ވާހަކަ

މުޅިޖާންހިތާ

(25 ޖޫން 2017 އާ ގުޅޭ)
"ލޫކަން ފެނުމުން އަހަރެން މިކޮޅަށް ޖޮއިންވި ފުރަތަމަ ދުވަސް މަތީން ހަނދާންވީ. އަހަރެން ވެސް އުމުރުގެ ބޮޑުބައި ހޭދަ ކުރީ ރާއްޖޭން ބޭރުގައި. މާލެ އައީ މަޖުބޫރުވެގެން... ފެމެލީއަށް ޓަކައި..." ލުއި ހީނލުމަކާއެކު ޒޭން އޭނާގެ މާޒީ ހަނދާންކޮށްލިއެވެ.

"އަހަރެން ދިވެހިބަހަށް ފަރިތައެއް ނޫން. އިނގިރޭސި ބަހުން ވާހަކަ ދެއްކިއްޔާ ތަންކޮޅެއް ފަސޭހަވާނެ" ޒޭންގެ ވާހަކައަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލި ލޫކަން ބުންޏެވެ.

"އަދި ދަސްވާނެ... އެއީ އެހާ އުނދަގޫ ބަހެއްނޫން" ދެ ކޮފީ ޖޯޑުން އެއް ޖޯޑު ލޫކަންއަށް ޒޭން ދިއްކޮށްލި އެވެ. އަދި ލޫކަން ގޮވައިގެން ޒޭން އައިސް ވަނީ އެ މީހުންނަށް ޚާއްޞަ ކުރެވިފައި ހުރި ކެބިންއަށެވެ. ހޮސްޕިޓަލުގައި ކޮންމެ ޑަކްޓަރަކަށް ވަކިން ކެބިންއެއް ނުހުރެއެވެ. މަޤާމުގެ ގޮތުން އިސް ޑަކްޓަރުންގެ ތެރޭ ޑިޕާޓްމެންޓު ވަކިކޮށް ކެބިން ދީފައިވެއެވެ. ޒޭންއާއި ލޫކަންގެ އިތުރުން އެ މީހުން ތިބޭ ކެބިންގެ ތެރޭގައި އިތުރު ދެ ޑަކްޓަރުންގެ މޭޒު ހުއްޓެވެ. އެ ދެމީހުންނަކީ އިންޑިއާގެ ދެ ޑަކްޓަރުންކަން ޒޭން އޮޅުން ފިލުވައިދިނެވެ.

ހެނދުނު ނުވައަކުން މެންދުރު އެކަކަށް ލޫކަން ބަލިމީހުން ބެލިއެވެ. އޭނާއަށް ކަނޑައަޅާފައި އޮތް ވަގުތު ހަމަވީއެވެ. އެނބުރި ކެބިންއަށް އައި އިރު އެތަނުގައި އެއްވެސް ޑަކްޓަރަކު ނެތެވެ. ލޫކަންއަށް ޚާއްޞަކުރެވިފައި ހުރި މޭޒުގެ ދޮށުގައި އައިސް އޭނާ އިށީނެވެ. ހަށިފުރާ ނޭވާއެއްލުމާއެކު ގޮނޑީގައި ހަށިގަނޑުގައި ޖައްސާލި އެވެ. މަޑުމަޑުން ކަރު ދެފަރާތައް އަނބުރާލާ ކުޑަ ކަސްރަތެއް ކޮށްލި ކަހަލައެވެ. ކުރާނޭ އިތުރު ކަމެއް ނެތުމާއެކު ދެން ގެއަށް ދާންވީ ކަމެއް ނޭނގިފައި ލޫކަން މަޑުކޮށްލީ ޒޭން އަންނަން ދެނެވެ. އެއްވެސް ކަމެއް ނެތިފައި އިންނަން ފެށުމުން ލޫކަންގެ ޚިޔާލު ދަތުރުކުރީ އައިރާއާ ދިމާއަށެވެ. މިވަގުތު އެ އަންހެންކުއްޖާ ގޭގައި ކުރާނީ ކީއްބާއޭ ހިތުގައި ސުވާލު އުފެދުނެވެ. އައިރާގެ ޚީޔާލުގައި އިނދެ މޭޒުމަތީ އޮތް ނޯޓު ފޮތުން ކަރުދާހެއް ނައްޓާލިއެވެ. ނިކަން ފަރިތަކަމާއެކު ލޫކަން އެ ކަރުދާހުން ދޫންޏެއް ހެދިއެވެ. އަދި މޭޒުގައި ދެ އުޅަންބޮށި ވިއްދާލައިގެން އިނދެ ދެއަތުގެ ބޮޑުވައި އިނގިއްޏާއި ޝަހާދަތްއިނގިލިން ދޫނީގެ ފިޔަފަތްގަނޑުގައި ހިފަހައްޓާލައިގެން އިނެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައި ވީއިރު ލޫކަންގެ ނަޒަރު ހުރީ ހިފަހައްޓާލެވިފައިވާ ދޫންޏަށް ހުއްޓިފައެވެ.

"އެއީ ކާކުތަ؟" ބިއްލޫރި ދޮރުކައިރީ އެތެރެއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޒޭން ވަނެވެ. އޭނާގެ އަޑަށް ލޫކަން ބަލާލިއެވެ.

"ކޮބާ؟" ލޫކަން ބަލާލީ ދޮރާ ދިމާއަށެވެ. އޭނާއަށް ޒޭން އެބުނި އެއްޗެއް ނޭނގުނެވެ.

"އަތުގައި ތިއޮތް ދޫނި. އެއީ ކޮން ކުއްޖެއްހޭ މި އަހާލީ. އަނެއްކާ ނުބުނެވޭވަރު ވާހަކައެއް އޮޅުން ފިލުވަންތަ މިއުޅެވެނީ" ސަމާސާކަން އެކުލެވޭ ރާގެއްގައި ޒޭން ވާހަކަ ދެއްކިއެވެ. އޭނާގެ މޭޒުގެ ދޮށުގައި ހުއްޓި ވައަތް ފަރާތުގައިވި ބޮޑު ވަތްގަނޑު ހުޅުވާލުމާއެކު ޒޭންގެ ބްރިފްކޭސް ނަގާ މޭޒުމަތީ ބާއްވާލި އެވެ.

"އެއްވެސް މީހެއް ނޫން" ރަކި ހީނލުމަކާއެކު ލޫކަން ބުންޏެވެ. އޭނާގެ ހިތުގެ ހާލު އެހާ ފަސޭހައިން ޒޭންއަށް ދެނެގަންނަން އެނގުނީތީ ލޫކަން ހައިރާން ވެސް ވިއެވެ. ހަމައެއާއެކު ހިތާ ޝަކުވާ ކޮށްލެވުނީ އޭނާ އެމީހެއްގެ ގާތަށް އެ އިހުސާސްތައް ހިފައިގެން ދާއިރު ވެސް ލޫކަންގެ ހިތުގެ ހާލު ނޭނގޭތީ އެވެ.

"ގެއަށް ނުދަންތަ؟ ފުރަތަމަ ދުވަސްވީމަ ދާން ނުކެރިފަތަ؟" ޒޭން ބްރިފްކޭސް ހިފައިގެން ނުކުންނަން ހިނގައިގަންނަމުން ބުނެލި އެވެ.

"އެހެނެއްނޫން. ޒޭން އަންނަންދެން މި މަޑުކުރަނީ. ޑިއުޓީގަޑި އެކެއްގަ ނިމިއްޖެ. ގެއަށް ދާންވީކަމެއް ނޭނގޭތީ ޒޭން ގާތުގައި އަހާލަން މަޑުކުރީ" ލޫކަން ވެސް ދާން ތެދުވިއެވެ.

"ޑިއުޓީ ނިމުނީމަ އިތުރު ޕޭޝަންޓެއްގެ ކަމެއް ނެތިއްޔާ ދެން ދާންވީ. އިމަޖެންސީއެއް އަތުވެއްޖެނަމަ ގޭގައި ތިއްބަސް މިތަނުގައި ތިބޭނެ ގުޅާފައި އެކަން އަންގާނޭ ކުދީން. ބައެއް ދުވަސް ދުވަހު އޮންނާނެ ޑަކްޓަރުންގެ މެދުގައި ޑިސްކަޝަންސް. ލޫކް ބޭނުމިއްޔާ ޖޮއިންވާންވީ" ޒޭންއާއި ލޫކަން އެކުއެކީ ހޮސްޕިޓަލުން ނުކުންނަން އައެވެ.

* * *

ކުޑަ ދުވަސްކޮޅެއްގެތެރޭ ލޫކަންގެ ހުރި ހަމައެކަނި ރަޙުމަތްތެރިޔާއަށް ޒޭންވި އެވެ. ހޮސްޕިޓަލުގެ ތެރޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ބޭރުތެރެއިން ވެސް ލޫކަންއާއި ޒޭން ބައްދަލުވެ ހަދައެވެ. ދެ މީހުންގެ ޢާއިލާގެ ކަންކަން މަދުން ނަމަވެސް ޚިއްޞާކޮށް ހަދައެވެ. ޒޭންގެ ހުންނަ ހިތްހެޔޮ މިޒާޖުގެ ސަބަބުން އޭނާއަށް އިތުބާރު ކުރަން ލޫކަންއަށް ފަސޭހަވިއެވެ. އެކަކު އަނެކަކާ ބެހޭ ގޮތުން އޮޅުން ފިލިވަރަކަށް ދެމީހުންގެ ހަޔާތުގައި ވެސް އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަވެގެން ދިޔައެވެ. ދެ މީހުންގެ ދިރިއުޅުމުގައި ވެސް މަންމައެއްގެ ލޯބި ލިބިފައިނުވާއިރު މިހާރު ދެ މީހުންގެ ދިރިއުޅުމުގައި ވެސް ހަމައެކަނި ހުރީ ބައްޕައެކެވެ.

މެންދުރުފަހުގެ ޑިއުޓީގައި ޒޭންއާއިއެކު ލޫކަން މަސައްކަތް ކުރަމުން އައި ދުވަހެކެވެ. ހަވީރު ހައެއްޖާކަން ހާއިރު ބްރޭކުވުމުން ދެ ޒުވާނުން އެކުގައި ހޮސްޕިޓަލުން ނުކުތީ ކޮފީއެއް ބޯލުމަށެވެ.

"ލޫކް ހޭލާ ހުރެވެސް ހުވަފެން ބަލަނީކަން އަހަންނަށް އެނގޭ. އަންހެންކުއްޖެއްގެ ޖާދޫ ޖެހިގެން ނޫނީ ފިރިހެނަކު ހޭލާ ހުރެ ހުވަފެނެއް ނުބަލާނެ" ކޮފީތަށްޓާއެކު ގެނައި ސޭންޑްވިޗް ކަމުން ޒޭން ވާހަކަ ދެއްކިއެވެ.

"އަހަރެން ޒޭން ގާތު އެ ވާހަކަ ނުބުނާކަށް ނޫން. ދައްކަން އެހާ ފަސޭހަ ވާހަކައެއް ނޫންވީމަ" ކުރިމަތީ ހުރި ލަވާތަށީގެ ކައިރިފަށުގައި އިނގިލި ހާކާލަމުން ލޫކް ބުންޏެވެ.

"މީހެއްގެ ހައްޤަކީތަ؟ ނޫނީ މައިންބަފައިން ނުރުހެނީތަ؟ އަހަންނަކަށް ހިޔެއްނުވޭ ލޫކް ފެނިފަ އަންހެންކުއްޖަކު ސެޓުނުވެ ހުރެދާނެއޭ"

"އަހަރެން ތި ހީކުރާހާ ކާމިޔާބެއް ނޫން" ހިނިއައިސްފައި އިނދެ ލޫކަން ބުނެލިއެވެ.

"ކޮބާ މައްސަލައަކީ؟ އަހަރެންގެ އެހީއެއް ބޭނުންނަމަ ނުބުނެ ނުހުންނައްޗޭ" ޒޭން ބުންޏެވެ.

ދުރުދުރުން ނަމަވެސް ލޫކަން ވާހަކަ ފެށިއެވެ. އޭނާގެ މަންމަ ނިޔާވި ފަހުން ބައްޕަ އިތުރު ކައިވެންޏެއް ކުރުމުގެ ޚިޔާލު ނުގެންގުޅޭކަމެވެ. އެހެންނަމަވެސް ހަމަ ކުއްލިއަކަށް ރުބީނާއާ ކައިވެނި ކުރިކަމެވެ. ކުރީގެ ކައިވެންޏަކަށް ރުބީނާއަށް ދެ ކުދީން ލިބިފައިވީ ކަމެވެ. އައިރާއާ ބެހޭ ވާހަކަތައް ފެށުނީ ދެނެވެ. ލޫކަންއަށް އެ އަންހެންކުއްޖާ ފެނުނު ގޮތް އޭނާ ކިޔައިދިނެވެ. ރުބީނާ އޭނާއާ މެދު ކަންތައް ކުރާ ގޮތް ވެސް ލޫކަން ކިޔައިދިނެވެ.

"އަހަރެން ވެސް އަޑުއެހިން ޒުވާނަކު ލާންޗެއްގެ ބުރަފަތި ދަށުވެ މަރުވި ވާހަކަ" ލޫކަންގެ ވާހަކަ އަޑުއަހަން އިނދެފައި ޒޭން ބުންޏެވެ.

"އޭނާގެ އުފަން ނުވާ ދަރިފުޅާއެކު އެ އަންހެންކުއްޖާ އުޅެނީ ވަރަށް ހާލުގައި. އަހަރެން އޭނާއަށް އެހީވާން ބޭނުން" ލޫކަންގެ ހިތުގައިވާ އެއްޗެއް ހާމަކުރިއެވެ.

"ކީއްވެ؟" ޒޭން ކުރި ސުވާލުން ލޫކަން ހައިރާންވިއެވެ.

"އޭނާ އުޅޭ ހާލު ދެންމެ ޒޭންއަށް މި ކިޔާދިނީ. ދެން ކީއްވެތޯ ތި ސުވާލު ކުރަނީ... އަހަންނަކަށް ނުވިސްނުނު" ހައިރާންކަމާއެކު ލޫކަން ބުންޏެވެ.

"ލޫކް ލޯބިވޭތަ އެ އަންހެންކުއްޖާދެކެ. ނޫނީ އިންސާނިއްޔަތުކަމަށް ޓަކައި އޭނާއަށް އެހީވާން ބޭނުންވަނީތަ؟"

"އައި ލައިކް ހާ... އެކަން އަންގަން މަސައްކަތް ވެސް ކުރަން. އެކަމަކު އޭނާ ހިޔެއް ނުވޭ އޭނާގެ ދިރިއުޅުމުން އެހެންމީހަކަށް ޖާގަ ދީފާނެހެން" މާޔޫސްކަމާއެކު ލޫކަން އިސްޖަހާލި އެވެ.

"ތިހެން ނުބުނޭ. އަހަރެން ދުށީން އުމުރުދުވަހު އެމީހަކަށް ނަފުރަތުކުރާން މަސައްކަތްކުރި އަންހެންކުއްޖެއް ވެސް އޭނާ އެހާވަރަށް ނަފުރަތުކުރި މީހާދެކެ ލޯބިވީތަން. މަސައްކަތްކޮށްފިއްޔާ ނުވާނެކަމެއް މަދުވާނެ. ލޫކްއަށް ކެރޭނެތަ ނިމުމެއްނެތް އިންތިޒާރެއް ކުރާން. ފެންނާނޭ ކަމުގެ އުންމީދެއް ނެތަސް އެ ދުވަސް ދުށުމަށް ކެތްތެރިކަމާއެކު މަޑުކުރާން... އެނގޭތަ! ލޯބިވާން ވަރަށް ފަސޭހަވާނެ އެކަމަކު އުނދަގޫކަމަކީ އެ ލޯބީގައި ދެމިހުންނަން... ޚާއްޞަކޮށް އަނެކާގެ ފަރާތުން ތިމާ ބޭނުންވި ލޯބި ލިބެންދެން" އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޒޭން ބުންޏެވެ.

"ޒޭންއަށް ތިކަން އެނގެނީ ތަޖުރިބާ ކުރާން ޖެހުނީމަތަ؟ އަނެއްކާ ވައިފްތަ އެ އަންހެންކުއްޖަކީ؟" ލޫކް އަހާލިއެވެ.

"ވައިފްއެއް ނޫން. އެ މީހަކީ އަހަރެންގެ މަންމަ..." ޒޭންގެ މޫނުމަތި ކުޑަ ހިނދުކޮޅަކަށް ވިޔަސް މިލައިގެން ދިޔައެވެ.

"ޒޭން މަންމައަށް ކިހިނެއްވީ؟" އޮޅުންފިލުވާލާ ހިތްވެފައި އިންލެއް ބޮޑުކަމުން ލޫކަންއަށް އަހާލެވުނެވެ. އެވަގުތު އޭނާގެ ސިކުނޑީގައި އުފެދުނު ޚިޔާލަކީ ޒޭންގެ މަންމައާއި އައިރާގެ ދިރިއުޅުން އެއްގޮތްކަމުގެ ޚިޔާލެވެ. ޒޭންގެ ވާހަކަތަކުގެ މުރާދަކީ އެއީ ކަމުގައި ވެދާނެކަމެވެ. އިތުރަށް އޮޅުންފިލުވަން ބޭނުންވީ އެ ވާހަކަތަކުން ކުރިއަށްދާންވީ މަގު ލޫކަންއަށް ސާފުވެދާނޭ ހީވެފައެވެ.

"އެ ވާހަކަ ބާއްވާ ފަހަށް. މިހާރު މިއުޅެނީ މަންމަގެ ލަވް ސްޓޯރީގެ ވާހަކަ ދައްކާކަށް ނޫން. ލޫކްގެ ލައިފްއަށް ތި އައިސްގެ އުޅޭ ކްރައިސިސްއަށް ހައްލެއް ހޯދާދެވޭތޯ" ނިކަން އަވަހަށް ޒޭންގެ ހުންނަ ސަކަ މިޒާޖު އެނބުރި އައެވެ.

"ލޫކްގެ ދޮންމަންމައަށް ނޭނގި އެ އަންހެންކުއްޖާ ތިގެއިން ނެރެންވީނު" ވިސްނަން އިނދެފައި ޒޭން ޚިޔާލު ދިނެވެ.

"ތިކަމެއް ނުވާނެ. އޭނާ އެ ހުންނަނީ އަބަދު އައިރާގެ ފަހަތުން ވިއްދާފައި" ލޫކަން ދެފަރާތައް ބޯ ހޫރާލި އެވެ.

"އައިރާ ވާހަކަ ދައްކަބަލަ. އޭނާ ބޭނުންވާ ގޮތެއް އޮޅުން ފިލުވަބަލަ. ހަމަގައިމުވެސް ކުށެއްނެތި ޖަލެއްގައި ބަންދުވެގެން އިންނާކަށް އޭނާ ވެސް ބޭނުމެއް ނުވާނެ. ލޫކް މިހާރަށް ވުރެ ގިނައިން އޭނާއާ ވާހަކަ ދައްކަންވީ. ދޮންމަންމަގެ ކަންތައްތައް ލޫކްއަށް އެނގިއްޖެކަން ކޮންމެވެސް ގޮތަކުން އަންގާ. މަށަށް ފެންނަނީ ދޮންމަންމަ ބްލެކްމެއިލް ކުރާން" ފަހު ޖުމްލައާއެކު ޒޭން ހީނގަތެވެ.

"އޭނާ ވަރަށް މަކަރުވެރިވާނެ. އެހެންވީމަތާ ބައްޕައަށް އެއްވެސް ކަމެއް މިހާތަނަށް ނޭނގުނީ. އަހަންނަކަށް ނޭނގެ... އައިރާ ހާދަ ބިރެކޭ ގަންނަނީ އެ ރުބީނާދެކެ"

"އެ ބިރު ކަނޑުވައިދޭން ހުރީ ލޫކްއެއްނު. އޭނާއަށް އެ ޔަގީންކަން ދީބަލަ. އެހެންވެއޭ މިބުނީ އައިރާއާ ގިނައިން ވާހަކަ ދައްކާށޭ. އެކަމަކު ބުނަން އޭނާގެ އެކަނިވެރިކަމުން ލޫކް ނުވާނެ ފައިދާއެއް ނަގައިގެން" ޒޭންގެ ނަޒަރު ލޫކަންއަށް ސީދާ ކޮށްލިއެވެ.

"އެކަހަލަ ޚިޔާލެއް ވެސް އަހަރެންގެ ނެތް. އެއަށްވުރެ އެ އަންހެންކުއްޖާއަށް އަހަރެންގެ ހިތުން ދެވިފައިވާ މަޤާމު ޚާއްޞަ. މިހާރު ވެސް އަހަންނަށް އޮތް ހަމައެކަނި ފުރުޞަތަކީ ޑަކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ހާލު ބަލަން ދިއުން. އެވަރުން ވެސް އޭނާ ހުންނަނީ އަހަރެންގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި" ލޫކަންގެ ވާހަކަ އަހާފައި ޒޭން ހޭންފެށިއެވެ.

"ފިނިފެންމަލަކަށް ހިތް ކިޔާއިރު އޭގައި ކަށި ހުންނާނޭކަން ވެސް ދަންނަންވާނެ. ލޫކްއަށް ތިކަން ވެއްޖެނަމަ އަހަންނަށް ޔަގީން އިރާދަކުރެއްވިއްޔާ އެ އަންހެންކުއްޖާ އަބަދަށް ޓަކައި ލޫކްގެ މީހަކަށްވާނެކަން. އޭނާއަށް ލޯބިވާން އަލުން ދަސްކޮށްދީ" ޒޭންގެ ވާހަކަތަކުން ލޫކަންގެ ޚިޔާލުތައް އާ މިސްރާބަކަށް ދަތުރުކުރިއެވެ. އިތުރު ހިތްވަރެއް ލިބުނެވެ.

* * *

ރޭގަނޑުގެ ކެއުމަށްފަހު ގޭތެރެ ހިމޭންވިއެވެ. ދިހަގަޑިބައި އެގާރަޖަހާލާކަން ހާއިރެވެ. ހަނދުވަރު ރީތިވެފައި އެ ހަނދުވަރުގެ އަލި ފެތުރިފައިވެއެވެ. އެނދުގައި އޮވެފައި އައިރާ ތެދުވީ އޭނާގެ ކުޑަދޮރު ކައިރިން މީހަކު ހުރަސްކެނޑިހެން ހީވެގެންނެވެ. އަވަސް އަވަހަށް އަތުގައި ހުރި ކަރުދާސްކޮޅުތައް ވަތްގަނޑަށް ލާފައި ތެދުވި އެވެ. އެވަގުތު ހިތައް އެރީ އޭނާގެ ކުޑަދޮރުގެ ތަންޑުގައި ކަރުދާސްދޫނި ހަރުކުރަން އެމީހަކު އުޅެނީ ކަމަށެވެ. އެހެންވެ އެއީ ކާކުތޯ ބަލަން އައިރާ ބޭނުންވީ އެވެ.

މައިދޮރުން ބޭރަށް ނުކުމެ ފުރަތަމަ ވެސް އައިރާއަށް ބަލާލެވުނީ ކުޑަދޮރާ ދިމާއަށެވެ. އެހިސާބުން މީހަކު ނުފެނުނެވެ. މުޅި ހިސާބު މިރޭ އޮތީ ވަރަށް އަލިކޮށެވެ. އުޑުމައްޗަށް ބަލާލާފައި މޫނު ތިރިކޮށްލި ވަގުތު ލޮލުގެ ހިމަކޮޅުން ބޮޑަށް ދޮށުގައި ހުރި މޭޒު ފެނުނެވެ. އެ ތަނުގައި މީހަކު އިންކަން ޔަގީންވެގެން އައިރާއަށް ބަލާލެވުނެވެ. ނިކަން ހަމަޖެހިލައިގެން އެއްފައި މައްޗަށް އަނެއްފައި ލައިގެން މޭޒު ދޮށުގައި ލޫކަން އިންތަން ފެނުނެވެ. އޭނާ ފެނި އައިރާ ސިހޭ ގޮތްވި އެވެ. އަތްފައި ފިނިވާ ގޮތްވި އެވެ. ބަލިވެއިން ފަހުން އަތުން ދާހިއްލުން ކުޑައެވެ.

"އައިރާ! އާދެބަލަ..." ލުއި ހިނިތުންވުމަކާއެކު ލޫކަން ގޮވާލިއެވެ. ނުދާން ހުރެފައި ވެސް އައިރާ ކުރިއަށް ހިނގައިގަތެވެ. (ނުނިމޭ)