ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ތާއީދެއް ނުގެއްލޭ ކަމަށާއި މެންބަރުން ބަދަލުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަނީ ހަމަނުޖެހުން އުފައްދަން ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަހާލު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިސްތިއުފާއަށް ޕީޕީއެމް ޕީޖީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ގޮވާލުމާއި ސަރުކާރުގެ ތާއީދު މަޖިލީހުގެ ތެރޭގައި ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.
"އަވަސް"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފަލާހު ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯގައި މަސްވެރިކަމަށް އިސްކަމެއް ދީފައިވާ އިރު މިނިސްޓަރު ޝައިނީ ވަނީ އެ ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާ ކުރިއެރުންތަކެއް ހޯދައިދެއްވާފައި ކަމަށާއި ސަރުކާރު ދިފާއު ކުރުމުގައި ވެސް ބޮޑު ރޯލެއް ޝައިނީ އަދާ ކުރައްވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ މެންބަރުންގެ ފުރިހަމަ ތާއީދު އެމަނިކްފާނަށާއި ރައީސް ޔާމީންގެ ސަރުކާރަށް އެބައޮތް ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކުން އެ ތާއީދެއް ނުގެއްލޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"މަޖިލީހުގެ ކޮންމެ ދައުރެއް ފެށޭއިރު މެޖޯރިޓީ ލިބޭނެ ކަމަށް އިދިކޮޅު މީހުން ވިދާޅުވޭ. އެ ވާހަކަތައް ދެއްކުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރަށް މެންބަރުންގެ ހިތުގައި ޝައްކުތަކެއް އުފައްދަން. ނަމަވެސް އިދިކޮޅު ފަރާތްތަކަށް 29 އަށް ވުރެ އިތުރަށް އެންމެ މެންބަރެއް ވެސް ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން. ޕީޕީއެމްގެ ޕީޖީގެ ފުރިހަމަ ތާއީދު އަދިވެސް އޮތީ ރައީސް ޔާމީންއަށް،" ފަލާހު ވިދާޅުވި އެވެ.
ޓޮމްގެ ހުރި ކަނބޮޑުވުންތަކާ ގުޅިގެން ފަލާހު ވިދާޅުވީ ދާއިރާގެ މައްސަލައެއް އުޅޭ ނަމަ ކޮންމެ މެންބަރަކަށް ވެސް ސީދާ ރައީސް ޔާމީންއަށް މެސެޖު ކުރެވޭނެ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެންމެނަށް ފެންނަ ގޮތަށް އެފަދަ ވާހަކަތައް ދައްކާނީ އަމިއްލަ މަސްލަހަތެއް ހިމާޔަތް ކުރަން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ޓޮމްއަކީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާނެ މެންބަރެއް ނޫން ކަމަށާއި އިސްތިއުފާ ދިނުމަށް ގޮވާލި ނަމަވެސް އެއީ ޓޮމް ވެސް އެކަމެއް ބޭނުމެއް ނުވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ޝައިނީ އިސްތިއުފާ ދޭން ޖެހިވަޑައިގަންނަވާ ކަމަށާއި ބޮޑު ކަންނެލި ބޭރު ކުރާ ފަރާތްތަކާ ޝައިނީއާ ދެމެދު ޖާއިޒު ނޫން ގުޅުންތަކެއް އޮންނަ ކަމަށް ޓޮމް ވިދާޅުވެފައިވާ އިރު ޕީޕީއެމް ދެފަޅިވި އިރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަޅިއަށް ބަދަލުވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވަނީ ކަންބޮޑުވުން ހުރިކަން ދޭހަވާ ގޮތަށް ޓްވީޓު ކުރައްވާފަ އެވެ. މެންބަރުން އެފަދަ ހިޔާލުތައް ފާޅު ކުރައްވާތީ އިދިކޮޅު ފަރާތްތަކުން ބުނަނީ މަޖިލީހުގައި ސަރުކާރަށް އޮތް މެޖޯރިޓީ ގެއްލިފައިވާ ކަމަށެވެ.
އެހެން ނަމަވެސް ފަލާހު ވިދާޅުވީ ޕީޕީއެމްގެ ޕީޖީގެ މެންބަރަކު އެ ޕާޓީއާ ވަކިވެގެން ނުދާނެ ކަމަށާއި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ފުރިހަމަ ތާއީދު ރައީސް ޔާމީން އާއި މި ސަރުކާރަށް އެބަ އޮތް ކަމަށެވެ.