ފިނިޕޭޖް

1438ގެ ޝޯގައި ބޮބް، ޒަކިއްޓެ އަދި ހަމްދާން ވެސް

އަރަމުން އަންނަ ބޮޑުބެރު ގުރޫޕް 1438 ގެ އީދު ޝޯ މިރޭ ކ. ހިންމަފުށީގައި އޮންނާނެ އެވެ. އެކަން އެ ރަށަށް ބަލާލުން ވެސް ދަނީ ފެންނަމުންނެވެ. މުޅި ރަށް މިހާރު އޮތީ ފުރިފަ އެވެ. އެންމެން ތިބީ ޝޯގެ އިންތިޒާރުގަ އެވެ. އެއް ބަޔަކު އަދިވެސް ދަތުރު ހަދައިގެން ދަނީ އެވެ.

ގުރޫޕްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ ހަސަން މުސްފާހު (މުސީ)ގެ ހުށަހެޅުންތައް ބަލާލުމަށް ރަށަށް ފުރިފައިވާއިރު އަނެއްކާވެސް މިއޮތީ ވަރަށް އުފާވެރި ހަބަރެކެވެ. ޝޯ ބަލަން ދާން ޖެހޭ އިތުރު ސަބަބެކެވެ. އެންމެންގެ ވެސް ފޭވަރިޓް، ދެވަނަ މޯލްޑިވިއަން އައިޑޮލް މުހައްމަދު ތަސްނީމް (ބޮބް) ވެސް މިރޭގެ ޝޯގައި 1438 އާ ބައިވެރިވާނެ އެވެ.

މިވަރުން އަދި ނިމުނީއެއް ނޫނެވެ. މޯލްޑިވިއަން އައިޑޮލްގައި އެންމެން ހެއްވާލި ހަސަން އިރުފާން (ޒަކިއްޓޭ) ވެސް ޝޯގެ މަޖަލުގައި ސްޓޭޖް މަތިން ފެންނާނެ އެވެ. ދެން ވެސް ހުރީ ވަރުގަދަ ނަމެކެވެ. ރީތި އަޑެއްގެ ވެރިއެކެވެ. ހަމަ އައިޑޮލްއިން ވިދާލި މުހައްމަދު ހަމްދާން އެވެ. ހަމްދާންގެ ހުށަހެޅުންތައް ވެސް 1438 ގެ އީދު ޝޯއިން ފެނިގެންދާނެ އެވެ.

މި ޝޯގެ ބޮޑު ހަދިޔާ އަދި އޮތީ އެވެ. މިރޭ 1438ގެ ދަށުން ހިންގާނެ މުޅިން އާ ބޭންޑެއް އުފައްދައި ލޯންޗުކުރާނެ އެވެ. އެ ބޭންޑުގެ ލީޑް ވޯކަލިސްޓުންގެ ގޮތުގައި ތިބޭނީވެސް 1438 ގެ އާޓިސްޓުން ކަމަށްވާ މުސީ އާއި އައްޒާމް ޝަރީފް (އައްޒަޑޭ) އެވެ. އަދި ބޭންޑުގައި އިތުރަށް ތިބޭނީވެސް 1438 ގެ ހުނަރުވެރި ފަންނާނުންނެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ އެ ޝޯ އޮންނާނީ ހިންމަފުށީ ބޮޑު ސްޓޭޖުގަ އެވެ. ޝޯ ފަށާނީ 9:00 ޖަހާއިރެވެ.