ހަބަރު

"އިދިކޮޅު ފަރާތްތަކާމެދު ސަރުކާރާއި މެންބަރުން ކަންބޮޑެއް ނުވޭ"

އިދިކޮޅު ފަރާތްތަކުގެ ކަންކަމާހެދި ސަރުކާރާއި ރައްޔިތުން މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ކަންބޮޑެއް ނުވާ ކަމަށާއި އެ ފަރާތްތަކަކީ ކުރިން ވެސް ފެއިލްވެފައިވާ ބައެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ތުހުމަތު ކުރެއްވީ އިދިކޮޅު ފަރާތްތަކުން ކޯލިޝަން ހަދައިގެން މަސައްކަތް ކުރަނީ ރާއްޖެއިން އިސްލާމް ދީން ފޮހެލަން ކަމަށާއި އެކަން އެ ފަރާތްތަކަށް ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅުގައި މިއަދު ތިބި ފަރާތްތަކަކީ މީގެ ކުރިން އެކި ފަހަރުގެ މަތިން ފެއިލްވެ ރައްޔިތުން ބަލައި ނުގަތް ބޭފުޅުން ކަމަށާއި އެ ފަރާތްތަކުން ކުރައްވާ ކަންކަމާހެދި ސަރުކާރާއި މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ.

"ރައީސް މައުމޫނަށް ރައްޔިތުން އިހްތިރާމް ކުރާނެ، ނަމަވެސް މިހާރު ގައުމުގެ ސިޔާސީ މަސްރަހުގައި އެމަނިކުފާނު ހަރަކާތްތެރިވާކަށް ރައްޔިތުން ބޭނުމެއް ނުވާނެ. ގާސިމްއަކީ ތަކުރާރުކޮށް ކުރިމަތިލެއްވީމާ ރައްޔިތުން ބަލައިނުގަތް ބޭފުޅެއް ނަޝީދަކީ ގައުމުގައި ބޮޑެތި ގެއްލުންތަކެއްތީ މުދަލުގައި ހުޅުޖަހާ އަންދާލާ އަދި ގައުމުގައި އިސްލާމް ދީން ނައްތާލުމަށްޓަކައި މަސައްކަތް ކުރާ މީހެއް. އެހެންކަމުން ރައްޔިތުން ވަނީ މާ ކުރިން އެ ފަރާތްތަކަށް ނޫނެކޭ ބުނެފައި،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ހުށަހަޅައި ގާނޫނުތައް އިސްލާހު ކޮށްފައި ހުންނާނީ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މަޝްރޫއުތައް ހިންގުމަށާއި އިގްތިސޯދު ކުރިއަރުވައި އިންވެސްޓަރުން ރާއްޖެ ގެނައުމަށް ކަމަށެވެ. އޭގެ ތެރޭގައި އިސްލާމް ދީނާ ހިލާފުވާ އެއްވެސް ކަމެއް ހިމަނާފައި ނުވާއިރު ރައީސް ނަޝީދުގެ ސަރުކާރުގައި އިސްލާމް ދީނާ ހިލާފު އެތައް ކަމެއްކޮށްފައިވާ ކަމަށެވެ.

"އިސްލާމް ދީނާ ދެކޮޅަށް މަޖިލީހުގެ ފްލޯގައި ބޭރު މީހަކު ގެނެސްގެން ވާހަކަ ދެއްކި އިރު އޭރު ހުރި މަޖިލީހުގެ ރައީސް ގޯހެއް ނުވޭތޯ. ނަމަވެސް މިއަދު ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާ މަސައްކަތްތަކެއް ކުރެވެމުން ދާތީ އެކަންކަން ހުއްޓުވުމަށް ނުކުންނަނީ... އެ ފަރާތްތައް ކުރާ މަސައްކަތްތަކަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން،"