ބޭރު ކުޅިވަރު

ބްރާވޯ ބުނަނީ އަދި މުޅިން ފިޓުނޫން ކަމަށް

Jun 29, 2017

ފީފާ ކޮންފެޑަރޭޝަންސް ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް، ޗިލީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު، އެ ޓީމުގެ ބަތަލަކަށްވީ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އެވެ. ޕޯޗުގަލް އިން މެޗުގައި ޖެހި ތިން ޕެނަލްޓީ ވެސް ބްރާވޯ ވަނީ ދިފާއުކޮށްފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޕޯޗުގަލްގެ ރިކާޑޯ ކުރެސްމާ އާއި ޖައޮ މޮޓީނިއޯ އަދި ނާނީ ޖެހި ޕެނަލްޓީތައް ބްރާވޯ ދިފާއުކުރިއިރު، ޗިލީގެ އާޓޫރޯ ވިޑާލް އާއި އެލެކްސިސް ސަންޗޭޒް އަދި ޗާލްސް އަރަންގުއިޒް ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ.

ކޮންފެޑަރޭޝަންސް ކަޕްގެ ސްކޮޑަށް ބްރާވޯ ނެގިއިރު، އަނިޔާގެ މައްސަލަތަކާ ހެދި އޭޕްރީލް މަހުން ފެށިގެން އޭނާ މެޗެއް ނުކުޅެ އެވެ. މި މުބާރާތުގައި ބްރާވޯ ކުޅުނު ފުރަތަމަ މެޗަކީ ގުރޫޕް ސްޓޭޖުގެ ފަހު މެެޗެވެ.

ބްރާވޯ ބުނީ އޭނާ މެޗުތަކަށް ނިކުތް ނަމަވެސް، އަދި މުޅިން ފިޓުނޫން ކަމަށެވެ.

"އަހަރެން އާންމުކޮށް ކުޅޭ ގޮތަކަށް ނުކުޅެވޭ. އަނިޔާގެ ސަބަބުން ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުރެފައި މެޗަށް މި ނުކުތީ. އަދި އަހަރެން ބޭނުންވާ ވަރަށް ނުކުޅެވޭ،" މެންޗެސްޓާ ސިޓީ އަށް ކުޅެމުންދާ ބްރާވޯ ބުންޏެވެ.

ބްރާވޯ ބުނީ ޗިލީ އަށް ކޮންފެޑަރޭޝަންސް ކަޕްގެ ފައިނަލްގެ ޖާގައެއް ހައްގު ކަމަށެވެ.