ވެނެޒުއޭލާގެ ފުލުހަކު އަންގާރަ ދުވަހު ހެލިކޮޕްޓަރެއްގައި ގޮސް އެގައުމުގެ ވެރިރަށް ސަރާކަސްގައިވާ ސުޕްރީމް ކޯޓަށާއި އިންޓީރިއާ މިނިސްޓްރީއަށް ހަމަލާތަކެއް ދީފިއެވެ.
ވެނެޒުއޭލާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ ވަގަށް ނަގާފައިގާ ހެލިކޮޕްޓަރެއް ބޭނުންކޮށްގެން ހިންގި އެހަރަކާތުގައި ސުޕްރީމް ކޯޓަށް ހަތަރު އަތުބޮން ވައްޓާލުމަށް ފަހު އިންޓީރިއާ މިނިސްޓްރީއަށް ބަޑިން ހަމަލާ ދިން ކަމަށެވެ. އެގޮތުން އިންޓީރިއާ މިނިސްޓްރީއަށް 15 ވަޒަން ފޮނުވަައިލި ކަމަށް އެ އެޖެންސީން ބުންޏެވެ.
ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ނުވަތަ ޒަހަމްވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
ފުލުހުންގެ ހެލިކޮޕްޓަރެއް ވަގަށް ނަގައިގެން ފުލުހުންގެ ބަޔަކު ދިން މި ހަމަލާއަކީ ވެނުޒުއޭލާ ގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު އުފެދޭ ފަދަ ކަމެކެވެ. ވެނެޒުއޭލާއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ، އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގެ މެމްބަރު ގައުމެކެވެ.
ސުޕްރީމް ކޯޓަށާއި އިންޓީރިއާ މިނިސްޓްރީއަށް ދިން ހަމަލާއަކީ "ބަޣާވާތް ކުރަން އުޅޭ ބަޔަކު ދިން ޓެރަރިސްޓް ހަމަލާއެއް" ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ ސިފަކުރައްވާފައެވެ.
"ލަހަކުން ނޫން، ވަރަށް އަވަހަށް، އަހަރެމެން މިހެލިކޮޕްޓަރު އަތުލައިގަންނަން، އަދި ގައުމުގެ މުއައްސަސާ ތަކާދެކޮޅަށް ދިންް ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މީހުން ވެސް،" މަދޫރޯ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.
ވެެނެޒުއޭލާ ސަރުކާރާ ދެކޮޅަށް އެގައުމުގެ ގިނަ ބަޔަކު ނުކުމެ މުޒާހަރާ ކުރަމުން ދާއިރު، އެ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިއްޔެ ދިން ހަމަލާއާ ގުޅިގެން ރައީސް މަދޫރޯ ވަނީ ސަލާމަތީ ކަންތައްތައް ބަލަަހައްޓަން އެގައުމުގެ ސިފައިން ނެރުއްވާފައެވެ.