ދުނިޔެ

އިންސާނީ ވަގުފާރި ހުއްޓުވުމުގައި ރާއްޖެ އެއް ދަރަޖަ ކުރިއަށް

Jun 29, 2017

އިންސާނީ ވަގުފާރި ނޫނީ، ހިއުމަން ޓްރެފިކިން ހުއްޓުވުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން މިދިޔަ އަހަރަށް ވުރެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަން އެމެރިކާއިން ބަލައިގެންފި އެވެ. ދުނިޔޭގެ ގައުމުތަކުގައި އިންސާނީ ވަގުފާރި އޮތް މިންވަރު ބަޔާންކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު އެލުލަވާލާ ރިޕޯޓް 'ޓްރެފިކިން އިން ޕާސަންސް ރިޕޯޓް' ( ޓީއައިޕީ)ގެ ޓަޔާ 2 ވޮޗް ލިސްޓްގައި ރާއްޖެ އޮތް ނަމަވެސް މިއަހަރު ހިމަނާފައި ވަނީ ޓަޔާ 2 އަށް ބަދަލުކޮށްފައެވެ.

ޓަޔާ2 އާއި ޓަޔާ 2 ވޮޗްލިސްޓްގެ ތަފާތު

ޓީއައިޕީގެ ޓަޔާ 2 ގައި ހިމެނޭ ގައުމުތަކަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުން ހިމާޔަތް ކުރަން އެމެރިކާގައި 2000 ވަނަ އަހަރު ފާސްކޮށް އަދި ފަހުން އިސްލާހުކޮށްފައިވާ ގާނޫނު ' ދަ ޓްރެފިކިން ވިކްޓިމްސް ޕްރޮޓެކްޝަން އެކްޓް އޮފް 2000 އޭސް އެމެންޑެޑް( ޓީވީޕީއޭ)ގައިވާ އެންމެ ދަށް މިންގަނޑަށް އިންސާނީ ވަގުފާރިހުއްޓުވަން ފުރިހަމަ އަށް ފިޔަވަޅު ނޭޅުނު ނަމަވެސް އެކަމުގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތައް ހޯދާފައިވާ ގައުމުތަކެވެ.

ޓަޔާ2 ވޮޗް ލިސްޓަކީ ޓީވީޕީއޭގައިވާ އެންމެ ދަށް މިންގަނޑަށް ފިޔަވަޅު ނޭޅުނު ނަމަަވެސް އެކަމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދުމާއި އެކުގައި ވެސް، އަންނަނިވި ތިން މައްްސަލަ އޮތް ގައުމުތަކެވެ.

1- އިންސާނީ ވަގުފާރީގެ އެންމެ ވޭންދެނިވި ބާވަތްތަކުގެ ޝިކާރައަކަށް ވެފައިވާ މީހުން ފާހަގަކުރެވޭހާ ގިނަ، ނުވަތަ ފާހަގަކުރެވޭ ވަރަށް އިތުރުވަނުން އައުން.

2- އިންސާނީ ވަގުފާރީގެ އެންމެ ވޭންދެނިވި ބާވަތްތައް ހުއްޓުވަން އޭގެ ކުރީ އަހަރު އެކަށީގެންވާ ވަރުގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ހެކި ނުދެއްކުން. އެ ފަދަ މަަސައްކަތް ތަކަކީ އެފަދަ މައްސަލަތައް ތަހުގީގު ކުރުން، ދައުވާކުރުން އަދި ކުށް ސާބިތުކުރުން. އެބާވަތުގެ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު މަދު ކުރުން.

3-ޓީވީޕީއޭގައިވާ އެންމެ ދަށް މިންގަނޑަށް ހާލަތު ރަނގަޅު ކުރަން އަމާޒުކޮށްގެން މަސައްކަތް ކުރާ ކަމަށް ބެލެވޭ ވަރުގެ އިތުރު ފިޔަވަޅުތަކެއް އެޅުން.

ރާއްޖެ ޓަޔާ 2 އަށް ބަަދަލުވީ ކީއްވެ؟

ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖެ ޓަޔާ2 އަށް ބަދަލުކުރީ އިންސާނީ ވަގުފާރި ހުއްޓުވުމަށް ރާއްޖޭން ކޮށްފައިވާ މަސައްކަތް އޭގެ ކުރީގެ ޕީރިއަޑަށް ވުރެ ރަނގަޅުވެފައިވާތީ ކަމަށެވެ.

އެގޮތުން ރާއްޖޭން ކުރިކަން ފާހަގަކޮށްފައިވާ ކަންތައްތަކަކީ:

  • އިންސާނީ ވަގުފާރި ހުއްޓުވަން ރާއްޖޭގައި އޮންނަ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މީހެއްގެ މައްޗަށް ކުށް ސާބިތު ކުރުން.
  • އިންސާނީ ވަގުފާރި ހުއްޓުވުމާ ބެހޭ އދ.ގެ މުއާހަދާ ' 2000 ޔޫއެން ޓީއައިޕީ ޕްރޮޓޮކޯލްގައި ބައިވެރިވުން.
  • މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާ ކުރަން ޖެހޭ ގޮތަށް، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރުން.

ރާއްޖޭން ދެން ކުރަން ޖެހޭ ކަންތަައްތައް

އިންސާނީ ވަގުފާރި ހުއްޓުވަން ރާއްޖޭން އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން ހުށަހަޅާފައިވާ އެއް ކަމަކީ ރާއްޖޭަގެ ގާނޫނުގައި އިންސާނީ ވަގުފާރި ބަޔާންކޮށްފައިވާ ގޮތް 2000 ޔޫއެން ޕީިއައިޓީ ޕްރޮޓޮކޯލް އާ އެއްގޮތް ކުރުމެވެ. އަނެއް ކަމަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާ މީހުން ބަލަހައްޓައި ރިހެބިލިޓޭޓް ކުރާނެ ވަސީލަތެއް އަލުން ގާއިމް ކުރުމެވެ. އިންސާނީ ވަގުފާރީގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރުމަށްޓަކައި ގާނޫނު ހިންގާ އިދާރާތަކަަކަށް ތަރުޖަމާނުން ފޯރުކޮށްދިނުމަކީ ވެސް ކުރަން ހުށަހަޅާފައިވާ ކަމެކެވެ.