(27 ޖޫން 2017 އާ ގުޅޭ) -- "އައިރާ! އާދެބަލަ..." ލުއި ހިނިތުންވުމަކާއެކު ލޫކަން ގޮވާލިއެވެ. ނުދާން ހުރެފައި ވެސް އައިރާ ކުރިއަށް ހިނގައިގަތެވެ.
"މިރޭ ހަނދުވަރު ވަރަށް ރީތި ދޯ. މީގޭ ކައިރި އަތިރިމަތި ވެސް އޮތީ ދިއްލާލައިފައި އޮތްހެން" ހިނިތުންވެލައިގެން އިނދެ ލޫކަން ވާހަކަދެއްކިއެވެ. ނަމަވެސް މޭޒު ކައިރީ އައިސް ހުއްޓިލި ގޮތަށް އައިރާ ހުއްޓެވެ. އަނގައިން ބުނާން ބޭނުންނުވެފައި ހުރި ކަހަލައެވެ.
"ކަމަކާ ހިތްހަމަނުޖެހިފަތަ؟ ނުބުނަންޏާ ނޭނގޭނެ ވެގެން އުޅޭ ގޮތެއް. ޑަކްޓަރަށް ވެސް ބަލި ދެނެގަންނަން އެނގެނީ ބަލީމީހާ ކިޔައިދޭ ސިމްޓަމްސްތަކުންނާއި ކުރެވޭ ތަޙުލީލު ތަކުން" ދެއަތްއުރާލައިގެން އުޑުމައްޗަށް އައިރާ ބަލަން ފެށުމުން ލޫކަން އަހާލިއެވެ.
"ތީ އަހަރެންގެ ޑަކްޓަރެއްނޫން. އަހަރެންގެ ޑަކްޓަރަށް އެނގޭނެ އަހަރެންގެ ހާލު. ޕްލީޒް... އަހަންނާއި ލޫކަން ވާހަކަދެއްކުން އެހާ ރަނގަޅެއްނުވާނެ. ޑަކްޓަރެއް އޭނާގެ ބަލީމީހުން ރަނގަޅުވުމުން އެމީހުން އުޅެ ނޫޅޭ ގޮތް ބަލާކަށް މަސައްކަތެއްނުކުރާނެ. ލޫކަންއަށް ވެސް އެންމެ ރަނގަޅުވާނީ އެހެންކަންތައް ކުރުން"
"އަހަރެން ކަންތައްކުރަންވީ ގޮތް އައިރާއަށް ބުނެދޭން އެނގޭނަމަ އަހަންނަށް ވެސް އެނގޭނެ އައިރާ ދެން ކަންތައް ކުރަންވީގޮތް" އައިރާގެ އެއްވެސް ވާހަކައެއް ލޫކަން ޤަބޫލުނުކުރާނޭކަން އަންގަން އޭނާ ބޭނުންވިއެވެ.
"ތީ ޤައިސްގެ ދަރިފުޅު. މިތަނުގައި މިފަދަ ވަގުތެއްގައި ޤައިސްގެ ދަރިފުޅު ވަގުތު ހޭދަކުރުމަކީ އޭނާގެ އިއްޒަތާއި ޙުރުމަތް ކެނޑިގެން ހިނގައިދާނޭ ކަމެއް. ގޭގެ ވެރީންނާއި ޚާދިމުން އެއްވަރެއްނުވާނެ... އެވަރު ނުވިސްނޭހާ އަހަރެން މޮޔައެއްނޫން"
"ކޮޅަށް ނުހުރެ މިތާ އިށީނދެބަލަ. ނޫނީ އަހަންނަށް ޖެހިދާނެ އައިރާ މިގޮނޑީގައި ގަދަކަމުން ބައިންދަން... އިށީނދެ އިނދެ ވެސް ވާހަކަދެއްކިދާނެ" އައިރާ ކޮޅަށް ހުރުމުން ލޫކަންއަށް އުނދަގޫވީއެވެ. އޭނާގެ ބޭނުމަކީ މި ހިތްގައިމު ރޭ އައިރާއާއެކު ވަގުތުކޮޅެއް ހޭދަކުރުމެވެ. އެ އަންހެންކުއްޖާގެ ދިރިއުޅުމުގު ވާހަކަތައް އޭނާ ލައްވާ އޮޅުން ފިލުވުމެވެ. ލޫކަންއަށް އަވަސް ނަޒަރެއް ބަދަލުކޮށްލާފައި މޭޒު ކައިރީ ހުރި ގޮނޑި ތަންކޮޅެއް ދުރަށް ދަމާލާފައި އައިރާ އިށީނެވެ. ވަށްކޮށް ހުރި އެ މޭޒަކީ ބޮޑު މޭޒެއްނޫނެވެ. ލޫކަން ފަދަ އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއްގެ ވެރިއަކު އެ މޭޒުގެ ދޮށުގައި އިނުމުން ދެން އިންނަ މީހާއަށް ހީވާނީ އޭނާއާ ދާދި ގާތުގައި އިނދެވޭހެނެވެ. އައިރާ ފަހަތަށް ޖެހި އިށީނީ އެހެންވެއެވެ. އެކަން ލޫކަންއަށް އެނގުނެއްކަމަކު ދެނަހުރި ކަމަކަށް ނުހެދިއެވެ.
"ވެރީންނާއި ޚާދިމުންގެ ދެމެދުގައި ވެސް ރަޚުމަތްތެރިކަން އޮވޭ. މުއްސަނދިންގެ ތެރޭގައި ފަޤީރުންނަށް އެހީތެރިވާ މީހުން ވެސް މަދެއްނޫން. އެންމެން އެއްގޮތެއްނުވާނެ. އަހަންނަކީ ޤައިސްގެ ހުރި ހަމައެކަނި ދަރިފުޅު. އެއީ އަހަންނަށް ބަދަލުކުރެވޭނެކަމެއްނޫން... އެކަމުގެ ސަބަބުން އައިރާއަށް އަހަރެންނަކީ ބޮޑާ ކިބުރުވެރި މީހެއްގެ ގޮތުގައި ހީވަނީތަ؟ އަހަރެންގެ ފަރާތުން އެހާ ނުބައި ސިފައެއް އައިރާއަށް ފެނުނީތަ؟" ލޫކަން ކުރި ސުވާލުން ކުއްލިއަކަށް އައިރާގެ ނަޒަރު އޭނާއާ ސީދާވެގެން ދިޔައެވެ. ބޮޑުގެ ދަށުގައި ތިބިއިރު އަނދިރިއެޅިފައި ވިއެއްކަމަކު ލޫކަންގެ ދެ ލޮލުގައި ވާ އެއްޗެއް އައިރާއަށް ފެނުނެވެ. ޤަބޫލުކުރާން ބޭނުންނުވި ނަމަވެސް އައިރާގެ ޟަމީރުގެ އަޑު މުޅި ނަފްސަށް ވެރިވެގެން ދިޔަ ކަހަލައެވެ.
"އަހަންނަކީ މީހެއްގެ ރަޙުމަތްތެރިއަކަށް ވެވޭ ވަރަށްވުރެ ނިކަމެތި މީހެއް. އަހަރެން ފަދަ މީހެއްގެ އެކުވެރިކަމަކަށް އެކަކު ވެސް ބޭނުމެއްނުވާނެ. ދެން ކީއްވެ ލޫކަން ތިކަހަލަ ވާހަކަދައްކަނީ. މި ދުނިޔޭގައި ލޫކަންއާ އެކުވެރިކަން ބަދަހިކޮށް ވާހަކަދައްކާނޭ މީހުން ބައިވަރު އުޅޭނެ" ބުނާނެ އެއްޗެއް އިތުރަށް ނޭނގިފައި އިންހެން އައިރާ ވާހަކަދެއްކިއެވެ. ހުރިހާ ހަޤީޤަތެއް ލޫކަންއަށް ކިޔައިދޭނެހާ ހިތްވަރެއް އޭނާގެ ނެތެވެ.
"މިބޮޑު ދުނިޔެއިން އަހަރެން ރަޙުމަތްތެރިކަން ބާއްވާން ބޭނުންވާ މީހެއް އަހަންނަށް އެނގޭނީ. އެމީހަކީ ތީ... އަހަރެން މި ހުރިހާ ދުވަހު އުޅުނީ ރާއްޖޭން ބޭރުގައި. ޅައުމުރުގައި ކިޔަވަން ދިޔަ ގޮތައް ވަޒީފާ ވެސް އަދާކުރާން ފެށީ އެކޮޅުގައި. ރާއްޖެ އަންނަ ހިތެއް ހަމަ އެއްގޮތަކަށް ވެސް ނުވޭ. ބައްޕައަކީ ވަރަށް ރަނގަޅު މީހެއް. ވަރަށް ކިޔާނެ އަހަރެން ރާއްޖެ ބަދަލުވެ ބައްޕައާއެކު އުޅޭނެ ދުވަހެއް ފެންނާނެނަމައޭ... ބަސްމަދުވެފައި ހުންނަ ގޮތުން ބައްޕައަކީ ފޮނި ބޮޑާ ރުޅިގަދަ މީހެއްހެން ހީވެދާނެ. އެކަމަކު އެއީ ބޭރުފުށުން ފެންނަ ފެނުމަށް ނިންމޭ ނިންމުމަކަށް ނޫނީ ނުވާނެ. އަހަރެންގެ މަންމަ ނިޔާވީ އަހަރެންގެ އުމުރުން ވަރަށް ޅައިރު. ރާއްޖެ އަންނަން ހަޤީޤަތުގައި ބޭނުންނުވަނީ އެހެންވެ. އެ މަންމަގެ ހަނދާންތައް އަހަންނަށް އުނދަގޫކުރާތީ. އަހަރެންގެ މަންމައާއި ބައްޕައަކީ އެންމެ ފުރިހަމަ ދެ އިންސާނުން... އެހެންމީހުންގެ ހާލާމެދު ވިސްނާނެ. މަދަދު އެދިގެން އަންނަ މީހުނަށް އެހީތެރިކަން ފޯރުކޮށްދޭނެ. އަންހެނުންގެ ހައްޤުތައް ހޯދާ ދިނުމުގައި އެންމެ ކުރީގައި ހުންނަ އަންހެނަކަށް މަންމަ ވާނެ... އެމީހުންގެ ދަރިއަކަށްވެ ހުރެ އިންސާނިއްޔަތުކަން ކެނޑޭވަރު ޢަމަލެއް އަހަރެން ހިންގާނީ ކިހިނެއް؟ އެކަމަކު ނޭނގުމުގެ ތެރޭގައި މިފަހުން އަހަރެންގެ ބައްޕައަށް ކުށްކުރެވިއްޖެ. އެކަން އެހެންވާން މެދުވެރިވީ މަކަރުވެރި ހީލަތްތެރި މީހެއްގެ ސަބަބުން... އޭނާ އަހަރެންގެ ބައްޕަގެ ރަނގަޅުކަން މަޑުމަޑުން ފުހެލާން މަސައްކަތްކުރާ ކަހަލަ..." ބޮލުގެ ފުއްކިބައިގައި ދެއަތުގެ އިނގިލިތައް މަހާލުމާއެކު ލޫކަން ހިފަހައްޓާލިއެވެ. އަދި ހަށިފުރާ ދޫކޮށްލި ނޭވާއާއެކު އުޑުމައްޗަށް ބަލާލިއެވެ. ދެފައި ކުރިއަށް ދަމާލާ އެއްފައިތިލައިގައި އަނެއްފައިތިލަ އަޅުވާލާ މީހާ އިހުނަށްވުރެ ހަމަޖެހިލިއެވެ. އޭނާގެ ވާހަކަތައް ފަރުވާތެރިކަމާއެކު އަޑުއަހަން އައިރާ އިނެވެ.
"ރުބީނާއަކީ އަޑު ނުބައި އަންހެނެއް. އޭނާއަކީ ނިޔާނު ފަދަ މާތް އިންސާނެއްގެ މަންމައަކަށް ނުވިނަމަ... އަހަންނަށް އެނގޭ ލޫކަން ބުނާން ތިއުޅެނީ ރުބީނާގެ ވާހަކަކަން... ޤައިސްއަކީ ކާކުކަމެއް އަހަންނަކަށް ނޭނގޭ އެހެންވިޔަސް ރުބީނާއަކީ ސާފުކަން ނެތިކޮށްލާ ނަފްސު ހަރާބުކޮށްލާފަދަ ލައްގަނޑެއް..." މަޑުމަޑުން އައިރާގެ ހިތް ވާހަކަދެއްކިއެވެ.
"އަހަރެން ހިތައް އަރާ އައިރާ ގެއިން ބޭރަށް ވެސް ނުކުމެނުލައޭ. އެއީ ކީއްވެތަ؟ ކައިރީގައި އޮތް އަތިރިމަތި ވަރަށް ރީތި. އަސްލު އެހެން ބޭރަށް ނުކުމެލާ އުޅެންވާނެ. ބޭބީއަށް ވެސް ރަނގަޅުވާނެ" ލޫކަން އޭނާގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.
ހުރިހާ މަސައްކަތެއް ނިންމާފައި ނިދަން އައި މަރިޔަންދީއަށް ބޮޑުގަސްދޮށުގައި ހުރި މޭޒު ކައިރީ ދެ ޒުވާނުން ތިބިތަން ފެނި ހައިރާންވިއެވެ. ޚާދިމުން އުޅޭ އިމާރާތާ ކައިރިވި ވަރަކަށް އޭނާއަށް މޭޒު ކައިރީ ތިބީ އައިރާއާއި ލޫކަންއާ ދެޒުވާނުންކަން އެނގި އިހުނަށްވުރެ އަޖައިބުވިއެވެ.
"ލޫކަން... އައިރާ..." މަރިޔަންދީ ގޮވާލިއެވެ. އޭނާ މޭޒާ ކައިރިއަށް ނައިސް އަޑުއިވޭނޭ ހިސާބުގައި މަޑުކޮށްލައިގެން ހުއްޓެވެ. މަރިޔަންދީ ފެނި އައިރާ އިންތަނުން ތެދުވެ އޭނާގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.
"ދަނީތަ؟..." ގޮނޑިއަށް ދޫކޮށްލައިގެން އިން ހަށިގަނޑު ތެދުކޮށްލަމުން ލޫކަން އަވަހަށް އަހާލިއެވެ.
"ހޫމް! ދައްތަ އެ ދަނީ ނިދަން... ވަރަށް ލަސްވެއްޖެ" އައިރާ މަޑުމަޑުން ބުނެލިއެވެ. މިފަހަރު އޭނާގެ އަޑުގައި ކުރީން ހުރި ނުރުހުމުގެ އަސަރެއްނުވެއެވެ.
"މަރިޔަންދީ ނިދިޔަސް އަހަންނަކަށް ހިޔެއްނުވޭ އައިރާ ނިދާނެހެނެއް. އަހަރެން ވެސް އަދި ނިންޖެއްނާދޭ... އެހެންވީމަ ކުޑަކުޑަ އިރުކޮޅަކަށް އަދި މަޑުކޮށްލަ ދޭންވީނު... ޕްލީޒް..." ލޫކަން ކޮޅަށް ތެދުވިއެވެ. އައިރާ އެއްފަހަރު މަރިޔަންދީއަށް އަނެއްފަހަރު ލޫކަންއަށް ބަލާލިއެވެ. ދެޚިޔާލެއްގައި ހުރި ކަހަލައެވެ. އެހެންނަމަވެސް އޭނާ ހިނގައިގަތީ މަރިޔަންދީއާ ދިމާއަށެވެ.
"މަރިޔަންދީ. އަހަންނާއެކު ވާހަކަދައްކާލަން އައިރާ މަޑުކޮށްލިއްޔާ މަރިޔަންދީ ރުޅިއަންނާނަންތަ؟ ނޫނީ އައިރާއަށް މަނާ ކުރާނަންތަ އަހަންނާ ވާހަކަދައްކަން؟" މަރިޔަންދީގެ ގާތުގައި އައިސް ހުއްޓިލުމާއެކު ލޫކަން ވާހަކަދެއްކިއެވެ. އޭނާގެ މި އިސްނެގުމުން އައިރާ ހައިރާންވިއެވެ. މަރިޔަންދީ ވާނުވާ ނޭނގިފައި ހުރިހެން ލޫކަންއަށް ބަލަން ހުރެފައި އައިރާއަށް ބަލާލިއެވެ. އެހިނދު ލޫކަން ބޮލުން އައިރާއަށް އިޝާރާތްކޮށްލީ އޭނާ ބުނި އެއްޗެއް މަރިޔަންދީ ގާތުގައި ބުނާށޭ ބުނެލާ ފަދައިންނެވެ. ކުޑަކޮށް ލޯ އަޅާލައިގެން އައިރާ ހުރުމަށްފަހު ލޫކަން އެއްޗެއް ބުނަން އަނގަހުޅުވާލުމުން އަވަހަށް ވާހަކަދައްކަން ފެށިއެވެ.
"ލޫކަންއާ ވާހަކަދައްކާލަން އަހަރެން މަޑުކޮށްލިޔަސް އެންމެ ރަނގަޅުހޯ" އައިރާ ލަސްލަހުން ލަފުޒުތައް އަމުނާލިއެވެ. އެއާއެކު މަރިޔަންދީ މަޢުނަވީ ގޮތަކަށް ލޫކަންއާއި އައިރާއަށް ބަލާލިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވެގެންދިޔައެވެ. ލޫކަންއަށް ބަލާލުމުން އޭނާ ބޯޖަހާލިގޮތުން މަރިޔަންދީއަށް ޒުވާން ލޫކަންގެ ހިތް އެނގުނު ކަހަލައެވެ.
"އައިރާ ބޭނުމިއްޔާ މަޑުކުރޭ. ދައްތަގެ މައްސަލައެއްނެތް" މަރިޔަންދީ ބުންޏެވެ.
"އައިރާ... ޕްލީޒް..." އަނގައިންނުބުނެ އައިރާ ހުންނަން ފެށުމުން ލޫކަން ބުނެލިއެވެ. އޭރު މަރިޔަންދީ ގޭތެރެއަށް ވަންނަން ހިނގައިގަނެއްޖެއެވެ. އޭނާގެ ފަހަތުން އައިރާ ނުދިއުމުން ލޫކަން ހިނިތުންވެލިއެވެ. ފުރަތަމަ ފަހަރަށް އޭނާ އާދޭސްކޮށްގެން ވިޔަސް އައިރާ ކަމެއް ކުރާން އެއްބަސްވީތީ އުފާވިއެވެ.
މޭޒުދޮށުގައި ލޫކަން އައިސް އިށީނުމުން އައިރާ ވެސް ކުރިން އިން ގޮނޑީގައި އިށީނެވެ. މާގިނަ ވާހަކައެއް އައިރާ ނުދައްކައެވެ. ލޫކަން އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ ޑިއުޓީ ނިމިގެންދާ ގޮތް ކިޔައިދިނެވެ. ޒޭންގެ ވާހަކަ ވެސް ލޫކަން އައިރާއަށް ކިޔައިދިނެވެ. ލޫކަންގެ ވާހަކަތައް އަޑު އަހަން އިން އައިރާ ދޭތެރެއަކުން ލޫކަންއަށް ބަލާލައެވެ.
"ރުބީނާއަށް އަހަންނާ ބައްދަލުކުރާން ލޫކަން އަންނަކަން އެނގުމުން ވާނޭގޮތް އެނގޭނަމަ ލޫކަން އެކަމެއް ނުކުރާނެ. އޭނާއަކީ ހިތްހެޔޮޒުވާނެއްކަން ގައިމު... އަހަރެންގެ ސަބަބުން ލޫކަންއަށް ދެރައެއް ލިބިދާނެތީ ބިރުގަނޭ... އެވަރަށް މަނާވެގަންނައިރު ވެސް އޭނާއަށް އެކަން ނުވިސްނެނީ ކީއްވެތަ؟"
"އައިރާ!" މޭޒުގައި ދެއަތްބާއްވާލަމުން އައިރާއާ ދިމާއަށް ގުދުވެލާ ލޫކަން ގޮވާލިއެވެ. ޚިޔާލުތަކުގެ ތެރޭގައި އިން އައިރާއަށް ސިހިފައި ބަލާލެވުނެވެ.
"ފޫހިވީތަ؟" ލޫކަންގެ ވާހަކަތަކަށް އައިރާގެ ސަމާލުކަން ކުޑަވެއްޖެހެން ހީވެ އަހާލިއެވެ.
"ނޫން..." އަވަސް އަވަހަށް އައިރާ ބުނެލިއެވެ.
"މިހާ ރީތި ރެއެއްގައި އައިރާ ހަމަ ބޭރަށް ނުކުމެލާ ހިތެއްނުވޭތަ؟ ހިނގާބަލަ އަތިރިމަތި ބަލާލަން... މިގަޑީގައި ވަރަށް ހަމަހިމޭންވެފައި ހިތްގައިމުވާނެ... ރާޅުޖަހާއަޑާއި ސާފުވައިން ހިތްހަމަޖެހުން ލިބޭނެ"
"ނޫން! ނޫން!... އަހަންނަށް މިތަން އޯކޭ. ލޫކަން ބޭނުންނަމަ އެންމެ ރަނގަޅު ދިޔަޔަސް... އަހަރެން ދެން ނިދަން ދާނީ"
"އަހަރެން އައިރާއަށް ކަމެއްކޮށްފާނޭތީ ބިރުގަންނަނީތަ؟" ލޫކަން މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. އޭނާއަށް ބަލާލި އައިރާގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ.
"ވިހަން ކައިރިވެފައި އިން އަންހެނެއް ގޮވައިގެން އެކަހެރިވިޔަސް ކުރެވޭނެކަމެއް ނޯންނާނެ" ލޫކަން ބިރުދައްކާލަން އުޅުނު ގޮތުން އައިރާއަށް އެކަންވީ ސަމާސާއަކަށެވެ. ފުރަތަމަ ފަހަރަށް ބޭއިޚްތިޔާރުގައި ހީނލެވުނެވެ. ލޫކަންއަކީ މީހަކަށް އަނިޔާވެރިވާނޭ ފަދަ ޒުވާނެއް ފާޑު އައިރާއަކަށް ނުޖަހައެވެ. އެއަށްވުރެ އޭނާއަކީ ހިތްހެޔޮ އެހެންމީހުންނާ މެދު ވިސްނާ ޒުވާނެކެވެ. އެހެންމީހުންނަށް އެހީތެރިވާން މަސައްކަތްކުރާ ޚުލްޤު ހެޔޮ ޒުވާނެކެވެ. ނިޔާނަށްފަހު ފިރިހެނެއްގެ ކިބައިން އެ ސިފަ އެހާ ގާތުން އައިރާއަށް ފެނުނު ފުރަތަމަ ފަހަރު ވެސް މެއެވެ.
"އަހަންނަށް ކަމެއްކުރާން ނުކެރޭނެއޭތަ ތިބުނީ... އަހަރެން އައިރާގެ އަތުގައި ހިފައިގެން މިގެއިން ނުކުނަން ހިނގައިގަނެއްޖެއްޔާ ދެން ކިހިނެއް ހަދާނީ... އަހަންނަށް އައިރާ އުފުލާލައިގެން ވެސް ގެންދެވިދާނެ... މީ ހުސް ވެސް އަހަންނަށް ކުރެވިދާނެ ކަންކަން... އައިރާ ވިހަން ކައިރިވެފައި އިނެއްކަމަކު މީ ނުކުރެވޭނެ ކަމެއްނޫނެއްނު" ލޫކަންގެ ވާހަކަ އަޑުއަހަން އަޖައިބުވެފައި ހުރި މީހަކު ފަދައިން އައިރާ ހުއްޓެވެ. އެ ކަޅިރަވަ ރީތި ދެލޯ ހުއްޓިފައި ހުރުމުން ލޫކަން ރަކިވާގޮތްވިއެވެ. ކިތަންމެ ފިރިހެންވެފައި އޭނާއަށް ކެރުނު ނަމަވެސް އައިރާގެ ހުންނަނީ އޭނާގެ މުޅި ޖިސްމު ބަލިކަށިކޮށްލާފަދަ ބާރެކެވެ. އަވަސް އަވަހަށް ބޮލުގައި އަތްހާކާލާފައި ލޫކަން އިސްޖަހާލިއެވެ. އަދި ގޮނޑިން ތެދުވެ އޭނާ ދެކޮޅަށް ހިނގާލިއެވެ. އާންމުކޮށް ބޮލުގައި ހުޅިއެއްހެން އައްސާލާފައި އޮންނަ އިސްތަށިގަނޑު ނިއުޅާލާ ދެއަތުން އަތްފުނާ އަޅާލިއެވެ. އޭނާގެ ހަރަކާތްތައް އައިރާ ބަލަން އިނެވެ. އޭނާއަށް ފުރަގަސް ދީގެން އިރުކޮޅަކު ހުރުމަށް ފަހު ލޫކަން އެނބުރި އައިރާއަށް ބަލާލިއެވެ. މަޑުމަޑުން އައިރާގެ ގާތަށް އައިސް ހުއްޓިލިއެވެ. ކުޑަކަކޫ މައްޗަށް ތިރިވެލުމާއެކު އައިރާ ހާސްވިކަން ލޫކަންއަށް އެނގުނެވެ.
"މިގަޑީގައި އައިރާއަށް ފާރަލާނޭ މީހަކު މިގެއަކު ނުހުންނާނެ. އަހަންނަށް އިތުބާރުކުރޭ... އައިރާ ހާސްވާކަށް ނުޖެހޭނެ. އަހަރެން ވަޢުދުވަން... އައިރާއަށް ގެއްލުމެއް ނުލިބޭނެ މިގޭތެރެއަކުން... އަހަރެން... އަހަރެން އައިރާ ރައްކާތެރިކުރާނަން... އާދޭ އަހަންނާއެކު... މިފަދަ ރެއެއްގައި އައިރާ ބޭރަށް ނުކުތް ހަނދާނެއް އެންމެފަހުން ހުރީ ކޮންއިރަކު. އައިރާއަށް ވެސް އުފާކުރާ ހިތްހަމަޖެހުން ހޯދުމުގެ ހައްޤު ލިބިގެންވޭ. އާދޭ އަހަންނާއެކު..." ލޫކަން ޖެހިލުންވެފައި ހުރެ އައިރާގެ އުނގުގައި ބާއްވާލައިގެން އިން ދެއަތްތިލައިގައި ހިފާލިއެވެ. އެއާއެކު އެ ދެއަތްތިލަ ފިނިވެފައިވާ ވަރާއި ދާހިއްލައިގެން ތެމިފައިވާވަރު ލޫކަންއަށް އިހުސާސް ކުރެވުނެވެ. ނޭވާލާން ހަނދާންނެތިފައި ހުރި މީހަކު ފަދައިން ލޫކަންއާއެކު އައިރާ ހިނގައިގަތެވެ. ގޭޓާ ހަމައަށް އާދެވުމާއެކު އައިރާގެ ފިޔަވަޅު މަޑުޖެހުނުކަން ލޫކަންއަށް އެނގުނެވެ. އޭނާގެ ދެއަތްތިލައިގައިވާ އައިރާގެ މަޑު އަތްތިލައަށް ބާރުކޮށްލީ ޖެހިލުންނުވާށޭ ބުނާ ފަދައިންނެވެ. ދޮރުވާނު ހުރީ ލޫކަންއަށް ނަޒަރު ހުއްޓާލި ގޮތަށް ބުނާނޭ އެއްޗެއް ނޭނގިފައި ހުރި މީހަކު ހެންނެވެ. އޭނާއަށް އެއްލޯ މަރާލާ ކަނާތު ޝަހާދަތްއިނގިލި ތުންފަތުގައި ލޫކަން ޖައްސާލިއެވެ. ގޭޓުހުޅުވުމަށް އިޝާރާތްކޮށްލީ ދެނެވެ. އެއާއެކު ދޮރުވާނު އަވަހަށް ގޭޓު ހުޅުވައިދިނެވެ. މަގުމައްޗަށް ނުކުމެވުމާއެކު އައިރާގެ އަތްތިލަ އުފުލާލުމާއެކު އޭނާގެ އަތުން ލޫކަން ދޫކޮށްލިއެވެ. (ނުނިމޭ)