ދުނިޔެ

މުސްލިމް ހަގައުމެއްގެ މީހުން ދަތުރުކުރުން މަނާކުރަން އެމެރިކާ ސުޕްރީމްކޯޓުގެ އާނބަސް

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަ ގައުމެއްގެ މީހުން އެމެރިކާއަށް ދަތުރުކުރުން މަނާކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ނެރުއްވި ގަރާރަށް ކުޑަ ބަދަލެއް ގެނެސްގެން ތަންފީޒުކުރަންް އެގައުމުގެ ސުޕްރީމްކޯޓުން ހުއްދަދީފިއެވެ.

ޓްރަމްޕްގެ ގަރާރަށް އަމަލުކުރުން ހުއްޓައިލުމަށް އެމެރިކާގެ ހައިކޯޓުން ކޮށްފައިވާ އަމުރު ސުޕްރީމްކޯޓުން އިއްޔެ ބާތިލު ކުރުމަށް ފަހު ބުނެފައި ވަނީ އެގަރާރުގެ ގާނޫނީ ސައްހަ ކަމާ މެދު އަންނަ އޮކްޓޯބަރުމަހު ގޮތެއް ނިންމާނެ ކަމަށެވެ.

ޓްރަމްޕް ނެރުއްވި ގަރާރު އެބަޔަކާ ދެކޮޅަށް ތަންފީޒު ނުކުރެވޭނެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނި އެމެރިކާއާ ވަރުގަދަ ގުޅުމެއް އޮންނަ މީހުންނެވެ. އެގޮތުން ވަރުގަދަ ގުޅުމެެއް ކަމަށް ބަލާނެ މިންގަނޑެއްގެ ގޮތުގައި ބަލާފައި ވަނީ އެމެރިކާ ރައްޔިތުންނާ އާއިލީ ގޮތުން ގުޅިފައި ވުން ނުވަތަ އެގައުމުގައި ވިޔަފާރީގެ މަސްލަހަތު އޮތުމެވެ.

ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން ޓްރަމްޕް ނެރުނު އަމުރުގައި ދަތުރު ކުރުން 90 ދުވަހަށް މަނާ ކުރަން ކަނޑައަޅާފައި ވަނީ ސޫރިޔާ، ޔަމަން، ސޯމާލިޔާ، ލީބިޔާ، ސޫދާން އަދި އީރާނުގެ ރައްޔިތުންނަށެވެ. އަދި އެގައުމުތަކުގެ މީހުން ރެފިއުޖީންގެ ގޮތުގައި ދަތުރުކުރުން 120 ދުވަހަށް މަނާކުރަން ވެސް އެގަރާރުގައި އަމުރުކޮށްފައި ވެއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަށް މަރުހަބާ ވިދާޅުވަމުން ޓްރަމްޕް އެ ކަން ސިފަކުރެއްވީ " ގައުމީ ސަލާމަތަށް ލިބުނު ނަސްރެއް"ގެ ގޮތުގައެވެ. އެ އަމުރު ނެރުތާ 72 ގަޑި އިރު ހަމަވުމުން ގަރާރަށް އަމަލުކުރަން ފަށާނެ ކަން ވެސް އޭނާ ވަނީ އިއުލާން ކުރައްވާފައެވެ.