ހޮލީވުޑް

އަންހެނެއްގެ އަމިއްލަވަންތަކަން ގާއިމުކޮށްދޭ ފިލްމް "ކްއީން"

Apr 12, 2015
1

ވިކާސް ބާލް ޑައިރެކްޓްކޮށް މިދިޔަ އަހަރު ނެރެފައިވާ "ކްއީން"އަކީ ކޮންމެ އަންހެނަކު ވެސް ބަލައިލަން މަޖުބޫރު ފިލްމެކެވެ. ފިރިހެނުންގެ ބާރު އޮތް ދުނިޔެއެއްގައި އެ ކަނބަލުންގެ އަމިއްލަވަންތަކަން ކަށަވަރު ކުރުމަށް މަގު އަލިކޮށްދޭ ވިސްނުންތޫނު މޮޅު ފިލްމްކެވެ.

ކައިވެނި ކުރަން ދެ ދުވަހަށް ވެފައި ވަނިކޮށް ރާނީ މެހްރާ (ކަންގަނާ ރަނައުތު)ގެ ހިތް ހަލާކު ކޮށްލަނީ ވިޖޭ (ރާޖްކުމާރު ރާއޯ) އެ ކައިވެނި ކެންސަލް ކޮށްލުމުންނެވެ. ނަމަވެސް އެއަށް ވުރެ ވެސް ހިތާމަވެރީ އޭނާ ސީދާ ސަބަބު ނުބެނެދޭތީއެވެ. "ތިމަންނަ ބަދަލުވެއްޖޭ އެކަމަކު ކަލާ ބަދަލެއް ނުވޭ" މިފަދަ ސީދާ ސާފު ނުވާ، ގޮތް ނެނގޭ އުޒުރެއް ދައްކައިގެންނެވެ.

އަންހެނެއްގެ ނަފުސަށް މިއަށްވުރެ ބޮޑު އަނިޔާއެއް ނުދެވޭނެއެވެ. ވާނުވާ ނޭނގޭ "ސަބަބެއް" ދެއްކުމުގެ އިތުރުން، އަންހެނެއްގެ ހަޔާތަށް އަންނާނެ އެންމެ މުހިންމު ކަން ކަމަށްވާ ކައިވެނި ކެންސަލް ކުރަން "ޖެހުނީ" ހުދު އެ އަންހެން މީހާގެ ސަބަބުން ކަމަށް ނުސީދާ ގޮތެއްގައި ދޭހަވާ ގޮތަކަށް ވިޖޭގެ ވާހަކަ ބައްޓަންކޮށް، ރާނީގެ ސިކުނޑި ހަލާކު ކޮށްލައިގެންނެވެ.

ފިލްމް ފެއާ އަދި ގައުމީ އެވޯޑުގައި އެންމެ މޮޅު ފިލްމްގެ އިތުރުން އެންމެ މޮޅު ބަތަލާގެ އިނާމު ލިބުނު ކަންގަނާ ވަރަށް ހުނަރުވެރި ކަމާއެކު މި މޮޅު ރޯލު ދައްކުވައިދެއެވެ. ގެއަށް އައިސް ކޮޓަރިއަށް ވަދެ ތަޅުލައިގެން އެތައް އިރަކު އޭނާ އިންނަނީ ގަބުކައިފައެވެ. ވީ ގޮތެއް ނޭނގިގެންނެވެ.

ފަހަރެއްގައި ދެން ޕެރިހަށާއި އެމްސްޓަޑަމަށް އެކަނިމާއެކަނި "ހަނީމޫނަށް" ދާން ނިންމަނީ ވެސް ހަދާނެ ގޮތް ނޭނގިގެން ކަމަށް ވެދާނެއެވެ. ނަމަވެސް އެ ނިންމުން އެ ގޮތަށް އޭނާއަށް ނިންމުމަށް ދިމާވުން ވަނީ އޭނާގެ ނަސީބަށެވެ. ކައިވެނި ކެންސަލު ވުމުގައި އޭނާގެ އުޒުރެއް ނެތްކަން އޭނާއަށް އަމިއްލައަށް ހާމަވަނީ އެ ހިސާބުންނެވެ. ހަގީގަތުގައި ވިޖޭއަކީ ފާޑެއްގެ އަޅުވެތިކަމެއް ގެންގުޅޭ ފިރިހެނެއް ކަމާއި އަދި އޭނާއާ ކައިވެނި ކުރި ނަމަ ރާނީގެ އަމިއްލަ މިނިވަންކަމާއި އަމިއްލަވަންތަކަން އެއްކޮށް ގެއްލިގެންދާނެކަން އެނގިގެން ދަނީ ޕެރިހާއި އަމްސްޓަޑަމްގައި އޭނާއާ ދިމާވާ އާ ރަހްމަތްތެރިންނާއެކު ކުރެވޭ ހަޔާތުގެ އާ ތަޖުރިބާތަކާ، ވިޖޭއާއެކު ކުރިން ކުރެވުނު ތަޖުރިބާތައް "އަޅާކިޔާލަން" ފުރުސަތު ލިބުމުންނެވެ.

އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ މި ހުރިހާ ކަމެއް ހާމަވުމާއެކު ވެސް ރާނީ "ނެގަޓިވް" މީހަކަށް ބަދަލު ނުވި ކަމެވެ. "ޕްރެކްޓިކަލް" އަދި "ރިއަލިސްޓިކް" ގޮތަކީ ވިޖޭއާ ކައިވެނި ނުކުރުން ކަމަށް ވިޔަސް، ކޮންމެހެން ވިޖޭއާމެދު ހިތުގައި ނަފުރަތު ބޭއްވުމަކީ ބޭކާރު ކަމެއްކަން ރާނީއަށް ވިސްނުމެވެ. މިހެންވެ، ނިއު ދިއްލީއަށް އެނބުރި އައިސް، އެންގޭޖްމަންޓް އަނގޮޓި ވިޖޭއަށް އަނބުރާ ދިނުމަށް ފަހު، ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް ރާނީ އަމިއްލައަށް ވިޖޭއާ ދިމާއަށް ބުނަނީ ވެސް ހިނިތުންވެ ހުރެއެވެ. ހުދު އޭނާ އަމިއްލައަށް ވިޖޭގެ ގެއަށް ގޮސް، ވިޖޭގެ ގައިގައި ބައްދާލުމަށް ފަހުއެވެ.

ތެދެކެވެ. ތިމާއަށް ގެއްލުންދޭން ކިތައްމެ ބަޔަކު ވެސް އުޅެފާނެއެވެ. ނަމަވެސް ބުއްދިވެރިންގެ ގޮތަކީ އެ މީހުންގެ ކިބައިން ސަލާމަތްވުމެވެ. އެ މީހުން ހަނދާން ނައްތާލާފައި ތިމާގެ އަމިއްލަ ދިރިއުޅުމައިގެން  ކުރިއަށް ދިއުމެވެ. ސަބަބަކީ އެ މީހުންނާމެދު ހިތުގައި ނަފުރަތު ބާއްވާ އަބަދު ވިސްނަން ވެއްޖެ ނަމަ އެއީ ތިމާގެ ވަގުތާއި ހަކަތަ ބޭކާރު ކުރުމެވެ. މިހެންވެ، އަނގޮޓި އަނބުރާ ދިނުމަށް ފަހު ރާނީ ވިޖޭގެ ގެއިން ނުކުމެގެންދަނީ ވެސް އަމިއްލަ ހިޔާލުތަކުގެ ތެރެއަށް ގޮސް، އަމިއްލަ ނަފުސަށް ހިނިތުންވެ ހުރެއެވެ. އަމިއްލަ ނަފުސު ދެކެ އަލުން ލޯބިވެވި، އިހުތިރާމް ކުރެވުމާއެކުއެވެ.

ގިނަ ފިލްމްތަކަކީ ބަލާމީހާގެ "އެކްސްޕެކްޓޭޝަންސް"އާ ގާތް ނުކުރާ ފިލްމްތަކެވެ. ނަމަވެސް ކަންގަނާގެ "ކްއީން"އަކީ ހީކުރި ވަރަށް ވުރެ ވެސް މާ މޮޅު، މާ ހިތްގައިމު އަދި މާ ހިތްހަމަ ޖެހުނު ފިލްމެކެވެ. މި ފަހަކަށް އައިސް ބޮލީވުޑުން ފެނުނު އެންމެ އާދަޔާ ހިލާފު، އެންމެ މޮޅު އެއް ފިލްމެވެ. މި ފިލްމް ނުބަލާ ދޫކޮށްލުމަކީ ތިމާގެ ބަދުނަސީބެވެ.