ހޭންޑްބޯލް މޯލްޑިވްސް އާއި ގުޅިގެން ގދ. ތިނަދޫގައި ބޭއްވި އަންހެނުންގެ ހޭންޑްބޯލް މުބާރާތް 'ހިޔަލަ ހޭންޑްބޯލް' މުބާރާތުގެ ޗެމްޕިއަންކަން އެމްއާރްޑީސީ ހޯދައިފި އެވެ.
އެމްއާރްޑީސީ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަބޫބަކުރު ސްކޫލްގެ ފަތްމިނި ޓީމުގެ މައްޗަށް ހަ ލަނޑު ފަސް ލަނޑުން ކާމިޔާބު ހޯދައިގެން ނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްއާރްޑީސީގެ ލުހާ ހުސައިން އެވެ.
މުބާރާތް ކުރިއަށް ދިޔައީ ދެ ގޫރޫޕަކަށް ބަހޅާއިގެން ޖުމުލަ ހަތް ޓީމުގެ މެދުގައެވެ. ފިތުރު އީދާ ދީމާކޮށް މުބާރާތް ގެންދިޔަ ނަމަވެސް، ހެންޑްބޯލް މޯލްޑިވްސްގެ ޓެކްޓިނަލް ޑައިރެކްޓާ މުހައްމަދު ޝާން ވިދާޅުވީ ތިނަދޫއިން އިސްނަގައިގެން މުބާރަތް އެރަށުގައި ބޭއްވުމަކީ ހޭންޑްބޯލް އަތޮޅު ތެރޭގައި ފޯރިގަދަ ކުރަން ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށެވެ.
މިއީ ހޭންޑްބޯލް މޯލްޑިވްސްއާ ގުޅިގެން އަތޮޅު ތެރޭގައި ބޭއްވި ތިން ވަނަ މުބާރާތެވެ. ޝާން ވިދާޅުވީ އަތޮޅު ތެރެއަށް ހޭންޑްބޯލް ތާރަފު ކުރުމަށް ގިނަ ވިސްނުންތަކެއް ގެންގުޅެމުންދާ ކަމަށެވެ.