާއެކު އައިރާ ފެންތަށީގައި ހިފިއެވެ. އެހިނދު އޭނާގެ ދެފައި ލޫކަންގެ ލޮލުގައި އަޅައިގަތެވެ. މީ އައިރާއަށް އެހީވާން އޭނާއަށް ލިބުނު ފުރުޞަތުކަން ލޫކަންގެ ޟަމީރު ވިސްނައިދިނެވެ. މިހާ ގާތުން އައިރާ ފެނުމުގެ ނަސީބު ލިބުމީ ވެސް ލޫކަންގެ ހިތަށް ފިނިކަމެއް އިހުސާސް ކުރެވުނު ކަމެކެވެ.
"ތިހާ އަވަހަށް ފެންތަށީ ނުބޮއެ... އައިރާގެ ބްލަޑްޕްރެޝާރ ހުރީ ދަށްވެފައި. އަނބުރައިގަނެފައި ހޭއަރާވަގުތު ކުއްލި ހަރަކާތްތައް ގެނައުން ރަނގަޅެއް ނުވާނެ. މީހާ ހަމަޖެހިލާފައި ލަސް ލަހުން ފެންބުއިން ރަނގަޅުވާނެ" ލޫކަން ބުންޏެވެ. އޭނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. އައިރާގެ ހަރަކާތްތަކަށް އައި ބަދަލުން ލޫކަން ދެއްކި ވާހަކަތައް އައިރާއަށް އޮޅުން ފިލިކަމުގެ ޔަގީންކަން ލިބުނެވެ. އެއާއެކު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.
"މިހާރު ބަނޑަށް ކިތައް މަސް؟" އިރުކޮޅަކު މަޑުކޮށްލުމަށްފަހު ލޫކަން ސުވާލުކޮށްލި އެވެ.
"އެއިޓް ވަނީ" އައިރާ އަނގައިން ނުބުނުމުން އޭނާއާއި ލޫކަންގެ މޫނަށް ބަލާލާފައި ކެތުލީނު ބުންޏެވެ. ލޫކަން ހުރީ އައިރާގެ އަޑު އަހާލަން ބޭނުންވެފައެވެ. ނަމަވެސް ނީވުމުން އޭނާ މިފަހަރު މާޔޫސްއެއް ނުވެއެވެ. ލިބުނީ އިތުރު ހިތްވަރެކެވެ. ޑަކްޓަރާއި ބަލިމީހާއާ ދެމެދު ވާހަކަ ނުދެކެވިއެއް ނުދާނެކަން އެނގޭތީއެވެ. އެ ޚިޔާލާއެކު ނަފްސުގެ މައްޗަށް ބޮޑު އިތުބާރެއް ލިބިގެން ދިޔައެވެ.
"ޖޫސްތަށި" މަރިޔަންދީ ކޮޓަރިއަށް ވަންގޮތައް ލޫކަންއަށް ބުނެލިއެވެ. އެއާއެކު ލޫކަން ބަލި މީހުން ބަލާ ކަށިގަނޑު ހިފައިގެން ހުރެ ކަނާތުން އިޝާރާތްކޮށްލީ އައިރާއާ ދިމާއަށެވެ. ކިހިނެއްކަން ކަންތައް ކުރާންވީ މަރިޔަންދީއަށް އެނގުނެވެ. އޭނާ ތަށި ގެނެސް އައިރާއަށް ދިއްކޮށްލިއެވެ.
"އަވަހަށް މި ބޯލާ" އޯގާތެރިކަމާއެކު މަރިޔަންދީ ބުންޏެވެ.
"މީ ކޯއްޗެއް؟ ހާދަ ނުބައޭ..." ތުންޖަހާލާފައި ވަގުތުން ތަށި ދުރައްލަމުން އައިރާ ބުންޏެވެ.
"ސިއްޙަތައް ފައިދާ ހުރީ ހުރިހާ އެއްޗެއް މީރެއްނުވާނެ. ކުޑަކުއްޖެއްހެން ބޮޑާ ނުހާކާ ތި ތަށި ބޯލަބަލަ. އައިރާއަށް ކުރެވޭ ބައެއް އުނދަގޫތައް ކުޑަވާނެ" ލޫކަން މުޚާތިބު ކުރީ ސީދާ އައިރާއަށެވެ. އޭނާ ތުންފިއްތާލި ތަން ލޫކަން ދުށްޓެވެ. ނަމަވެސް ލޫކަންއާ ދެކޮޅެއް ނުހެދިއެވެ. އެކަމަކު އައިރާ ހީވަނީ ލޫކަންދެކެ ހިތްހަމަނުޖެހިފައި އިން ހެނެވެ. ލޫކަންގެ ސަބަބުން އޭނާ ކުރަން ބޭނުންނޫން ކަމަކަށް ފުރަތަމަ ފަހަރަށް މަޖުބޫރުވެއްޖެހެން ހީވެގެންނެވެ. އެކަން ދުރުގައި ހުރި ލޫކަންއަށް އެނގޭ ކަހަލައެވެ. ބީޓްރޫޓު ޖޫސްތަށި ބޯން އައިރާ އުޅުނު ގޮތް ފެނި އޭނާ ނުހޭން މަސައްކަތްކުރިއެވެ.
"ދެން ނުބޮވޭނެ... ހޮޑު އަންނަނީ..." މަރިޔަންދީއަށް ތަށި ދިއްކޮށްލުމާއެކު އައިރާ މޫނު ކުނި ކޮށްލިއެވެ. އަދި ކެތުލީނަށް އަތުން އަންގާލީ އަވަހަށް ފެންފޮދެއް ދޭށޭ ބުނާ ފަދައިންނެވެ.
"އައިރާ ރަނގަޅުވާނެތަ؟" މަރިޔަންދީ ހާސްވެފައި ހުރެ އެހީ ކެތުލީނުގެ ގާތުންނެވެ. އެއާއެކު އެނާ ލޫކަންގެ ގާތުން އެހިއެވެ.
"ދައްތާ! އަހަންނަށް މާބޮޑުކަމެއް ނުވެޔޭ" ލޫކަންއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އައިރާ ވާހަކަ ދެއްކި އެވެ.
"ގިނައިން ފެން ބޯންވާނެ. އަނެއްހެން މައްސަލައެއް ހުރިކަން އެނގޭނީ ހޮސްޕިޓަލަށް ގޮސްގެން. ބޮޑަށް ހީވަނީ ލޭގެޕްރެޝަރ ދަށަށް ދިއުމުގެ ސަބަބުން ވަރުދެރަވާގޮތް ވީހެން. ބޭބީ ރަނގަޅުކަމަށް ފެންނަނީ. ކަންބޮޑުވާންވީ ސަބަބެއްނެތް. މާދަމާ ޑަކްޓަރަށް ދިޔައްޔާ ރަނގަޅުވާނެ. މިރޭ އިތުރު އުނދަގޫތަކެއް ވާނަމަ އަހަންނަށް ގޮވާ. އަހަރެން ދިއުމުގެ ކުރިން ޗެކްކޮށްލަން ބޭނުން" މަރިޔަންދީއާ ވާހަކަ ދެއްކިއެއް ކަމަކު ލޫކަންގެ ނަޒަރު ދޭތެރެއަކުން އައިރާއަށް ހުއްޓެއެވެ. ފައިގެ ދެފަރާތުން އެނދުގައި ދެއަތް ވިއްދާލައިގެން އިސްޖަހާލައިގެން އައިރާ އިނެވެ. ލޫކަން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހާން އިން ކަހަލައެވެ. ޗެކުކުރާ ވާހަކަ ބުނުމުން ކުއްލިއަކަށް އިސްއުފުލާ ލޫކަންއަށް ބަލާލިއެވެ.
"ނޯ.." ލޫކަން ތިރިވެލާފައި އައިރާގެ ފައިތިލާގައި އަތްލުމާއެކު އޭނާ ހުއްޓުވަމުން އައިރާ ބުނެލިއެވެ.
"ވިހަން ކައިރިވާ ވަރަކަށް ބައެއް އަންހެނުންގެ ފައި ވަރަށް ބޮޑަށް ދުޅަވާނެ. ފައި މަސާޖު ކުރުމަކީ އެންމެނަށް ވެސް އަރާމުވާ ކަމެއް. އައިރާގެ ފަޔަށް އެފަދަ މަސާޖެއް ވަރަށް ބޮޑަށް ބޭނުންވޭ. އަހަރެން މަރިޔަންދީއަށް ދަސްކޮށްދޭނަން އައިރާގެ ފަޔަށް ކުރެވިދާނެ މަސާޖެއް. އެކަމަކު އައިރާގެ ފައިގާ އަތްލައިގެން ނޫނީ އަހަންނަށް އެކަމެއް ނުވާނެ" ލޫކަން ބަލާލީ ސީދާ އައިރާގެ ދެލޮލަށެވެ. އޭރު އޭނާ ދެއްކި ވާހަކަ މަރިޔަންދީއަށް ދިވެހި ކޮށްދިނުމުގައި ކެތުލީނު އުޅެއެވެ.
"އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ ފިރިހެނަކު އަހަރެންގެ ފައިގާ އަތްލާކަށް" ލޫކަންއާ ނަޒަރު ވަކިކޮށްލުމާއެކު އައިރާ ބުންޏެވެ. ލޫކަންގެ ކަންފަތައް އިވިގެން ދިޔަ އިނގިރޭސި ބަހުގެ ލަފުޒުތަކާއެކު ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. އައިރާ ދަސްކުރުމުގެ ޝައުގުވެރިކަން ލޫކަންގެ ހިތުގައި އިތުރުވިއެވެ. ހިތްހަމަޖެހުނީ އޭނާއާއި އައިރާގެ ދެމެދުގައި "ލެންގުއޭޖް ބެރިއާ" އެއް ނެތުމުންނެވެ.
"ޑަކްޓަރެއްގެ ހައިޞިއްޔަތުން އަހަރެން މިވަގުތު މިކޮޓަރިއަށް އައިސް މި ހުރީ. އަހަރެންގެ ނިޔަތް ގޯސްވެދާނޭ އައިރާއަށް ހީވަނީތަ؟ އަހަންނަކީ އެކަހަލަ މީހެއްނޫން. ފަހަރެއްގައި އައިރާއަށް އަހަންނަކީ ކާކުކަން ނޭނގޭތީ ކަންނޭނގެ ތިހެން ތި ހީކުރެވެނީ... ކޮންމެވެސް ހިސާބަކުން އެއް އިންސާނަކު އަނެއް އިންސާނަކަށް އިތުބާރު ކުރާންޖެހޭނެ. އަހަރެންގެ ފުށުން އައިރާ ނުރުހޭ ކަމެއް ފެންނާން ދެން އަހަންނަށް އިތުބާރުކުރޭ. ޔަގީންކަން ދެން އެފަދަ ކަމެއް ނުކުރާނަންކަން" ލޫކަން އެހާ ގާތުގައި އިނދެ ވާހަކަދެއްކުމުން އައިރާއަށް އުނދަގޫވިއެވެ. ލޫކަންގެ ކިބައިން އަވަހަށް ސަލާމަތްވުމަށް އޭނާގެ ހިތް އެދެން ފެށިއެވެ.
"މިހާރު އަހަރެންގެ ހާލު ގޯހެއްނޫން. އެހެންވީމަ ދެން އިހަށް ދޭ. އިތުރަށް ކަމެއް ގޯސްވާނަމަ މަރިޔަންދީ ބުނާނެ" ގަޔާނުވެފައި އިންހެން އައިރާ މޫނު އެއްފަރާތަކަށް ލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
"އައިރާގެ ނުރުހުމުގައި ވެސް އަހަންނަށް ކިތަންމެ ކަމެއް ކުރެވިދާނެ. އެކަމަކު އަހަރެން މިބުނަނީ އަހަންނަކީ އެކަހަލަ މީހެއް ނޫނޭ. އަހަރެން މިއުޅެނީ އައިރާއަށް ވެސް ފަސޭހައެއް ކޮށްދޭން. އަހަންނަށް އެނގޭ ފަޔަށް ތިވަރުވެފައި އޮތް އިރު ތަދުވާނެކަން. ހިނގަން ވެސް އުނދަގޫވާނެ. އެއްފަހަރު ވެސް އަޖުމަބަލާލީމަ އެނގޭނީ ކިހާ ފަސޭހައެއްކަން ވަނީ... ޕްލީޒް..." އައިރާގެ ދެކޮނޑުގައި ލޫކަން ހިފާލި ގޮތުން ހީވީ އޭނާއާ ނަޒަރު ހަމަކުރާން އައިރާއަށް މަޖުބޫރު ކުރިހެނެވެ. ނުބަލަން އިން އައިރާއަށް ބަލާލެވުނީ އެހެންވެއެވެ. ހަމައެއާއެކު އޭނާ އަވަސް އަވަހަށް ބޯޖަހާލީ ލޫކަންއާ އެއްބަސްވުމަށެވެ.
ތާފަނާކަން ހުރި ފެނުގައި އިރުކޮޅަކު އައިރާގެ ދެފައިތިލަ ލާފައި ބެހެއްޓިއެވެ. އޭރު އޭނާގެ ކުރިމަތީ ކުޑަކަކޫ ޖަހާލައިގެން ލޫކަން އިނެވެ. ތުވާއްޔަކުން އައިރާގެ ފަހަރަކު ފަޔަކުން ފެން ހިއްކާލިއެވެ. ލޫކަންގެ ކޮންމެ ހަރަކާތަކަށް އައިރާ ބަލަމުން ދިޔައީ ހާސްވެފައި އިނދެއެވެ. ނިޔާނުގެ އޯގާތެރިކަން ފިޔަވައި އޭނާއަށް ފިރިހެނެއްގެ ފަރާތުން އޯގާތެރިކަން ފެންނަ މީ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އައިރާގެ ހިތްވަނީ ބިރުގެންފައެވެ. އެ ގޭގެ ހަތަރު ފާރުގެ ތެރޭގައި އައިރާއަށް އޯގާތެރިވާނެ ބަޔަކު އެގޭގެ ޚާދިމުން ފިޔަވައި އުޅެދާނެކަމުގައި ޤަބޫލު ނުކުރެވެނީއެވެ. މިރޭ ވީ ކަންތައްތައް ރުބީނާއަށް އެނގުމުން ވާނޭ ގޮތަކާ މެދު އައިރާއަށް ވިސްނެން ފެށުނެވެ.
"އަދިވެސް ތި އިންނަނީ ކައްޓެއްހެން. މީހާ ހަމަޖެހިލަބަލަ... އެނދުގައި އޮށޯވެލާ..." ލޫކަން ބުންޏެވެ. ޖެހިލުންވެފައި އިން އައިރާ އެނދުގައި އޮށޯވެލިއެވެ. އަވަސް ނަޒަރެއް މަރިޔަންދީއާއި ކެތުލީނަށް ބަދަލުކޮށްލަމުންނެވެ. އައިރާގެ ފައި މަސާޖު ކުރަމުން ދިޔައިރު އޭނާ ދިޔައީ ކެތުލީނުގެ އެހީގައި މަރިޔަންދީއަށް ކިޔައި ވެސް ދެމުންނެވެ. ޕްރެޝަރ ޕޮއިންޓުތައް ބުނެދީ އައިރާއަށް ފަސޭހަވާނެ ގޮތް ބުނެދިނެވެ. ލޫކަންގެ ވާހަކަތަކުން އޭނާ ކުރާ މަސައްކަތް ވަރަށް ރަނގަޅަށް އޭނާއަށް އެނގޭކަން އައިރާގެ ޟަމީރު ވެސް އެއްބަސްވިއެވެ. ނަމަވެސް އޭނާ އޮތީ ލޫކަން އެ ކޮޓަރިން ނުކުމެގެން ދާނެ އިރެއްގެ އިންތިޒާރުގައެވެ.
"ނިދާލާފައި ހޭލާއިރު ތަފާތު އިހުސާސްވާނެ... ދެން އަރާމުކޮށް ނިދާލެވޭތޯ ބަލާ" ތުވާލިން އަތްފުހެމުން ލޫކަން ބުންޏެވެ.
"ނުނިދިޔަސް ފަޔަށް ލުއިވެއްޖެހެން ހީވޭ" އައިރާ އޭނާގެ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. ކެތުލީނާއި މަރިޔަންދީއާއެކު އެ ކޮޓަރިން ނުކުންނަން ލޫކަން ހިނގައިގަތެވެ. ދޮރާ ހަމައަށް ގޮސް އޭނާ ހުއްޓި ފަސް އެނބުރި ބަލާލިއެވެ.
"ގުޑްނައިޓް އައިރާ" ޖަޒުބާތުން ފުރިގެންވި ހިނިތުންވުމެއް އައިރާއަށް ލޫކަން ހަދިޔާ ކުރުމަށްފަހު ނުކުތެވެ.
ލޫކަންގެ އެހީތެރިކަމަށް މަރިޔަންދީ ޝުކުރު އަދާކުރިއެވެ. އެއިން އެއްވެސް ކަމެއް ރުބީނާއަށް ނޭންގުމަށް މަރިޔަންދީ އެދުނެވެ. ޚުދު ލޫކަން ވެސް ހުރީ ރުބީނާއަށް އެއްވެސް ކަމެއް އަންގާ ގޮތަކަށް ނޫނެވެ. އޭނާގެ ވިސްނުން ހުރީ ރުބީނާގެ ރޭވުންތަކުން އައިރާ ސަލާމަތް ކުރުމަށެވެ. މިރޭ މީ އޭނާއަށް ޓަކައި ތަޤުދީރު ހުޅުވައިދިން ފުރުޞަތެކެވެ. އެ ތަޤުދީރު ދައްކާ މަގުން ކުރިއަށް ދާން ލޫކަން މިހާރު އެ ހުރީ ތައްޔާރަށެވެ.
"އެއީ ކާކުތަ؟ އަސްލު ވެސް ޑަކްޓަރެއްތަ؟" ކެތުލީނު ނިދަން ފޮނުވާފައި މަރިޔަންދީ އައިސް އައިރާގެ ކޮޓަރިއަށް ވަނުމުން ސުވާލުކުރިއެވެ.
"އެއީ ޤައިސްގެ ދަރިފުޅު. މޮޅު ޑަކްޓަރެއް... ރާއްޖޭން ބޭރުގައި މަސައްކަތް ކުރަމުން އައީ. ލޫކަން ކިޔަނީ... އޭނާ ގެންނަންޖެހުނީ..."
"އެކަމަކު ކޭޓް ބުނި ބޮސްގެ ދަރިފުޅު ފުރައިފިއޭ. ދެން ނާންނާނެއޭ އަވަހަކަށް" މަރިޔަންދީގެ ވާހަކަ ފުރިހަމަ ނުވަނީސް ހައިރާންކަން ލިބިފައި އިން އައިރާ އެހިއެވެ.
"ނޭނގެ ކީއްވެކަމެއް އެނބުރި ރާއްޖެއައީ. ހިޔެއްނުވޭ ދެން އޭނާ ދާން ގަސްދުކުރާހެނެއް ވެސް... އައިރާ! ދެން މާގިނަ ވާހަކަ ނުދައްކާ ލޫކަން ބުނިހެން ނިދާލެވޭތޯ ބަލާ. ވަރަށް ދަންވެއްޖެ. ދައްތަ ވެސް މިދަނީ ނިދަން. އުނދަގުލެއް ވާނަމަ ދައްތައަށް ގޮވާތި" މަރިޔަންދީ ބުންޏެވެ.
* * *
ހަފްތާއެއް ފާއިތުވީއިރު އައިރާގެ ހާލު ބެލުމަށް ޑަކްޓަރެއްގެ ހައިސިއްޔަތުން ކޮންމެ ދުވަހަކު ދެ އިރަށް ލޫކަން އާދެއެވެ. އެންމެން ހޭލުމުގެ ކުރީން ފަތިހު ފަތިހާއެވެ. އެއަށްފަހު އެންމެން ނިދާ ހިމޭންވުމުން ޚާދިމުން ނިދަންވަންނަ ގަޑިއަށެވެ. ކިތަންމެ ފަހަރަކު އައިރާ އޭނާގެ ހާލު ރަނގަޅުކަމުގައި ވެސް ބުނެއެވެ. ލޫކަންއަށް އެ އަޑު އިވޭ ކަމަކަށްނުވެއެވެ. އައިރާގެ މެޑިކަލް ރިޕޯޓުތައް ވެސް ލޫކަން ބެލިއެވެ.
އައިރާ ހީކުރި ގޮތަށްވުރެ ލޫކަންގެ ދިރިއުޅުން ސާދާކަން އޭނާއަށް އެނގުނެވެ. ލޫކަންގެ ވާހަކަ ދެއްކުމުގައި ބޮޑާ ގޮތެއް ނުހުރެއެވެ. ހަމައެއާއެކު އަދިވެސް އައިރާގެ ކުޑަދޮރުގައި އެކި ދުވަހު އެކި ކުލައިގެ ކަރުދާހުން ދޫނި ހަދާ ހަރުކުރަނީ ކާކުކަމެއް ނޭނގެއެވެ. ކޮންމެ ދޫންޏެއްގެ ފިޔަގަނޑުގައި ލިޔުންކޮޅެއް ލިޔެފައިވާ ކަރުދާސްކޮޅެއް ވެއެވެ. އެމީހެއްގެ ބޭނުމަކީ ކޮބާކަމެއް ހަމައެއްގޮތަކަށް ވެސް އައިރާއަކަށް ނުވިސްނުނެވެ. ނަމަވެސް އެ ލިޔުންކޮޅުތަކާމެދު އޭނާއަށް ވިސްނެއެވެ.
ލޫކަންއަށް ވަޒީފާ ހަމަޖެހިއްޖެކަމުގެ އުފާވެރި ޚަބަރު ޤައިސް ދިނެވެ. ހަފްތާ ބަންދަށް ފަހު ސަރުކާރު ހުޅުވޭ ދުވަހު ލޫކަން ޑިއުޓީއަށް ނުކުންނަން ހަމަޖެހުނެވެ. އޭނާގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ހުރުމުގެ ސަބަބުން ވަޒީފާ ލިބުން އުނދަގުލެއް ނުވިއެވެ. ޤައިސް ދަރިއަކު ހުރިއިރު އެ ކުއްޖާއަކީ އެންމެން ފަޚުރުވެރިވާ ފަދަ ދަރިއަކަށްވުމުން ރުބީނާ ވެސް ހުންނަނީ ނިކަން އުފަލުންނެވެ. އަލަށް ވަޒީފާއަށް ނުކުންނަ ދުވަހަށް ލޫކަންއަށް އޮފީސް ހެދުމެއް ރުބީނާ ހަދިޔާ ކުރިއެވެ. މޫނުމަތީގައި ނޫނެކޭ ބުނާން ނުކެރިގެން އެ ހަދިޔާ ލޫކަން ޤަބޫލުކުރިއެވެ. އެހެންނަމަވެސް އޭނާ ފުރަތަމަ ޑިއުޓީއަށް ނުކުންނަން އޮތް ދުވަހު އެޅީ އަމިއްލައަށް ހޮވި ހެދުމެވެ.
* * *
ބޯޑުގެ ބައްދަލުވުމުގައި ހޮސްޕިޓަލަށް އަލަށް ގުޅުނު ޑަކްޓަރު ތަޢާރުފުކޮށްދިނުން އޮތެވެ. ޑިޕާޓްމެންޓުތަކުގެ ވެރީންނަކީ ކޮބައިކަން ލޫކަންއަށް އޮޅުންފިލުވައިދިނެވެ. އޭނާއަކީ އަންހެނުންގެ ޚާއްޞަ ޑަކްޓަރަށް ވީހިނދު އޭނާ މަސައްކަތް ކުރާން ހަމަޖެހިފައި އޮތީ ޑަކްޓަރު ޒޭންގެ ދަށުންނެވެ. ޒޭންއަކީ އެ ޑިޕާޓްމެންޓުގެ ވެރިޔާއެވެ. ލިބިފައިވާ ކާމިޔާބުތަކަށް ބަލާއިރު ޒޭންއަށްވުރެ ލޫކަން ކުޅަދާނައެވެ. އެހެންނަމަވެސް ހޮސްޕިޓަލުގެ ޕޮލިސީގައިވާ ގޮތުގެ މަތީން އެތަނުގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ކުޅަދާނަ ޑަކްޓަރަކަށް ޒޭންވެއެވެ. އެހެންވެ އޭނާއަށްވުރެ މަތީން މަސައްކަތް ކުރުމުގެ ފުރުޞަތު ލޫކަންއަށް ނުލިބުނީއެވެ.
"ހެލޯ! ގުޑްމޯނިންގ... ކޮފީ؟" ޑަކްޓަރުންގެ ވެއިޓިންގ ރޫމު ތެރޭގައި ހުރި ކޮފީ މެޝިނުން ކޮފީތަށްޓެއް ހަދަން ހުރި ޒޭން އަހާލިއެވެ. އެއާއެކު ލޫކަން ބޯޖަހާލިއެވެ.
"ލޫކަން ފެނުމުން އަހަރެން މިކޮޅަށް ޖޮއިންވި ފުރަތަމަ ދުވަސް މަތީން ހަނދާންވީ. އަހަރެން ވެސް އުމުރުގެ ބޮޑުބައި ހޭދަ ކުރީ ރާއްޖޭން ބޭރުގައި. މާލެ އައީ މަޖުބޫރުވެގެން... ފެމެލީއަށް ޓަކައި..." ލުއި ހީނލުމަކާއެކު ޒޭން އޭނާގެ މާޒީ ހަނދާންކޮށްލިއެވެ. (ނުނިމޭ)