ފިނިޕޭޖް

ފޮޓޯތައް ފެނުމުން "ހައްދު" ބަލަން ކެތް މަދުވެއްޖެ!

ފިލްމު ޕްރޮޑިއުސަރު / ޑައިރެކްޓަރު އަބްދުލް ފައްތާހަކީ ހަމައެކަނި "ސަޅި" މީހެއް ނޫނެވެ. އަދި އޭނާގެ މަސައްކަތްތައް ވެސް އެކަނި ސަޅީއަކީ ނޫނެވެ. ވަރަށް ތަފާތުވެސް ވާނެ އެވެ. ތަފާތު އަދި ރިކޯޑު މުގުރާލާނެ ފިލްމަކަށް މިހާރުވެސް ފައްތާހު އަންނަނީ ތައްޔާރުވަމުންނެވެ. އޭނާ ބުނާ ގޮތުން ފިލްމު "ހައްދު" މޮޅުވެފައި ތަފާތު ފިލްމަކަށް ވާނެ އެވެ. އޭނާ ބުނަނީ އެއީ ރިކޯޑްތައް މުގުރާލާނެ ފިލްމަކަށް ވާނެ ކަމަށެވެ.

ފައްތާހުގެ އެ ތަފާތު ފިލްމުގެ ވަރަށް ތަފާތު ފޮޓޯއެއް ތަފާތު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އެ ފޮޓޯގައި ފެނިގެންދަނީ ފިލްމުގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ އަދި އަހްމަދު ޝިބާން ކުޅިއެއްގެ ކައިރީގައި ތެމި ފޯވެގެން ތިބޭ މަންޒަރެކެވެ. ޝިބާން ހުންނަނީ އޭނާގެ ހަށިގަނޑުގެ މަތި ހާމަކޮށްލައިގެނެވެ. ކައިރީގައި އަލީ އާޒިމް (ދޮން އައްޔަ) ހުރެ އެވެ. އައްޔަގެ ކެރެކްޓާ ވަރަށް ތަފާތުކަން އެނގެ އެވެ. އައްޔަ ހުންނަނީ ޖުއްބާ ލައިގެން ބޮލުގައި ފޮށާ އަޅައިގެންނެވެ. އަތުގައި ދަނޑިބުރިއެއް ވެސް އޮވެ އެވެ. ހުންނަނީ ވަރަށް ރުޅިވެސް އައިސްފަ އެވެ.

އަނެއްކާ އައްޔަ އަކީ އައްޒަ ނޫނީ ޝިބާންގެ ބައްޕަ ހެއްޔެވެ؟ އައްޔަ ރުޅިއައިސް ހުންނާނީ ކޮންމެވެސް ބޮޑު ސަބަބެއް އޮވެގެންނެ އެވެ. މިއީވެސް ވެދާނެ ގޮތެކެވެ. އަސްލު ސަބަބު އެނގޭނީ ފިލްމު ބަލައިގެންނެވެ.

މީގެ އިތުރުން އައްޒަ އާއި ޝިބާންގެ ކެމިސްޓްރީ އާ ދޭތެރޭ ކުރާ ޝައްކުތަކަކީ ބޭކާރު ޝައްކުތަކެއްކަން އެނގޭނެ އެވެ. އެންމެ ފުރިހަމައަށް އެކަން އެނގޭނީ ފިލްމު ބަލައިލީމަ އެވެ. ބެލުންތެރިންނާ ހަމައަށް ހައްދު އަންނާނީ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.

އެ ފޮޓޯ ފެނުމުން ފިލްމުގެ ވާހަކަ އާ ދޭތެރޭ ހީ ކުރަމުން އަންނަ ގޮތަށް ބަދަލެއް އައިސްފި އެވެ. ހައްދަކީ ވަކި ހައްދެއް ނުވަތަ ލިމިޓެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގައި އައިމިނަތު ރިޝްފާ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން މުޅިން އާ ތަރިއެއް ވެސް ފެނިގެންދާނެ އެވެ. ފައްތާހު ބޭނުންވަނީ އެކަން ސަޕްރައިޒެއްގެ ގޮތުގައި ބާއްވާފަ އެވެ.

ފިލްމުގެ ޝޫޓިން ފަށައިގެން މިހާތަނަށް ބޮޑު ބައެއް ވަނީ ނިންމާލާފަ އެވެ. ހއ. އުތީމާއި އެ އަތޮޅު ކެލަ އާއި ރ. އަނގޮޅިތީމު އަދި އެ އަތޮޅު ވާދޫގައި ރޯދައިގެ ކުރިން މަންޒަރުތައް ނެގި އެވެ. އިތުރު މަންޒަރުތަކެއް މިހާރުވެސް ވާދޫގައި ނަގަމުން އެބަ ދެއެވެ. މީގެ އިތުރުން މާލޭގައި ވެސް އެ ފިލްމުގެ މަންޒަރުތަކެއް ނަގާނެ އެވެ.

ހައްދުގެ ލަވަތައް ނަގާނީ ރާއްޖޭގެ އެކިއެކި ހިތްގައިމު ހިސާބުތަކުގަ އެވެ. ފިލްމުގައި ތީމް ލަވަޔާއެކު ފަސް ލަވަ ހިމެނެ އެވެ. ފައްތާހުގެ ފިލްމުތަކާއި ޑްރާމާތަކުން މީގެ ކުރިން ވެސް އޭނާގެ އުފަން ރަށް ކެލާގެ ހިތްގައިމު މަންޒަރުތައް ފެނިގެން ގޮސްފައިވެ އެވެ.

މި ފިލްމުގައި ހިމެނޭ ލަވަތަކުގެ ލިރިކްސް ހަދާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. އަމިއްލަ ރާގުގެ ރީތި ލަވަތަކެއް އިވިގެން ދާނެ އެވެ. ޕްރޮމޯޝަނަލް ލަވަ ފިޔަވައި ހުރިހާ ލަވައެއް ވެސް ކިޔާފައިވަނީ ތޭރަވާ އަދި އަންހެނުން މަރިޔަމް އަޝްފާ އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާފައިވަނީ އަހްމަދު ޔާފިއު އެވެ. ފިލްމަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފައްތާހު ލަފާކުރެ އެވެ.

ފައްތާހުގެ ފިލްމެއް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައިސްފައިވަނީ 2014 ވަނަ އަހަރު އެވެ. ފައްތާހުގެ ބައެއް ސަޅި ފިލްމުތަކުގެ ތެރޭގައި "ހިމޭން ދުނިޔެ"، "އާދޭސް" އަދި "ވާލޯބި އެނގޭނަމަ" ހިމެނެ އެވެ.