ދުނިޔެ

ގެރިއަށް ޓަކައި މީހުން މެރުމާ ދެކޮޅަށް އިންޑިއާގައި މުޒާހަރާކޮށްފި

ގެރިމަަސް ކާތީ ކަމަށް ބުނެ މީހުން ގިނަ ބަޔަކު އެއްވެގެން މުސްލިމުން މަރާ މައްސަލައާ ދެކޮޅަށް އިންޑިއާގެ ވެރިރަށް
ނިއުދިއްލީއާއި ބައެއް އެހެން ރަށްތަކުގައި އިއްޔެ ހަވީރު މުޒާހަރާކޮށްފިއެވެ.

ދަ ހިންދޫ ނޫހުން ބުނީ އިއްޔެ ހަވީރު ކުރި އެމުޒާހަރާތައް އިންޑިއާގެ ބޮޑު 10 ޝަހަރެއްގައި ބޭއްވި ކަމަށެވެ. އެއީ ވެރިރަށް ނިއުދިއްލީ، ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީ، ބެންގަލޫރު، ޗާންދިގަރު، ތިރުވަނަންތަޕޫރަމް، އައްލާހު އާބާދު، ކަލްކަތާ، ކޮޗީ ، ލަކަނޫ އަދި ޕަޓްނާގައި ވެސް ބޭއްވި ކަމަށެވެ. އެނޫހުން ބުނީ ހުރިހާ ރަށްތަކެއްގައި ވެސް އެތައް ހާސް ބަޔަކު އެއްވެ އަޑު އުފުލި ކަމަށެވެ.

" ނޮޓް އިން މައި ނޭމް، ޝެޑް ހޭޓް، ނޮޓް ބްލަޑް،" ފަދަ ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މުޒާހަރާއަށް ނުކުތް މީހުން ބުނެފައި ވަނީ އެމީހުން ނުކުތީ ލޭ އޮހޮރުވުންތައް ހުއްޓުވުމަށް ގުޅިގެން މަަސައްކަތް ކުރަން ތިބި ކަމުގެ މެސެޖް ދިނުމަށް ކަމަށެވެ.

ވެރިރަށް ދިއްލީގައި ބޭއްވި މުޒާހަރާގައި ސިޔާސީ ބައެއް ލީޑަރުން ބައިވެރިވެވަޑައި ގެންނެވި އިރު، މުމްބާއީގައި ބޭއްވި މުޒާހަރާއަށް ފިލްމީ ދާއިރާގެ މަދު ބަޔަކު ދިޔައެވެ. ނަމަވެސް ފާހަގަކޮށްްލެވޭ ކަމަކީ މަޝްހޫރު ތަރިން އެ މުޒަހާރާގައި ބައިވެރި ވެފައި ނުވާ ކަމެވެ.

" ނޮޓް އިން މައި ނޭމް" ( އަހަރެންގެ ނަމަކު ނޫން) މުޒާހަރާ އަކީ ފިތުރު އީދު ދުވަހަށް ޓަކައި ބާޒާރު ކުރަން ދިއުމަަށް ފަހު އެނބުރި އަންނަނިކޮށް، ރޭލެއްގެ ތެރޭގައި ހިންދޫންގެ ބަޔަކު އެއްވެގެން މަރައިލި އުމުރުން 17 އަހަރުގެ ޖުނައިދު ޚާންގެ މަރާ ގުޅިގެން، ކުރި ކުރި ކެމްޕޭނެއްގެ ނަތީޖާއެވެ. އެ ކެމްޕޭން ފެށުނީ ފިލްމު އުފައްދާ މީހެއް ކަމަށްވާ ސަބާ ދީވާން ސޯޝަލް މިޑިއާ ފޭސްބުކްގައި ލިއުނު ލިއުމަކުންނެވެ. ދިއްލީގައި ކުރި މުޒާހަރާގައި ޖުނައިދުގެ އާއިލާއިން ވެސް ބަައިވެރިވިއެވެ.

ހިންދޫއިން އަޅުކަން ކުރާ އެއްޗެއް ކަމަށްވާ ގެރީގެ މަސްކާ މީހުންނާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެންް ގިނަ ޖަރީމާތަކެއް ވަނީ ހިންގާފައެވެ. ގެރިމަސް ކެއުމާއި ގުޅުވައިގެން މުސްލިމުން މެރުމުގެ ހާދިސާތައް ހިންގާފައިވާ ސަރަައްދުތައް ފާހަގަކޮށްފައިވާ ބޮޑު ޗާޓެއް ، މުޒާހަރާގެ ބައިވެރިން ގެންގުޅުނެވެ.