ދުނިޔެ

ވައިޓްހައުސްގައި މިހާރު މިހުރީ އިންޑިއާގެ ހަގީގީ އެކުވެރިއެއް: ޓްރަމްޕް

Jun 27, 2017

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވާ ފަދައިން އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި މިހާރު ހުންނެވީ އިންޑިއާގެ ހަގީގީ އެކުވެރިއެއް ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ވައިޓްހައުސްގައި މޯދީއާ ބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން ބޭއްވެވި ނޫސް ކޮންފަރެންސްގައެވެ.

"އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ވައިޓްހައުސްގައި ހުންނާނީ އިންޑިއާގެ ހަގީގީ އެކުވެރިއެއް" ކަމަށް ކެމްޕޭނުގައި ވިދާޅުވި ވިދާޅުވުމުގެ ހަނދާން އާކުރައްވަމުން ޓްރަމްޕް ވިދާޅުވީ "މިހާރު މިހުރީ ހަގީގީ އެކުވެރިއެއް" ކަމަށެވެ.

ވައިޓްހައުސްގެ ރޯސްގާޑަންގައި މީޑިއާގެ ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ތައުރީފު ކުރެއްވި ނަމަވެސް، އެ ދެގައުމުން ހިޔާލުތަފާތުވާކަން ކުރިން ހާމަކޮށްފައިވާ ސިޔާސަތުތަކާ މެދު އެއްޗެއް ވިދާޅެއް ނުވެއެވެ.

ހިޔާލުތަފާތުވާ ކަންކަމަކީ:

ޓްރަމްޕާއި މޯދީ ވެސް އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ހާމަކުރައްވާފައި ވަނީ ގައުމުގައި އުފެއްދުންތެރިކަން އިތުރު ކުރެއްވުމެވެ. ނަމަވެސް އެކަން ހާސިލު ކުރެއްވުމަށް ހިޔާރުކުރައްވާފައި ވަނީ ދެ މަގެކެވެ. މޯދީ ގެންގުޅުއްވަނީ "އިންޑިއާގައި އުފައްދާ" މި ޝިއާރެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޭރުގެ ކުންފުނިތަކުން އިންޑިއާގައި ފެކްޓްރީތައް ގާއިމްކޮށް، ތަކެތި އުފެއްދުމަށް މަގު ފަހިކުރައްވާށެވެ. ނަމަވެސް ޓްރަމްޕް ގެންގުޅުއްވަނީ "އެމެރިކާއިން ގަނޭ، އެމެރިކާއިން ވަޒީފާ ދީ" މިޝިއާރެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އުފެއްދުންތެރިކަން އެމެރިކާއިން ބޭރަށް ގެންދާ ކުންފުނިތަކަށް އަދަބު ދެއްވާނެ ކަމަށެވެ. އެގޮތުން ނެރުއްވި ރިޔާސީ ގަރާރުން އިންޑިއާގެ އިންޖިނޭރުންނަށް ވަނީ ދަތިތަކަށް ކުރިމަތިވެފައެެވެ. އިންޑިއާގެ އިންޖިނޭރުން އެމެރިކާގައި މަސައްކަތް ކުރަން ފަސޭހަކުރުމަށް ގާއިމްކޮށްފައިވާ އެޗް-އައިބީ ވިސާ ޕްރޮގްރާމަށް އޭނާ ވަނީ ބޮޑެތި ބަދަލުތައް ގެންނަވާފައެވެ.

ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދުނު އަނެއް މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ގާއިމްކޮށްފައިވާ ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވި ކަން އިއުލާން ކުރެެއްވި އިރު، ޓްރަމްޕް އިންޑިއާއަށް ފާޑުވިދާޅުވުމެވެ.

އޭނާ ތުހުމަތުކުރައްވާފައި ވަނީ ޕެރިސް އެގްރިމެންޓްގައި ސޮއިކުރުމަށް އިންޑިއާއަށް އެތައް ބިލިޔަން ޑޮލަރެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާއިން ވަނީ އެކަން ދޮގު ކޮށްފައެވެ.