ދުނިޔެ

ޔަމަނުގައި ކޮލެރާ ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށް، 1300 މަރު!

ސައުދީ އަރަބިއްޔާއާއި ހޫސީންނާ ދެމެދު ހިނގާ ހަނގުރާމައިގައި ސުންނާފަތި ވެފައިވާ ޔަމަނުގައި ބޭރަށް ހިންގުމުގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ކޮލެރާ ޖެހުނު މީހުންގެ އަދަދު 200،000 އަށް ވުރެ ގިނަ ވެއްޖެއެވެ. އެބަލީގައި ޔަމަނުގައި މަރުވި މީހުންގެ އަދަދު 1300 އަށް ވުރެ މަތިވެފައިވާ އިރު އޭގެ ހަތަރުބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ޔަމަނުގެ ހާލަތާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ ބަލި ފެތުރޭ މިންވަރު މަދުކުރަން ކުރެވެން ހުރިހާ ކަމެއް އެޖަމާއަތުންް ކުރަމުން އަންނަ ކަމަށެވެ.

"މިއީ މުޅި ދުނިޔޭގައި ވެސް މިހާރު އޮތް ކޮލެރާގެ އެންމެ ބޮޑު ވަބާ" ޑަބްލިއުއެޗްއޯގެ ބަޔާނުގައި ބުނެފައި ވެެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އެންމެ ތިން މަސް ދުވަސްތެރޭގައި ޔަމަނުގެ ހުރިހާ ސަރަހައްދަކަށް ކޮލެރާ ފެތުރި، ދުވާލަކު އެބަލީގެ 5000 މައްސަލަ ރިޕޯޓްކުރަމުން އަންނަ ކަމަށެވެ.

ޔަމަނުގައި ކޮލެރާ މިހާ ބާރަށް ފެތުރެމުންދާއިރު އެގައުމުގެ ބޯފެނާއި ނަރުދަމާއާއި ސިއްހީ ނިޒާމު ވަނީ މުޅިންހެން ހަލާކުވެފައެވެ. އެއީ ބައިނަލް އަގުވާމީ ގޮތުން ޔަމަނުގެ ސަރުކާރުގެ ގޮތުގައި ބަލައިގަންނަ ބާރުތަކާއި އެބާރުތަކަށް ވާގިދޭ ސައުދީ އަރަބި އިއްތިހާދާއި ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫސީ ދަރިކޮޅުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.

ޔަމަނުގެ ހޮސްޕިޓަލްތައް ތޮއްޖެހިފައި ވާއިރު ތަދުމަޑުކަމާއި ހެދި އެގައުމުގެ ގިނަ ބަޔަކަށް ވަނީ ކާޑުބަލިޖެހިފައެވެ. އެކަމުގެ ސަބަބުން ކޮލެރާ ޖެހޭލެއް ފަސޭހަވެފައި ވާއިރު އެކަމުގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ކުޑަކުދިންނަށެވެ. އެގައުމުގެ ގިނަ ބަޔަކު ބަނޑަށް ޖެހުނީ ހޫސީންނަށް ހަތިޔާރު ލިބުނަނުދޭން ކަމަށް ބުނެ، އަރަބި ބާރުތަކުން އެއްގަމާއި ކަނޑުމަގުން އެގައުމު ހިސާރުކޮށްގެން އުޅޭތީއެވެ.