ދުނިޔެ

ގަތަރުގަައި ހުރި މަރުކަޒު ބަންދުކުރަން ގޮވާލުމުން ތުރުކީން ކަންބޮޑުވެއްޖެ

Jun 25, 2017
2

ގަތަރާއި ގުޅުން ކަނޑާލާފައިވާ އަރަބި ގައުމުތަކުން އެގައުމަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އެގައުމުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒު ބަންދުކުރުން ހިމަނާފައި ވާތީ ތުރުކީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ވިދާޅުވީ ގަތަރުގައިވާ މަރުކަޒު ބަންދުކުރަން ހުށަހެޅުމަކީ ތުރުކީއަށް އިހުތިރާމް ނުކުރުން ކަމަށެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ގަތަރަށް ހުށަހަޅާފައިވާ ކަންތައްތައް ނުކުރެވޭނެ ކަމަށް ގަތަރުން ބުނި ބުނުމަށް ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގައި މަރުކަޒެއް ހަދަން ވެސް ތުރުކީން ހުށަހަޅާފައި ވާނެ ކަމަށާއި އެހެން ނަމަވެސް އެގައުމުން އެކަމަށް އިޖާބަ ނުދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އެމީހުން އަހަރެމެންގެ ގާތަށް މިކަމައިގެން އަދިވެސް ނައިސް ތިބި އިރު، ތުރުކީ ސިފައިން އަނބުރައި ގެންނަން ގޮވައިލުމަކީ ތުރުކީއަށް އިހުތިރާމް ކުޑަކޮށްލުން،" މިއަދުގެ އީދު ނަމާދަށް ފަހު އިސްތަންބޫލްގެ މިސްކިތެއްގެ ބޭރުގައި ހުންނަވައި އުރުފުދުޣާން ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

އަރަބިގައުމުތަކުން ގަތަރަށް ހުށަހެޅި ލިސްޓްގައި ހިމެނޭ 13 ކަންތަކަކީ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް އެގައުމުން އިއްޔެގައި ވަނީ ބުނެފައެވެ.

ގަތަރުސަރުކާރުގެ ގަތަރު ނިއުސް އެޖެންސީ އާ ހަވާލާދީ އަލްޖަޒީޒާ އިން އިއްޔެ ބުނީ ގުޅުން ކަނޑާލާފައިވާ ގައުމުތަކުން ކުރަން ހުށަހަޅާ ކަންތަައްތަކުގެ ލިސްޓް ސައުދީން އެ ގައުމަށް ލިބުނީ މިދިޔަ ބުދަދުވަހު ކަމަށެވެ.

ގަތަރު ސަރުކާރުން ބުނެފައި ވަނީ ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ގައުމުތަކުން އެ ފިޔަވަޅު އެޅުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމާ އެއްވެސް ގުޅުމެެއް ހުރި ކަމެއް ނޫންކަން ހުށަހެޅި ލިސްޓުން އެނގޭ ކަމަށެވެ.

"ޑިމާންޑްތަކުގެ މި ލިސްޓުން ކަށަވަރު ކޮށްދޭ ގަތަރުން އެންމެ ފުރަތަމަ ވެސް ބުނީ ތެދެއްކަން. ގާނޫނާ ހިލާފު މި ހިސާރަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަން. އެކަމުގެ ބޭނުމަކީ ގަތަރުގެ ސިޔާދަތު ހަނި ކުރުން. އަދި ގަތަރުގެ ހާރިޖީ ސިޔާސަތު އެހެން ބަަޔަކަށް ދޫކޮށްލުން،" ގަތަރު ސަރުކާރުގެ ކޮމިއުނިކޭޝަން އޮފީހުގެ ޑައިރެކްޓަރު ޝައިޚު ސައިފް ބިން އަޙުމަދު އައް ސާނީ ވިދާޅުފި ކަމަށް އަލްޖަޒީރާގެ ހަބަރުގަައި ވެއެވެ.

ގަތަރާއި ގުޅުން ކަނޑާލައިގެން އުޅޭ އަރަބި ގައުމުތަަކުން ވަނީ ހިސާރު ނަައްތައިލުމުގެ ކުރިން 13 ކަމެއް ކުރަން އެގައުމަށް ހުށަހަޅާފައެވެ. އެ ލިސްޓްގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ގަތަރުގައިވާ ތުރުކީ ސިފައިންގެ މަރުކަޒު ބަަންދުކުރުމާއި އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި އަލް ޖަޒީރާ ޓީވީ ބަންދު ކުރުން ހިމެނެއެވެ.