ހަބަރު

އެންމެ ފަހުން އަލިފުށި އަލިވެއްޖެ

މިދިޔަ އަންގާރަ ދުވަހު ކަރަންޓް ކެނޑުނު، ރ. އަލިފުށީގައި އާ ޖެނަރޭޓަރު އިންސްޓޯލް ކުރުމަށް ފަހު ކަރަންޓު ދީފި އެވެ.

އަލިފުއްޓަށް ކަރަންޓު ދިނުމަށް ފެނަކައިން ގެންގޮސް އިންސްޓޯލް ކޮށްފައި ވަނީ 600 ކިލޯ ވޯލްޓުގެ ޖެނަރޭޓާ ސެޓެކެވެ. އަލިފުށީ ކައުންސިލުން ބުނީ ފެނަކައިން ގެނައި 600 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓު ގެންގޮސް މިއަދު ހެނދުނު 6:00 ހާއިރުން ފެށިގެން މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން 200 ކިލޯވޮޓުގެ ޖަނަރެއް ވެސް ފޮނުވި އެވެ. ނަމަވެސް އެ ޖެނަރޭޓަރު ސިންކްރޮނައިޒް ކުރުމުގައި މައްސަލަތަކެއް ދިމާވުމުގެ ސަބަބަން ހިދުމަތް ފޯރުކޮށެއް ނުދެވުނެވެ.

އާބާދީގައި 2800 މީހުން ދިރިއުޅެމުން އަންނަ އަލިފުށީގައި ކުރިން ވެސް 600 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 400 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ހުރެ އެވެ. އޭގެ ތެރެއިން މައްސަލަ ޖެހި، ކަރަންޓު އުފައްދައިނުދިނީ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރުންނެވެ.