ހަބަރު

ޖަނަރޭޓަރު މަރާމާތުކޮށް އަލިފުއްޓަށް ކަރަންޓު ދެވޭނެ: ފެނަކަ

ރ. އަލިފުއްޓަށް ކަރަންޓު ދެމުންދިޔަ ޖަނަރޭޓަރަށް މައްސަލަތަކެއް ދިމާވެ، ރަށުން އެއްކޮށް ކަރަންޓު ގޮސްފައިވީ ނަމަވެސް އެ ރަށަށް ވަރަށް އަވަހަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މިއަދު ހެނދުނުން ފެށިގެން އެ ރަށުން ކަރަންޓު ކެނޑެމުން ގޮސްފައިވާއިރު އިޝާ ނަމާދު ވަގުތު ޖެހުނުތަނާހެން ކަރަންޓު ދިޔަ ގޮތަށް ރަށަށް އެއްވެސް ވަރަކަށް ކަރަންޓު ނުލިބެ އެވެ. ރައްޔިތުން ގެންދަނީ އެ ރަށު ކައުންސިލް އިދާރާ ކުރި މައްޗަށް އެއްވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފެނަކައިގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ، އަލިފުށިން ކަރަންޓު ގޮސްފައިވަނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށާއި އެކަން ހައްލުކުރުމަށް ރީޖަންގެ އިންޖިނިއަރުން އެ ރަށަށް ގޮސް އެ މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު އުނދަގޫވެގެން އުޅޭ ކަމަކީ ރަށުގެ ބައެއް މީހުން އެތަނުގަ މަސައްކަތް ކުރަން ފެސިލިޓޭޓް ނުކޮށްދިނުން، އެކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އަލިފުއްޓަށް އާ ޖަނަރޭޓަރެއް ގެންދަން ނުޖެހޭނެ ކަމަށާއި ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލަތައް ހައްލުކޮށް އެ ރަށަށް ކަރަންޓު ދެވޭނެ ކަމަށެވެ.

"ޓެކްނިކަލް ޓީމާ ވަނީ މަޝްވަރާ ކުރެވިފަ، އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ގަޑިއިރެއްހާ އިރުގެ ތެރޭގައި ކަރަންޓު ދެވޭވަރު ވާނެ،" ޝަރީފް ވިދާޅުވި އެވެ.

އަލިފުށި ކައުންސިލްގެ ނައިބު ރައީސް އަބްދުލްރަހްމާން ޔޫސުފް ވިދާޅުވީ، ރަށުގައި ދެ ޖަނަރޭޓަރު ހުންނަ ކަމަށާއި އެއް ޖަނަރޭޓަރަކީ 400 ކިލޯ ވޯޓްގެ ޖަނަރޭޓަރަކާއި 600 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ކަމަށެވެ. އޭގެ ތެރެއިން 600 ކިލޯ ވޯޓްގެ ޖަނަރޭޓަރަށް ބޮޑެތި މައްސަލަތަކެއް ދިމާވެ ކަރަންޓު ނަގައިނުދޭ ކަމަށާއި އެ ޖަނަރޭޓަރުން މިހާރު ނަގައިދެނީ 130 ކިލޯ ވޯޓުގެ ކަރަންޓު ކަމަށެވެ. ދެން ހުރި 400 ކިލޯ ވޯޓު ޖަނަރޭޓަރުން ވެސް ރަށަށް އެއްކޮށް ކަރަންޓު ދެވޭ ވަރަށް ކަރަންޓު ނަގައިނުދޭ ކަމަށާއި އެ ޖަނަރޭޓަރުން ނަގައިދެނީ 300 އެއްހާ ކިލޯ ވޯޓުގެ ކަރަންޓު ކަމަށް އަބްދުލްރަހްމާން ވިދާޅުވި އެވެ.

އަލިފުށީގައި މީހުން ދިރިއުޅޭ 400 އެއްހާ ގޭބިސީ ހުރެ އެވެ.