ދުނިޔެ

ބޭރަށް ގެންދަން ހުއްދަނުދޭތީ ފަރުވާ ނުދެވިގެން ޣައްޒާގައި ތިން ކުދިން މަރުވެއްޖެ

އިޒްރޭލާއި މިސްރުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއިން ބޭރަށް ގެންދަން ހުއްދަ ނުދީގެން، ފަރުވާ ނުދެވިގެން އެރަށުގައި ތިން ކުދިން މަރުވެއްޖެއެވެ.

ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ޣައްޒާގައި ތިން ކުދިން މަރުވީ އެކުދިންނަށް އިތުރުފަރުވާދޭން އެރަށުން ބޭރަށް ގެންދަން ޕެލަސްޓީނިއަން އޮތޯރިޓީ (ހުޅަނގު އައްސޭރީގެ ރާމަﷲގައި ގާއިމްވެ އޮންނަ ފަލަސްތީނުމީހުންގެ ސަރުކާރު)އިން ހުއްދަ ނުދިންތާ 24 ގަޑި އިރު ނުވަނީސް ކަމަށެވެ. ފަލަސްތީނުގެ އިންފޮމޭޝަން މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގަދުރާ އާ ހަވާލާދީ ނޫހުން ބުނީ ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި މަރުވި ކުއްޖާ މަރުވީ ގައްޒާގެ އައް ރަންތީސީ ހޮސްޕިޓަލުގައި ކަމަށެވެ.

ގަދުރާ ވިދާޅުވެފައި ވަނީ ޣައްޒާއިން ބޭރަށް ގެންގޮސްގެން ފަރުވާދޭން ޖެހޭ ގާތްގަނޑަކަށް 4000 ކުޑަކުދިން އެރަށުގައި އެބަތިބި ކަމަށެވެ.

ބޭނުންވާ އިކްއިޕްމެންޓް ނެތުމުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލުތަކުގައި ގިނަ ބަލިތަކަކަށް ފަރުވާ ދެވެން ނުހުންނަ އިރު އެ ހޮސްޕިޓަލްތަކަށް ބޭހުގެ ދަތިކަން ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ޣައްްޒާގެ ހޮސްޕިޓަލުތަކާއި ކްލިނިކް ތަކުގެ ހާލަތު ދަށް ދިޔައީ ޕެލަސްޓީނިއަން އޮތޯރިޓީން (ހުޅަނގު އައްސޭރީގައި ގާއިމްކޮށްފައިވާ ފަލަސްތީނު މީހުންގެ ސަރުކާރުން) އެރަށަށް ބޭސް ފޯރުކޮށްދިނުން ހުއްޓައިލުމުން ކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ފާމަސީ ޑިޕާޓްމަންޓުގެ ފަރާތުން ޣައްޒާގައި ހުންނަވާ ޑައިރެކްޓަރު މުނީރު އަލް ބަރްޝު މިދިޔަ މޭމަހުގެ 25 ވަނަ ދުވަހު ވިދާޅުވެފައި ވަނީ ބޭސްފަރުވާގެ 270 ބާވަތެެއް ޣައްޒާއިން މުޅިން ހުސްވެފައިވާ ކަމަށެވެ. ގައްޒާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އިތުރު 170 ބާވަތެއް މިހާރު ވަރަށް މަދުވެފައިވާ ކަމަށެވެ.

ޣައްޒާއަށް ބޭހުގެ ޝިޕްމަންޓެއް އެންމެ ފަހުން ލިބިފައި ވަނީ ތިން މަސްދުވަސް ކުރިންނެވެ. އެރަށަށް ކުރިން ބޭސް ގެންނަނީ ދެމަސް ދުވަހަކުން އެއް ފަހަރުއެވެ. ޣައްޒާއަށް ބޭސް ފޯރުކޮށްދިނުން ފަލަސްތީނު ސަރުކާރުން ހުއްޓައިލީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ.