ދުނިޔެ

އިންޑިއާ ޖަންގަލީގެ ގާނޫނަށް ވެއްޓެނީ؟

އުމުރުން 15 އަހަރުގެ ޖުނައިދު ޚާން އޭނާގެ ތިން އަޚުންނާއި އެކު މިދިޔަ ބުރާސްފަތި ދުވަހު ބާޒާރަށް ދިޔައީ ފިތުރު އީދު ދުވަހަށް ބޭނުންވާ ތަކެތި ގަނެލާށެވެ. ނަމަވެސް ބާޒާރުކޮށްގެން ގެއަށް ދާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އޭނާގެ އާއިލާއަށް އީދުގެ އުފާވެސް ނުލިބުނެވެ.

ގެއަށް ދާން ވެގެން އެރި ރޭލުގެ ތެރެއިން ނެރެން ޖެހުނީ ވަޅިއާއި އޭތި މީތިން ތަޅައި ހަފުސްކޮށްލާފައިވާ ފުރާނަ ނެތް މަސްގަނޑެވެ. އެ ހަތަރުބެއިންނަށް ހަމަލާދިނީ ހައްދުފަހަނައަޅާފައިވާ ހިންދޫންގެ ވިއްސަކަށް މީހުންނެވެ. ވަޅި ހިފައިގެން ތިބި އެ ބައިގަނޑުން ދިން ހަމަލާތަކުން އޭނާގެ ތިން އަޚުންވެސް ވަރަށް ބޮޑަށް ޒަހަމްވިއެވެ.

އިންޑިއާގެ އުތުރުގައިވާ ހަރްޔާނާ ސްޓޭޓްގައި ހިނގި އެ ހާދިސާ އަކީ ރޭލުގެ ގޮނޑިއަކާއި މެދު އުފެދުނު އަރައިރުމެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ޖުނައިދު މެރުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހަކު ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ "އެކަމުގައި ބައިވެރި ކުރީ މުސްލިމުންނަކީ ގެރިމަސް ކާ ބައެކޭ ކިޔައިގެން" ކަމަށެވެ.

ފުލުހުން އެހެން ބުންޏަސް ޖުނައިދުގެ އަޚު ސާޣިރު ހޮސްޕިޓަލުގައި އޮވެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިި ވަނީ ހަމަލާ ދިން މީހުން ފުރަތަމަ ހަޅޭއްލެވީ " ގެރިމަސް ކާ ވާހަކަ" ގޮވަމުން ކަމަށެވެ. އެހެންވީމާ ޖުނައިދުގެ ގާތިލުންނަކީ ވެސް އިންޑިއާގެ ގާނޫނު އެބައެއްގެ މައްޗަށް ހިނގުން ހުއްޓިފައިވާ " ގެރި ހިމާޔަތްކުރާ ގްރޫޕް"ތަކުގެ ތެރެއިން ގްރޫޕެއް ކަމަށް ވަނީ ބެލެވިފައެވެ.

ނަރެންދުރާ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވި ފަހުން ގެރި ވެފައި ވަނީ ދީިނީ ހަމަނުޖެހުމުގެ ސަބަބަކަށެވެ. ގެރި ކަތިލުމާއި ގެރިމަަސް ވިއްކުމަަށް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިކޮށްފައެވެ. އެކަމުގެ ސަބަބުން އެއް ބަޔަކު ހައިރާން ކަމުގައި ތިބި އިރު އަނެއް ބަަޔަަކަށް އެކަން ވެފަައި ވަނީ އަނިޔާވެރި އަމަލުތަައް ހިންގުމަށް ދެވޭ ހިތްވަރަކަށެވެ.

އެހެން ހާދިސާއެއް

ދަނޑުވެރިއެއް ކަމަށްވާ މުޙައްމަދު އަޚުލާގަށް ހިންދޫންގެ ބައިގަނޑަކުން ހަމަލާދީ މަރައިލީ އޭނާގެ އާއިލާއިން ކެއުމަށް ގެރިމަސް ރައްކާކޮށްގެން އުޅޭ ކަމުގެ ހަބަރެއް ފެތުރިގެންނެވެ. ރޯމާ ދުވާލު މަގުމަތީގައި އެ އަނިޔާވެރި އަމަލު ހިންގި އިރު އެކަން ހުއްޓުވަން ފުލުހުން ތިބީ ނުކުޅެދިފައެވެ.


ކީއްވެ؟

" ގެރި ރައްކާތެރި ކުރާ ގްރޫޕްތައް" އިންޑިއާގެ ހުރިހާ ހިސާބެއްގައި ހެން އުފެދިފައި ވާއިރު އެމީހުން ތިބެނީ ގާނޫނަށް ވުރެ މަތީގައޭ ބުނެވޭހައި ވެއެވެ. އެއިން ގްރޫޕަކުން ހިންގާ އަނިޔާވެރި އަމަލެއް ފުލުހުންނަށް ހުއްޓުވޭ ކަމަކަށް ނުވެއެވެ.

ޖުނައިދު ޚާން މަރައިލި އިރު ރެއިލްވޭ ސްޓޭޝަންގައި ތިބި ފުލުހުންނަށް އެކުއްޖާ ސަލާމަތް ނުކުރެވުނީ މީހުން ގިނަ ކަމުން ކަމަށް ފަހުން ބުންޏެވެ.

" އެކަހަލަ ކަންތައްތައް ހިނގާނެ. މީހުން އެެއްވެގެންް ތަޅާފޮޅާ ކޮންމެ ފަހަރަކު އެކަހަލަ ކަންތައްތައް ވޭ. މީހުން ވާހަކަ ދައްކާނެ ދީނާ ގުޅުވައިގެން. އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ،" އެހާދިސާ ހިނގި ސަރަހައްދުގައި ހުންނަ ފުލުހުންގެ އިދާރާގެ ވެރިޔާ ޓައިމްސް އޮފް އިންޑިއާއަށް ބުނެފަައި ވެއެވެ.

މިދިޔަ އޭޕްރިލް މަހުވެސް އެފަދަ ހާދިސާއެެއް ހިނގިއެވެ. އެފަހަރު މަރައިލީ އުމުރުން 55 އަހަރުގެ ޕެހްލޫ ޚާންއެވެ. ރާޖަސްތާން ސްޓޭޓްގައި މަރައިލި ޕެހްލޫ ޚާން އަކީ ގެރިކިރު ވިއްކާ މީހެކެވެ. އޭނާގެ މަރާ ގުޅިގެން އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕެހްލޫގެ އާއިލާއަށް ތައުޒިޔާ ކިޔެވެ. އެކަމަކު އޭނާ މަރައިލި ގޮތާއި މެދު އެއްޗެއް ނުބުނާތާނގައި އެކަން ކުރި މީހުން ކުށްވެރިއެއް ވެސް ނުކުރެވެ.

ފާހަގަ ކުރެވޭ އަނެއް ކަމަކީ އެއިން އެއްވެސް ހާދިސާއަކާ ބެހޭ ގޮތުން ބޮޑުވަޒީރު ނަރެންދުރާ މޯދީ ވާހަކަ ނުދައްކަވާ ހުންނަވާ ކަމެވެ. އަދި އެގޮތަށް ގްރޫޕް ހަދައިގެން ނުކުމެ، " މަގުމަތީގައި އަމިއްލައަށް އަމިއްލައަށް ގާނޫނު ހިންގުން" ހުއްޓުވަން އޭނާ އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ.

ހިންދޫން އަޅުކަން ކުރާ އެއްޗަކަށް ވާތީ އެމީހުން ގެރިމަސް ނުކެޔަސް ގެރިމަހަކީ ދުނިޔޭގެ ގިނަ ބަޔަކު ކާ ބާވަތެކެވެ. ނަމަވެސް އިންޑިއާގައި އުޅޭ 200 މިލިޔަނަށް ވުރެ ގިނަ މުސްލިމުން އެހައްގުން މަހުރޫމް ކުރުމުގެ މަސައްކަތް މިހެން ކުރިއަށް ދާއިރު އދ. އަކުން ވެސް އެވާހަކައެއް ނުދައްކައެވެ. އަނެއްކައި އެފަދަ އަނިޔާވެރިކޮށް މީހުން މަރަމުން ދާއިރު އެކަން ހުއްޓުވަން އިންޑިއާއަށް ބާރު އަޅާނެ ބަޔަކުވެސް ނެތެވެ.

އެގޮތުގައި އަހަރުތަަކަކަށް ދެމިގެންދާ ނަމަ ، މުސްލިމުން ވެސް ގާނޫނު އަތަށް ކަހާލައިގެން ނުކުތުމަކީ ދުރުކަމެއް ނޫނެވެ. އޭރުން އޮންނާނީ ގަދަވާ ބައެކެވެ. ޖަންގަލީގެ ގާނޫނެވެ.

( މިއީ ބީބީސީ އިން 26 ޖޫން 2017 ވަނަ ދުވަހު ' އިޒް އިންޑިއާ ޑިސެންޑިން އިންޓު މޮބް ރޫލް؟ " މިސުރުހީގެ ދަށުން ޝާއިއުކުރި ރިޕޯޓް އަސްލަކަށް ބަލައިގެން، ކުދި ކުދި ބަދަލުތަކަކާ އެކު ލިޔެފައިވާ ލިއުމެކެވެ)