ކުޅިވަރު

ރެއާލަށްވުރެ ރަނގަޅު އެހެން ޓީމެއް ރޮނާލްޑޯއަށް ނޯންނާނެ

Jun 29, 2017

ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރެއާލް މެޑްރިޑް ފިޔަވައި ރަނގަޅަށް ކަންތައް ކޮށްދެވޭނެ އެހެން ޓީމެއް ނޯންނާނެ ކަމަށް، ރެއާލްގެ ގްލޯބަލް އެމެބަސިޑާ އަދި ރެއާލްގެ ކުރީގެ ފޯވަޑް ބްރަޒިލްގެ ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

ދާހާސް ދެ ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހާރާ ހަމަޔަށް ރެއާލްއަށް ކުޅުނު، ދުނިޔޭގެ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ރޮނާލްޑޯ ނަޒާރިއޯ ބުނީ ކްރިސްޓިއާނޯ ފަދަ ކުޅުންތެރިންނަށް އެންމެ ރަނގަޅު މާހައުލެއް އޮތް ކުލަބަކީ ރެއާލް ކަމަށެވެ.

"އަހަންނަށް މިހާރުވެސް ޔަގީން ކްރިސްޓިއާނޯ، މެޑްރިޑްގައި މަޑު ކުރާނެ ކަން، ސަބަބަކީ ކޮންމެ ސީޒަނެއްގައި 50 ލަނޑު ޖަހާ ކުޅުންތެރިޔަކަށް ފަސް ނުދެވޭނެ ވަރުގެ ހިމާޔަތަކާ އަހަމިއްޔަތެއް ދޭ ކުލަބެއް އެއީ." ލަގެޒެޓާ ޑެލޯއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.

"މޮޅު ކުޅުންތެރިން އަބަދުވެސް އެމީހުންގެ ކުރިމަގު ކަނޑައަޅާނެ އެހެން ނަމަވެސް އަހަންނަކަށް ނޭންގެ އޭނާ ހިތްހަމަ ނުޖެހިގެން އުޅޭ ސަބަބެއް، އަހަންނަށް ހީއެއްނުވޭ ކްރިސްޓިއާނޯއަށް ރެއާލް މެޑްރިޑަށް ވުރެ ރަނގަޅަށް ކަންތައް ކޮށްދެވޭ އެހެން ޓީމެއް އޮންނާނެ ހެނެއް."

ރޮނާލްޑޯ ވަނީ، ރެއާލްގައި އޭނާގެ ޓީމް މޭޓް އަދި ރެއާލްގެ މިހާރުގެ ކޯޗް ޒައިނުއްދީން ޒިދާންއާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ޒިދާން އަކީ ކުޅެން އުޅުނުއިރުވެސް ފުޓްބޯޅަ އުނގެނެން މަސައްކަތް ކުރި ކުޅުންތެރިޔެއް ކަމަށެވެ.

"ޒިދާން ކިބައިގައި ޑިސިޕްލިން އެބަހުރި، މިކަމުގެ ސަބަބުން އުނދަގޫ ކުޅުންތެރިން އަދި ކާމިޔާބަށް ޑިމާންޑް ކުރާ ކުޅުންތެރިން ގޮވައިގެން ކާމިޔާބު ހޯދަން އޭނާ އަށް ވަރަށް ބޮޑު އެހީއަކަށްވޭ، ޗެމްޕިއަންސް ލީގް ޖެހެޖެހިގެން ދެ ފަހަރަށް ހޯދުން އެއީ އެންމެ މީހަކަށް ކުރެވޭ ކަމެއް ނަމަ އެކަން ކުރާނީ ޒިދާން." ރޮނާލްޑޯ ނަޒާރިއޯ ބުންޏެވެ.