ކެފޭ އެވެ؛ ރައްޓެއްސަކާއެކު ސައި ތައްޓެއް ބޮއިލޭ ވާހަކަ ދައްކާލަން އިން އިރު ޖެހިގެން އިން މޭޒުގައި ތިބި ދެ މީހަކު ދައްކަމުން ދިޔަ އޮލަ ވާހަކައަށް ސަމާލުކަން ދެވުނެވެ. ދެއަތަށް ބޯ ހޫރުވަމުން، އެ ދެ މީހުންވެސް ދައްކަމުން ދިޔައީ ކަންކަމުގައި ދިވެހިންގެ "ފީކަޅާ" ކަމުގެ ވާހަކަ އެވެ. ޒިންމާ އަދާ ކުރުމުގައި ފަރުވާ ކުޑަ ކުރާ ވާހަކަ އެވެ. އެއްވެސް ގޮތެއް ފޮތެއް ނޯންނަ ވާހަކަ އެވެ. އިރުކޮޅަކުން ބިލަށް ފައިސާ ދައްކާފައި އެ ދެ މީހުން ތެދުވެގެން ދިޔައީ އެވެ. އެ މީހުން ތިބި މޭޒުގައި ހުސްކޮށްފައި ހުރި ކުޑަ ދެ ކޮފީ ތައްޓާއި އެއާ އެކުގައި ނަގާފައި ހުރި ބޮޑު ފެންފުޅިއެއް ހުއްޓެވެ. މޭޒު ސާފުކޮށްލައި ފެންފުޅި ނަގަން ވެއިޓަރު އައިސް ތަބަކުގެ މަތީ އެ ފުޅި ބެހެއްޓި އިރު އޭގައި އުސް ތުނބާޖެހެންދެން ފުރާ ފެން ހުއްޓެެވެ. އެ ބޮޑު ފެންފުޅިން އެ މީހުން ބޮއެފައި ދިޔައީ ކުޑަކުޑަ ފޮދުވަރެކެވެ. ބާކީ އެއްކޮށް އިސްރާފުކޮށްލީ އެވެ. އެ މީހުންގެ ފީކަޅާކަން ވަކީން ކުޑަ ހެއްޔެވެ؟
އެ މީހުންގެ ބަހާއި އަމަލު އެއްގޮތަކަށް ވެސް ދިމައެއް ނުވެއެވެ. މިއީ ވަރަށް އާދައިގެ ކުޑަ ކުޑަ ކަމަކަށް ވެސް ވެދާނެ އެވެ. އެކަމަކު މިވަރުގެ ބޮޑު ކަމެއް ވެސް ވަކިންއޮންނާނެ ހެއްޔެވެ؟
ގާތްގަނޑަކަށް އަބަދާއަބަދު ކެފޭ ރެސްޓޯރެންޓްތަކުން ކާން "ދެވި ހިފާފައިވާ" ދިވެހިންގެ ތެރޭގައި މިއީ ވަރަށް އަންމު ކަމެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކެފޭ ނުވަތަ ރެސްޓޯރަންޓެއްގެ މޭޒު މަތިން ފެންނަ ވެސް އާންމު މަންޒަރެކެވެ. ކޮފީ އެއްގައި ތިބެ ހީނ ސަކަރާތް ޖަހައި މީހުންގެ "މަސް ކާފައި" ނުކުމެގެން ދާއިރު އެތަނަށް އިސްރާފުކޮށްލާ ފެނާ މެދު ވިސްނައެއް ނުލެވެ އެވެ. ދެ މީހަކު ވިޔަސް ބޮޑެތިހާ ފެންފުޅިތައް ނަގައި އެކީ އިސްރާފުކޮށްލުމަށް ފަހު އަޅައި ވެސް ނުލައި ނުކުމެއްގެން ހިނގައިދާނެ އެވެ. މި ވާހަކަ ދައްކާނަމަ ކުޑަކުޑަ ކަމެއް ނޫސްވެރިޔާ މާ ބޮޑުކޮށްލީއޭ ބައެއް މީހުން ބުނާނެ އެވެ.
ނަމަވެސް ދުވާލެއްގެ މައްޗައް މަދުވެގެން ދެ ފަހަރަކަށް ކޮފީއަށް އަރާ މަހަކު ދެތިން ފަހަރަކަށް ރެސްޓޯރަންޓަކުން ކެއުން ހިޔާރު ނުކުރާ މީހުން ދިވެހިންގެ ތެރޭގައި މަދެއް ނޫނެވެ. މާލޭގެ ކެފޭ ރެސްޓޯރަންޓަކަށް އަރައިލުމުން އެކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ކޮންމެ ވަގުތަކު ވަން ނަމަވެސް އެއްވެސް ތަނަކުން ޖާގައެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.
އެ ހުރިހާ ތަނަކަށް ވަންނަ ކޮންމެ މީހަކު ވެސް ފެން ފުޅީގެ އެއްބައި ނުވަތަ އެއްކޮށް އިސްރާފު ކުރާ ނަމަ ދުވާލެއްގެ މައްޗައް އެންމެ ރެސްޓޯރަންޓަކުން ވެސް ކިހާ ފެނެއް އިސްރާފު ވާނެ ހެއްޔެވެ؟ އަދި މާލޭގެ ހުރިހާ ރެސްޓޯރަންޓެއްގައި ވެސް މިކަން މިހެން އޮންނަ އިރު ނޭނގި ތިބެ އެ ކުރެވެނީ ކިހާ ބޮޑު އިސްރާފެއް ހެއްޔެވެ؟ އެ ފެން މިނާލައި ހިސާބެއް ހަދައިފިނަމަ މީހުން ހައިރާން ކުރުވައިފާނެ ނަމްބަރެއް ނުކުންނާނެ ކަން ގައިމެވެ.
"ތިއީ ވަރަށް ބޮޑު މައްސަލައެއް. ދުވާލަކު ފަސް ކޭސް ފެނަށް ވުރެ ގިނައިން މިތަނުން ހުސްވޭ. އޭގެ ބޮޑު ބައެއް އިސްރާފުވޭ ކޮންމެ ދުވަހަކު... އެތި ފޮދެއް ބޮއެފައި ދިއުމުން ދެން ޖެހޭނީ އެއްކޮށް އުކާލަން. ފެނުނުގެ ވަރަށް ބޮޑު އިސްރާފެއް ކޮންމެ ދުވަހަކު ވެސް އޮވޭ" ގިނަ ދިވެހިންތަކެއް ގޮސް ފުރާލާފައި އޮންނަ މަޝްހޫރު ޑައިންމޯ ރެސްޓޯރަންޓުގެ ޑިރެކްޓާ އަބްދުލް މަޖީދު ވިދާޅުވި އެވެ.
މާލޭގައި ފެން ނުލިބިގެން ހާލުގައި އުޅޭ މީހަކު އުޅޭނެ ހެނެއް ހީއެއް ނުވެއެވެ. ނަމަވެސް ފެން އިސްރާފު ކޮށްގެން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ އުޅޭ މީހުން ވަރަށް ގިނަ އެވެ. ފެން އިސްރާފުކޮށްފައި ނުކުމެގެން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅުގައި ސާފު ފެން ތިއްކެއްގެ ރަހަ އަރު ތެރޭގައި ނުލާ ކިހާ ބަޔަކު އުޅޭކަން އިހުސާސްވޭ ހެއްޔެވެ؟
ރެސްޓޯރެންޓުގައި ފެސް އިސްރާފު ނުކުރިއަސް އެ ފެނުގެ ރާހަތެއް އެފަދަ ފަރާތްތަކަށް ނުލިބޭނެ އެވެ. އެއީ ތެދެކެވެ. ނަމަވެސް އެކަމާ ވިސްނާ ފިކުރު ކުރާ ނަމަ އަދި އެފަދަ ފަރާތްތަކަށް ހަމްދަރުދީވެވި، އެފަދަ ދަތިކަމެއް ތިމާއަށާއި ގައުމަށް މިންވަރު ނުވުމަށް އެދިގެން ވެސް ފެނުގެ ނިއުމަތް އިސްރާފު ކުރުމާ ދުރަށް ދެވޭނެ އެވެ. އެއީ ކިހާ ބޮޑު ފައިދާއަކާއި ރީއްޗެއް ހެއްޔެވެ؟
އެންމެ މީހަކު މިކަމަށް ވިސްނާލުމަށް ފަހު، އަޅާ ކުޑަ ފިޔަވަޅަކުން ވެސް ބޮޑު ބަދަލެއް ގެނެވިދާނެ އެވެ. އަދިި އެ ވިސްނުމުގައި އެންމެން މަސައްކަތް ކުރާނަމަ މިފަދަ މައްސަލަތަކަށް އެކީ ނިމުން ގެނެވިދާނެ އެވެ.
ފުރަތަމަ ކަމަކަށް މި ކަމަކީ ރެސްޓޯރަންޓުތަކާއި އެތަންތަނަށް ވަންނަ މީހުންގެ ވިސްނުން ވެސް ބަދަލުކޮށްގެން ރަނގަޅު ކުރެވޭނެ ކަމެކެވެ. ފެން އިސްރާފު ނުކުރުމާއި ނުވަތަ ބާކީ ވެއްޖެ ނަމަ ދޫކޮށްލާފައި ނުގޮސް ތިމާއި ބުއި ފެންފުޅި ހިފައިގެން ދެވިދާނެ އެވެ. އެންމެ ބޮޑު ފެންފުޅި ގެންގޮސް މޭޒުމަތީގައި ބެހެއްޓުމުގެ ބަދަލުގައި އެބަޔަކަށް ބޭނުން ވަނީ ކިހާ ވަރެއްގެ ފެނެއްތޯ ނޫނީ ފެން ފުޅިއެއްތޯ ސުވާލު ކޮށްފައި އެ ބޭނުން ވާވަރަކަށް ވެސް ފެން ބެހެއްޓިދާނެ އެވެ. ސީދާ ތައްޓަށް ފެން އަޅާ ދިނުން ވެސް އެއީ ވެސް ގޮތެކެވެ. އެ ނޫނަސް ފެން ބޭނުން ކުރުމުގައި އިސްރާފު ކުޑަ ކުރެވިދާނެ ގޮތްތައް ހުންނާނެ އެވެ. ބޯ ފެނުން މިހާ ބޮޑަށް އިސްރާފު ކުރާ ބަޔަކަށް ވާން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟