ފިނިޕޭޖް

އީދުގައި ސުނީތާއެއް ނުފެނޭ، ނެށުން ހުއްޓާލީ؟

އީދު ޝޯތަކާއެކު އެންމެ ބާރުބޮޑުވާ އެކަކަކީ އެންމެންގެ ހިތްތަކުން ޖާގަ ހޯދައިން އުޅޭ ސުނީތާ އަލީ އެވެ. އީދު ޝޯ އަކަސް ހިތާނީ މޫސުމަަށް ވީ ނަމަވެސް އަދި މިފަހަކަށް އައިސް މާހެފުންތަކުގައިވެސް ސުނީތާއަށްވުރެ ބިޒީ މީހަކު ނެތެވެ. ކޮންމެ ރެއެއްވެސް އެހާ ފުލް އެވެ. މާލޭގައި ނަމަ އެއް ޝޯއަށް ވުރެ އިތުރަށްވެސް ދެ އެވެ. އީދުގައި އެންމެންގެ ޗުއްޓީގައި އެންމެން މުނިފޫހި ފިލުވައިދީފައި ސުނީތާއަށް ޗުއްޓީ ވަނީ އެ މޫސުމެއް ނިމުނީމަ އެވެ. އެންމެން އެމީހެއްގެ މަސައްކަތަށް އެނބުރި ރުޖޫއަ ވީމަ އެވެ.

އެކަމަކު މި އީދުގައި ސުނީތާ އެއް ނެތެވެ. އެކަން އިހުސާސްވެސް ކުރެވުނު މީހުން އެބަތިއްބެވެ. ސުނީތާގެ ވަފާތެރި ފޭނެެއް ނަމަ މިވާގޮތް ވަރަށް ރަނގަަޅަށް އެނގޭނެ އެވެ. ސުނީތާ އަކީ ފިތުރު އީދުގައި ރަށްތަކަށް ގޮސް ޝޯ ދޭ ފަރާތެއް ނޫނެވެ. މި އީދުގައި އިސްޓޭޖުތަކުން ސުނީތާގެ ފުރިހަމަ ނެށުންތައް ނުފެނުނީ އެހެންވެ އެވެ. އެއް ގޮތަކަށްވެސް އޭނާ ނެށުން ހުއްޓައެއް ނުލަ އެވެ.

"ފިތުރު އީދުގައި އާންމުކޮށް އަޅުގަނޑު ނުދެން ޝޯ އެއް. ނަމަވެސް ބައެއް ފަހަރު މާލޭގައި ނުވަތަ މާލެ ކައިރީގައި އޮންނަ ރަށަކަށް ގޮސްފަ ޝޯއެއް ދީފާނެ. އެއީ ޝޯ ނިންމާ ގޮތަށް އަނބުރާ މާލެ އާދެވޭނެތީ،" ސުނީތާ ބުންޏެވެ.

ފިތުރު އީދާ ގުޅިގެން މި އަހަރު ސުނީތާ އެއްވެސް ޝޯއެއް ނުދެ އެވެ. އެހެން ނަމަވެސް ވަރަށް ކުރިން ލިބިފައި އިން ހިތާނީ ޝޯއެއްގައި ޕާފޯމް ކުރި އެވެ. ފިތުރު އީދުގައި ސުނީތާ ޝޯ ނުދެނީ ކީއްވެ ހެއްޔެވެ؟

"ފިތުރު އީދުގައި އަޅުގަނޑު ޝޯ ނުދެނީ އެއީ އީދު ދުވަހަށްފަހު އަނެއްކާ ހަ ރޯދަ ހިފުން މި އޮންނަނީ. ރަށުން ބޭރުގައި އުޅޭއިރު ވަރަށް އުނދަގޫވާނެ ދޯ ރޯދައަށް ހުންނަން،" ފިތުރު އީދުގައި ޝޯ ނުދޭ ސަބަބު ސުނީތާ ކިޔައިދިނެވެ.

މިއަހަރުގެ ފިތުރު އީދުގައި ސުނީތާ އެއްވެސް ޝޯ އެއް ނުދޭއިރު މިދިޔަ އަހަރުވެސް ދިނީ އެންމެ ޝޯ އެކެވެ. އެއީ އީދު ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސް ގައި އޮތް ޝޯ އެއްގަ އެވެ.

އާންމުކޮށް އީދު ޝޯއެއް ސުނީތާ ކުޅެދޭ އަގަކީ 10،000 ރުފިޔާ އެވެ. ނެށުންތެރިއެއްގެ ގޮތުގައި ސުނީތާ ވަނީ ރާއްޖޭގައި އާއުސްމިންތަކެއް ގިރާކޮށް ސަގާފަތާއި އާދަކާދައިގެ ގޮތުން ދިވެހިން ތެރޭގައި އޮތް ނުބައި އާދަތަކަކަށް ވެސް ފިލާވަޅުތަކެއް ނަގައިދީފަ އެވެ. އެގޮތުން ސުނީތާ އަށް ކުރިން މަލާމާތްކުރި އެތައް ބަޔަކު މިހާރު ވަނީ އޭނާގެ އެންމެ ވަފާތެރި ފޭނުންނަށް ބަދަލުވެފަ އެވެ.