އަލިފުށި

އަލިފުށި ޓިވެޓް ސެންޓަރުގެ ކޯސްތަކަށް ހުޅުވާލައިފި

ރ. އަލިފުށީގައި މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަނުން ތަރައްގީ ކުރާ ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް -- ޓިވެޓް ސެންޓަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓިވެޓް ސެންޓަރުގައި ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވަނީ ފައިބަގްލާސް ބޯޓް ބިލްޑިންގް ލެވެލް ތިނެއްގެ ކޯހަކާއި އެކު ޖުމްލަ 10 ކޯހެކެވެ.

ސެޕްޓެމްބަރު އިންޓޭކްގައި ފަށާ ކޯސްތަކުގެ ތެރޭގައި ފައިބަގްލާސް ބޯޓްބިލްޑިންގާއި، އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ސެޓްފިކެޓް ލެވެލް ތިނެއް، އެޑްވާންސް ސެޓްފިކެޓް އަދި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނެ އެވެ.

މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު 20 އޯގަސްޓަށް ހަމަވާނެ އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ކޯސްތަކުގައި ބައިވެރިވުމަށް އޮންލައިންކޮން ހުށަހެޅޭނެ ކަމަށާއި އަދިކ މިއިންސްޓިޓިއުޓްގެ ކޯސްތަކަކީ ސަރުކާރުގެ ހަރަދުގައި ހިލޭ ކިޔަވައިދެވޭ ކޯސްތަކެއް ކަމަށެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއިންސްޓިޓިއުޓުގައި މިހާރު ފެށޭ ކޯސްތަކުގެ އިތުރުން މިއަހަރު ތެރޭގައި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިން، މެރިން މެކޭނިކްސް، އޮޓޯމޯޓިވް ރިޕެއަ، ވެލްޑިން، އެއާކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު ކޯސްތައް ފެށިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން މި މަހު ފަހުކޮޅު މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަނުން ކެރިއާ ގައިޑެންސް އޯޕަންޑޭއެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެ އެވެ. މި އޯޕަންޑޭގައި ޓިވެޓް ސެންޓަރުގައި ސެޕްޓެމްބަރުގައި ފަށާ ކޯސްތަކާއި، މިއަހަރު އިތުރަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ސްޓުޑެންޓް ލޯން ސްކީމްތަކާއި، ސްކޯލާޝިޕްތަކުގެ މައުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.