ޗައިނާގައި އިއްޔެގައި ފަރުބަދައެއްގެ ބައެއް ކަނޑައިގެން ގޮސް ފޭބުމުގެ ސަބަބުން އަވަށެއް ވަޅުލެވުނު ހާދިސާގައި ގެއްލިފައިވާ 100 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މީހަކު ދިރިހުއްޓައި ފެންނާނެކަމުގެ އުއްމީދު ކުޑަވެއްޖެއެވެ.
ރޮއިޓާސް ބުނީ ދިރިހުރި މީހަކު ފެނިދާނެކަމުގެ އުއްމީދު ކުޑަވީ ހާދިސާ ހިނގި ތަން ހޯދައި ބަލަމުންދާ މީހުންނަށް ގިނަ ގަބަރުތަކެއް ފެންނަމުންދާތީ ކަމަށެވެ. އެ ވަޅުލެވިފައިވާ އަވަށުން ދެމަފިރިއަކާއި އުމުރުން އެންމެ ދެމަސްދުވަސްވީ ތުއްތު ކުއްޖަކު ދިރިތިއްބައި ވަނީ ފެނިފައެވެ. އެއީ ހާދިސާ ހިނގިތާ މާ ގިނަ އިރެއް ނުވަނީހެވެ.
ނަމަވެސް އޭގެ ފަހުން ފެންނަމުން ދަނީ މަރުވެފައިވާ މީހުންގެ ހަށިތަކެވެ. އެގޮތުން ޖުމްލަ 24 މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ.
ޗައިނާގެ ހުޅަނގު ދެކުނުގައިވާ ސީޗުއާން ޕްރޮވިންސްގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި އެހާދިސާގައި 140 މީހުން ގެއްލިފައިވާ ކަމަށް އެގައުމުން އިއްޔެ ބުންޏެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ ޓިބެޓާއި ގިއާން ޕްރިފެކްޗާގައިވާ ފަރުބަދައެއްގެ އުސް ހިސާބަކުން ބިންގަނޑު ކަނޑައިގެެން ގޮސް ފޭބީ ޒިންމޯ ނަމަކަށް ކިޔާ އަވަށަކަށް ކަމަށާއި އެހާދިސާގައި 62 ގެ ވަޅުލެވުނު ކަމަށެވެ. އަދި އެހާދިސާގައި ކޯރެއްގެ ދެކިލޯ މީޓަރު ސަރަހައްދެއް ވެސް ބަންދުވެފައިވާ ކަމަށް ޗައިނާގެ އިދާރާތަކާ ހަވާލާދީ ނޫހުން ބުންޏެވެ.
ހިލަޔާއި ކިސަޑުގެ ތެރޭގައި ވަޅުލެވިފައިވާ ގެތަކުގެ ތެރެއިން މީހުން ހޯދައި ސަލަމާތް ކުރުމަށް ޗައިނާގެ ސަލާމަތީ ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވާ މީހުންގެ އަދަދު މަދު ވީހާވެސް މަދުކުރެވޭތޯ މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީޖިންޕިން ވަނީ އެގައުމުގެ ކަމާ ބެހޭ އިދާރާތަކަށް އަންގަވާފައެވެ.