ބޭރު ކުޅިވަރު

އެއްމާބަނޑު ދެބެންގެ ބައްޕައަކަށްވެއްޖެކަން ރޮނާލްޑޯ ކަށަވަރުކޮށްދީފި

Jun 29, 2017

އެއްމާބަނޑު ދެބެންގެ ބައްޕަ އަކަށް ކްރިސްޓިއާނޯ ރޮނާލްޑޯވެއްޖެ ކަމަށް މީގެ ދުވަސްތަކެއް ކުރިން މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އެކަމަކު މިވީހާތަނަށް، ރޮނާލްޑޯ އެކަން ރަސްމީކޮށް ކަށަވަރެއްނުކޮށްދެ އެވެ. އެހެން ނަމަވެސް، އެންމެ ފަހުން ރޮނާލްޑޯ ވަނީ އޭނާ އަށް އެއްމާބަނޑު ދެބެން ލިބިއްޖެކަން ކަށަވަރުކޮށްދީފަ އެވެ.

ފީފާ ކޮންފެޑަރޭޝަންސް ކަޕްގައި ރޭ ޗިލީ އަތުން ޕޯޗުގަލް ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށް ފަހު، ރޮނާލްޑޯ ފޭސްބުކްގައި ދިން ކުރު ބަޔާނެއްގައި ވަނީ އެއްމާބަނޑު ދެބެންގެ ބައްޕައަކަށް އޭނާވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

"ވަރަށް އުފާވެއްޖެ އަހަރެންގެ ކުދިންނާއެކު ފުރަތަމަ ފަހަރަށް ވަގުތު ހޭދަކުރަން ލިބުނީތީ،" ރޮނާލްޑޯ އޭނާގެ ފޭސްބުކްގައި ބުނެފައިވެ އެވެ.

ރޮނާލްޑޯ އަށް ލިބުނު އެއްމާގަނޑު ދެބެންގެ ސަރަގޭޓްމަންމަގެ އައިޑެންޓިޓީ އޮތީ ސިއްރުކޮށްފަ އެވެ. ރޮނާލްޑޯގެ ފުރަތަމަ ދަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާގެ ސަރަގޭޓް މަންމަގެ އައިޑެންޓިޓީ ވެސް ވަނީ ސިއްރުކޮށްފަ އެވެ. ރޮނާލްޑޯގެ ފުރަތަމަ ދަރި އުފަންވީ 2010 ވަނަ އަހަރެވެ.

ރޮނާލްޑޯ އަށް ލިބުނު އެއްމާބަނޑު ދެބެންގެ މާ ބޮޑު މައުލޫމާތެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތަކުން ބުނާގޮތުގައި ރޮނާލްޑޯ އަށް ލިބުނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އަދި މި ދެ ކުދިން އުފަންވީ ޖޫން މަހުގެ 8 ވަނަ ދުވަހު ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި ރަޝިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ. ޕޯޗުގަލްގެ ފުޓްބޯލް ފެޑެރޭޝަން އިން ބުނީ ކޮންފެޑަރޭޝަންސްގެ ކުރިން ރޮނާލްޑޯ ވަނީ އޭނާ އަށް ދެ ކުދިން ލިބިފައިވާކަން އަންގާފަ އެވެ. އެހެން ނަމަވެސް، އޭނާ ޓީމަށް ވަގުތު ހުސްކުރި ކަމަށާއި މި ވަގުތު އޭނާ ބޭނުންވާ ގޮތަށް އާއިލާ އަށް ވަގުތު ދިނުމަށް އޭނާ ރިލީޒްކޮށްފާވައިވާ ކަމަށެވެ.