ލައިފްސްޓައިލް

ސިޒޭރިއަން ހެދުން ކަންފަސޭހަ "ބަލިމަޑުކަމަކަށް" ބަދަލުވެއްޖެ!

Apr 12, 2015
1

ކަންފަސޭހަ ކޮށްލުމުގެ ގޮތުން މާބަނޑު އަންހެނުން ސިޒޭރިއަން ހެދުން އާދަޔާ ހިލާފަށް އިތުރުވަމުން ގޮސް މިހާރު މިއީ "ބަލިމަޑުކަމަކަށް" ބަދަލުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯޯ)އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ ފަގީރު ގައުމުތަކާއި މުއްސަނދި ގައުމުތަކުގައި ވެސް މިހާރު މިކަން އާއްމު ވެއްޖެ ކަމަށާއި "ކަމަކާ ނުލައި" ސިޒޭރިއަން ހެދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ސިއްހީ ގޮތުން މަޖުބޫރު ނުވިޔަސް މި ކަން މިހާރު އާއްމު ވެއްޖެ،" ޑަބްލިޔުއެޗްއޯޯގެ ޑައިރެކްޓަރެއް ކަމަށްވާ މާލީން ޓެމާމަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބްރެޒިލް ފަދަ ބައެއް ގައުމުތަކުގައި ވިހާ ކުދިންގެ ތެރެއިން 53 ޕަސެންޓް ކުދިން މިހާރު ވިއްސަނީ ސިޒޭރިއަން ހަދައިގެން ކަމަށާއި އެ ގައުމުތަކުގައި މިއީ "ސަގާފަތަކަށް" ވެއްޖެ ކަމަށެވެ.

އަށްޑިހައިގެ އަހަރުތަކުން ފެށިގެން ޑަބްލިޔުއެޗްއޯޯއިން ބުނަމުން އައީ ސިޒޭރިއަން ހެދުން އުޅެންވާނީ 10 ޕަސެންޓަށް ވުރެ ދަށުގައި ކަމަށެވެ. އެ ޖަމިއްޔާއިން 2008 ގައި ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔޫރަޕްގައި ސިޒޭރިއަން ހަދާ ނިސްބަތް 23 އަށް އިތުރު ވެފައިވާއިރު، އުތުރު އަދި ދެކުނު އެމެރިކާގައި މި އަދަދު ވަނީ 35 ޕަސެންޓަށް އަރައިފައެވެ. ހުޅަނގު ޕެސިފިކް ގައުމުތަކުގައި މި އަދަދު އުޅެނީ 25 ޕަސެންޓްގައެވެ.

ސިޒޭރިއަން ހެދުމުގެ "ބަލިމަޑުކަމުން" ސަލާމަތްވެފައިވަނީ ހަމައެކަނި އެފްރިކާ އަދި ދެކުނުއިރުމަތީ އޭޝިޔާއެވެ. އެފްރިކާގައި މި ނިސްބަތް އުޅެނީ 3.8 ޕަސެންޓްގައި ކަމަށްވާއިރު ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތަކުގައި މި ނިސްބަތް އުޅެނީ 8.8 ޕަސެންޓްގައެވެ.

ސިއްހީ ގޮތުން މަޖުބޫރު ވެގެން ނޫނީ ސިޒޭރިއަން ނުހެދުމަށް ޑަބްލިޔުއެޗްއޯއިން ވަނީ މި ހަފުތާގައި ގޮވާލައިފައެވެ.

"ސިޒޭރިއަން ހެދުމާ ގުޅޭ ގޮތުން މިހާ ފާޅުކަން ބޮޑު ގޮތެއްގައި މި ޖަމިއްޔާއިން މި މޭރުމުން ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރު،" އެ ޖަމިއްޔާގެ ތަޖުރިބާކާރެއް ކަމަށްވާ މެޓިން ގުލްމެޒޮގްލޫ ވިދާޅުވިއެވެ.