ދުނިޔެ

އަރަބި ގައުމުތަކުން ގަތަރަށް ހުށަހެޅީ އުނދަގޫ ކަންތައްތަކެއް: އެމެރިކާ

Jun 26, 2017

އަރަބި ގައުމުތަކުން ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ޝަރުތުތަކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުރަން އުނދަގޫ ކަންތައްތަކެއް ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން ވިދާޅުވީ އެއީ އުނދަގޫ ކަންތައްތަކަށް ވިޔަސް އެ ހުށަހެޅުމަކީ އަރަބި ގައުމުތަކާ ގަތަރާ ދެމެދު އުފެދިފައިވާ މަައްސަލަ ހައްލު ކުރަން ކުރާ މަޝްވަރާތަކުގެ ބިންގަލަކަށް ބެލިދާނެ ކަމަށެވެ. އަދި ވާހަކަ ދައްކަައިގެން މައްސަލަ ހައްލު ކުރުމަށް އޭނާ ގޮވައިލެއްވި އެވެ.

ޓިލާސަން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސައުދީ އަރަބިއްޔާ އާއި އެ ގައުމުގެ ބައިވެރިން ގަތަރާ ގުޅުން ކަނޑާލައިގެން އުޅޭ މައްސަލަ އަކީ "އާއިލީ މައްސަލައެއް" ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ސޯން ސްޕައިސާ ސިފަ ކުރައްވާފައި ވަނިކޮށެވެ.

އެގައުމުތަކުން ގަތަރަށް ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި އީރާނާ ގުޅުން ކަނޑައިލުމާއި އަލްޖަޒީރާ ޓީވީ ބަންދު ކުރުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒު ބަންދު ކުރުން ހިމެނެ އެވެ.

ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ގަަތަރާ ގުޅުން ކަނޑައިލި ގައުމުތަކުން ގަތަރަށް ހުށަހަޅާފައިވާ 13 ޝަރުތަަކަށް ގަތަރުން ވަނީ ހޮނިހިރު ދުވަހު އިންކާރު ކޮށްފަ އެވެ. ގަތަރުން ބުނީ އެއީ ކުރެވޭނެ ކަންތައްތަކެއް ނޫން ކަަމަށެވެ.

ގަތަރު ސަރުކާރުގެ ގަތަރު ނިއުސް އެޖެންސީ އާ ހަވާލާދީ އަލްޖަޒީޒާ އިން ބުނީ ގުޅުން ކަނޑާލާފައިވާ ގައުމުތަކުން ކުރަން ހުށަހަޅާ ކަންތަައްތަކުގެ ލިސްޓް ސައުދީން އެ ގައުމަށް ލިބުނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ގަތަރު ސަރުކާރުން ބުނެފައި ވަނީ ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ގައުމުތަކުން އެ ފިޔަވަޅު އެޅުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމާ އެއްވެސް ގުޅުމެެއް ހުރި ކަމެއް ނޫންކަން ހުށަހެޅި ލިސްޓުން އެނގޭ ކަމަށެވެ.

"ޑިމާންޑްތަކުގެ މި ލިސްޓުން ކަށަވަރު ކޮށްދޭ ގަތަރުން އެންމެ ފުރަތަމަ ވެސް ބުނީ ތެދެއްކަން. ގާނޫނާ ހިލާފު މި ހިސާރަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަން. އެކަމުގެ ބޭނުމަކީ ގަތަރުގެ ސިޔާދަތު ހަނި ކުރުން. އަދި ގަތަރުގެ ހާރިޖީ ސިޔާސަތު އެހެން ބަަޔަކަށް ދޫކޮށްލުން،" ގަތަރު ސަރުކާރުގެ ކޮމިއުނިކޭޝަން އޮފީހުގެ ޑައިރެކްޓަރު ޝައިޚު ސައިފް ބިން އަޙުމަދު އައް ސާނީ ވިދާޅުފި ކަމަށް އަލްޖަޒީރާގެ ހަބަރުގަައި ވެއެވެ.