(29 ޖޫން 2017 އާ ގުޅޭ) -- ދޮރުވާނު ހުރީ ލޫކަންއަށް ނަޒަރު ހުއްޓާލި ގޮތަށް ބުނާނޭ އެއްޗެއް ނޭނގިފައި ހުރި މީހަކު ހެންނެވެ. އޭނާއަށް އެއްލޯ މަރާލާ ކަނާތު ޝަހާދަތްއިނގިލި ތުންފަތުގައި ލޫކަން ޖައްސާލިއެވެ. ގޭޓުހުޅުވުމަށް އިޝާރާތްކޮށްލީ ދެނެވެ. އެއާއެކު ދޮރުވާނު އަވަހަށް ގޭޓު ހުޅުވައިދިނެވެ. މަގުމައްޗަށް ނުކުމެވުމާއެކު އައިރާގެ އަތްތިލަ އުފުލާލުމާއެކު އޭނާގެ އަތުން ލޫކަން ދޫކޮށްލިއެވެ.
ކުރިއަށް ފިޔަވަޅެއް އަޅާން ހަނދާންނެތިފައި ހުރި މީހަކު ފަދައިން އައިރާ ހުއްޓެވެ. ލޫކަން ދޫކޮށްލި އަތްތިލަ ގެނެސް މޭގައި ޖައްސާލައިގެންނެވެ. މަގު މެދުގައި ކަހަލަ ގޮތަކަށް އަރިއަކަށް ހުއްޓިލައިގެން ހުރީއެވެ. ވައަތްފަރާތުން އައިރާގެ ޤައިދުޚާނާއެއް ފަދަ ގެ ފެންނަން ހުރިއިރު ކަނާއަތް ފަރާތުގައި ޤުދުރަތުގެ ފުރިހަމަކަމާއެކު މިނިވަންކަމުގެ އިހުސާސް ކޮށްދެމުންދިޔަ މަންޒިލު ވިއެވެ.
"ވަޓް؟... ކީއްވެފައި ތި ހުންނަނީ؟... މި ދިމާލުން އަތިރިމައްޗަށް ނުކުމެވޭނެ... އަހަންނާއެކު އާދޭ" އައިރާގެ ކުރިމަތީ ހުއްޓި ލޫކަން ވާހަކަދެއްކިއެވެ. އަދި ކުއްލިއަކަށް އައިރާގެ އެލުވާލައިގެން ހުރި ވައަތްތިލާގައި ހިފާ ދަމާލުމާއެކު ލޫކަން ހިނގައިގަތެވެ.
ތިރިކޮށް ހެދިފައި ހުރި މަގޫގަސްތަކުގެ ކައިރިން ހަނި ދިގު މަގަކުން އަތިރިމައްޗަށް ދެ ޒުވާނުން ފޭބިއެވެ. ލޫކަންގެ ބާރުގައި އައިރާ ދަމާފައި އެ ހިސާބަށް ގެނައި ކަހަލައެވެ. އައިރާގެ އަތުން ދޫކޮށްލަމުން ލޫކަންގެ ނަޒަރު އޭނާއަށް ހުއްޓާލިއެވެ. ކުދި ރާޅު އައިސް ގޮނޑިދޮށަށް ބީއްސާއަޑާއާއި ފަޒާގައި ދައުރުވަމުންދިޔަ މަޑު ރޯޅިން މާޙައުލުގެ ހިމޭންކަން ނަގާލާފައިވެއެވެ. ނަމަވެސް އެ އަޑުތަކަކީ ހިތްތަކަށް ހަމަޖެހުން ގެނުވާފަދަ އަޑުތަކެކެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް ރާޅުފަށުގައި މަޑުކޮށްލިއެވެ. ބުރު ފުރިހަމަ ހަނދު ހުރީ މަތީގައެވެ. ޔަގީނުން ވެސް އިރުއޮއްސުނު އިރު އެ ހަނދު ނިކަން ބޮޑުވާނެކަން ގައިމެވެ. އެހާ މަތީގައި ހުރިއިރު ހަނދުވަރުގެ އަލިކަމުގެ މައްޗަށް ތަރިތަކުގެ ވިދުން ފަނޑުކޮށްލާ އުދަރެހަށް ރިހިއަލި ފަތުރާލާފައި ވެއެވެ. ހަށިފުރާލީ ނޭވާއާއެކު އައިރާ އުޑުމައްޗަށް ބަލާލިއެވެ.
"ނިޔާނު!..." ދެ ލޯމަރާލުމާއެކު އައިރާ މަޑުމަޑުން ބުނެލިއެވެ.
"އަހަރެން ވަރަށް އެކަނިވެއްޖެ. ނިޔާނު... ދުވަހަކު ވެސް އަހަރެން މިހާ މަޖުބޫރެއްނުވޭ. މަންމަގެ ވިސްނުން ބަދަލުވެ ރަނގަޅުވާނެއޭ ނިޔާނު ބުނީމެއްނު... އެ މަންމައާ މެދު ހެޔޮކޮށް ހިތުމަށް ވެސް ބުނީމު... އެކަމަކު މިއަދު ނިޔާނުގެ މަންމައަކީ ނިޔާނަށް ލިބެން އުޅޭ ދަރިފުޅުގެ ފުރާނައަށް ވެސް ހުރި ނުރައްކަލެއް. މިއަދު އަހަރެން މަންމައަކަށްވާއިރު އެ ފަދަ މަންމައަކަށް މާފުކުރާނީ ކިހިނެއް؟ ނިޔާނު އަހަރެން ދޫކޮށްލާފައި ދިއުމުގެ ސަބަބުން އަހަންނާއި ނިޔާނުގެ މި ދަރިފުޅު މިވަނީ ބިކަވެފައި. ހިތަށް އަރާ ދަރިފުޅު ވިހާފައި އެކުއްޖާފުޅު ގޮވައިގެން ފިލަންވީއޭ... އެކަމަކު... އެ ދަރިފުޅު ގޮވައިގެން އަހަރެން ގޮސް ވަންނާނޭ ތަނެއްނެތް. މިއަދު ނިޔާނު ނެތުމުގެ ސަބަބުން އަހަރެން ކިހާ ނިކަމެތިވެއްޖެ. އަހަރެންގެ ހުރިހާ ވެސް ހިތްވަރަކީ ތީ. ހުރިހާ އުފަލަކީ ތީ. މި ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެ ދަރިފުޅު އަހަންނާ ވަކިކޮށްލައިފިނަމަ އަހަރެން ދިރިހުރުމުގެ ހުރިހާ އުންމީދެއް ގެއްލިގެންދާނެ. އަހަންނާއި ނިޔާނު އަބަދުގެ އަބަދަށް އޭރުން ވަކިވާނެ. ނިޔާނު ކީއްވެ އަހަންނާ ވަކިވީ؟ ތުއްތު ދަރިފުޅު އަތައްލައިގެން އަހަރެން ދާނީ ކާކު ކައިރިޔަށް؟ އަހަރުމެން ދެމައިންނަށް މި ދުނިޔެއިން އެހީވާނީ ކާކު؟"
"އަހަރެން..." އައިރާގެ ކަންފަތުގައި ޖެހުނު އަޑާއެކު ބޭއިޚްތިޔާރުގައި ލޯ ހުޅުވާލެވުނެވެ. އެއާއެކު އޭނާގެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތަ ކޯތާފަތުންލާފައި ފައިބައިގަތެވެ. ކުރިމަތި ހުރި ލޫކަން ފެނި އައިރާ ހައިރާން ވެސް ވިއެވެ. އޭނާގެ ހިތުގެ އަޑު ލޫކަންއަށް އިވެވެންވީ ސަބަބެއް ނޭނގިފައެވެ. ލޫކަންއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރިއިރު އައިރާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އައިރާ އެއްއަތް އުފުލާލާ ކޯތާފަތް ފުހެލަން އުޅުނު ވަގުތު އޭނާގެ އަތުގައި ލޫކަން ހިފެހެއްޓިއެވެ. އަދި ލުއި ހިނިތުންވުމެއް އައިރާއާ ބަދަލުކޮށްލުމާއެކު އޯގާތެރިކަމާއެކު ދެއަތުން އައިރާގެ ކޯތާފަތް ފުހެލަ ދިނެވެ.
"އަހަރެން... އަހަރެން އެބަހުރިން... ސޯ ޕްލީޒް އައިރާ ނުރޮއެ" ލޫކަން މަޑުމަޑުން ބުނެލިއެވެ.
"ކީއްވެ؟ އަހަރެންގެ އަތުގައި ލޫކަންއަށް ދޭނެ އެއްވެސް އެއްޗެއްނެތް. އަހަރެންގެ މައްޗަށް ލޫކަން ހަމްދަރުދީ ފާޅުކުރާން އަހަރެން މީ ކާކު؟" ލޫކަންއާ ދުރަށް ދިއުމަށް އައިރާ ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ.
"އެއް އިންސާނަކު އަނެއް އިންސާނަކާ މެދު ވިސްނާ ފިކުރުކުރުމަކީ ގޯހެއްތަ؟ އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމްދަރުދީތަ؟ އައިރާގެ މޭގައި ހިތެއްވާއިރު އަހަރެންގެ މޭގައިވަނީ ހިލަގަނޑެއްކަމައްތަ ހީކުރީ؟ އެހެންމީހުންގެ ހާލު ނުވިސްނޭހާ އަހަރެންގެ ވިސްނުން ކޮށީތަ؟ އުފާވެރިކަން އެހެންމީހެއްގެ ހަޔާތައް ގެނެސްދޭން މަސައްކަތްކޮށް އޭނާއަށް ލިބިފައިވާ ވޭން ކުޑަކޮށްދޭން އުޅުމަކީ އަމިއްލަ އެދުން ބޮޑުވުންތަ؟ ނޫނީ އޭނާގެ ފަރާތުން ނާޖާއިޒްފައިދާގަނޑެއް ނަގަން ބޭނުންވުންތަ؟" ލޫކަންގެ ވާހަކަ އިވިފައި އައިރާ ހުރި ތަނަށް ގަނޑުވި ކަހަލައެވެ. އޭނާއާ މެދު ލޫކަން އެފަދަ ދަރަޖައަކަށް ވިސްނުން ހިންގަފާނެއޭ ހީނުވީއެވެ. އެދުމެއްނެތި ވެދުމެއްކުރާން މީހަކު އުޅޭނަމަ އެއީ ގޯހެއްކަމުގައި އައިރާއަށް ހީވަނީއެވެ. ދުނިޔެވަނީ އޭނާއަށް އެ މަންޒަރުތައް ދައްކަން މަސައްކަތްކޮށްފައެވެ. ހަމައެކަނި އައިރާގެ ދިރިއުޅުމަށް އިތުބާރުކުރެވޭވަރުގެ އައީ އެންމެ ފިރިހެނެކެވެ. އެއީ ނިޔާނެވެ. މިއަދު ނިޔާނު ވަކިވެގެން ގޮސްފައިވާއިރު އެފަދަ އިތުބާރެއް ދެވަނަ މީހަކަށް ކުރާން އައިރާ ޖެހިލުންވެއެވެ.
"އައިރާ... އަހަންނަކީ ހެޔޮ އެދޭ ރަޙުމަތްތެރިއެއްކަމުގައި ހީކުރޭ. އަހަންނަށް އިތުބާރުކުރޭ" އިސްޖަހާލައިގެން އައިރާ ހުންނަން ފެށުމުން މަޑުމައިތިރިކަމާއެކު މަޑުމަޑުން ލޫކަން ބުނެލިއެވެ. އައިރާ ވަކި އެއްޗެއް ނުބުންޏެވެ. އޭނާ އިރުކޮޅަކު ހުރެފައި ތިރިވާން މަސައްކަތް ކުރިއެވެ. އެތަން ބަލަން ލޫކަންއަކަށް ނުހުރެވުނެވެ. އައިރާ ނޭދުނުކަމުގައި ވިޔަސް އޭނާއަށް ވެލިގަނޑުމަތީ އިށީނުމަށް ލޫކަން އެހީތެރިވިއެވެ. އަދި އައިރާ އިށީނުމާއެކު އޭނާގެ މޫނަށް ބަލަން އިރުކޮޅަކު މަޑުކޮށްލާފައި ލޫކަން ވެސް އިށީނެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟" ހިމޭނުން ނީނދެވިގެން ލޫކަން އަހާލިއެވެ.
"ބަނޑުގައިވާ ދަރިފުޅާމެދު" މަޑުމަޑުން އައިރާ ބުނެލިއެވެ. އޭނާ ޖަވާބު ދިނުމުން ލޫކަން އަޖައިބު ވެސް ވިއެވެ. ހަމައެއާއެކު އުފާ ވެސް ވިއެވެ. އޭނާއާ ޖަދަލުކޮށް ސުވާލުތަކެއް ކުރިމަތިކުރުމަކާ ނުލާ އައިރާ ވާހަކަދެއްކުމުންނެވެ.
"ބޭބީ ރަނގަޅު. އެކަމާ ހާސްނުވޭ... އަހަރެން ހުއްޓާ އެއްވެސް ކަމެއްވިޔަކަ ނުދޭނަން. މިހެންބުންޏަސް ޤުދުރަތީގޮތުން ދިމާވާ ކަންކަމަކީ އަހަރުމެން ޑަކްޓަރުންނަށް ވެސް ނުހުއްޓުވޭނެކަންކަން. އެކަމަކު އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް އައިރާއާ ކުރިމައްޗެއްނުވާނެ"
"އަހަރެން... އަހަރެން މިދަރިފުޅު އުފަންކުރާކަށް ބޭނުމެއްނޫން" ޖެހިލުންވެފައި އިނދެ އައިރާ ބުންޏެވެ.
"އެއީ ކީއްވެ؟ އަނެއްކާ އައިރާ ބޭނުންނުވެ ލިބުނު ކުއްޖެއްތަ ތީ؟"
"ނޫން! ނޫން! އެއްގޮތަކަށް ވެސް އެހެނެއްނޫން! މީ އަހަރެންގެ ފިރިމީހާގެ އަމާނާތެއް. އަހަރެން މިދަރިފުޅުދެކެ ވަރަށް ލޯބިވޭ. ވަރަށް ބޭނުން މި ދަރިފުޅު... އެކަމަކު މި ދަރިފުޅު އުފަންވުމާއެކު އަހަރެންގެ އަތުން ބީވެދާނެތީ ބިރުގަންނަނީ"
"ކާކު އައިރާގެ ދަރިފުޅު އަތުލަން އުޅެނީ؟ އެހެންނޫނަސް އައިރާގެ ދަރިފުޅު އަތުލައިގެން އެމީހަކަށް ކޮންފައިދާއެއްވާނީ" ލޫކަންއަށް ޖަވާބު އެނގި ހުރެ އަހާލިއެވެ. އޭނާ ބޭނުންވަނީ އައިރާގެ ދުލުން ހުރިހާ ވާހަކައެއް އަޑުއަހާށެވެ. ނަމަވެސް އައިރާ އިތުރަކަށް އެ ވާހަކައެއް ނުދެއްކިއެވެ. އިރުގަނޑަކު މުދާ ދިމާއަށް ބަލަހައްޓައިގެން އިނދެފައި އައިރާ ފެށީ މުޅީން އެހެން ވާހަކައެކެވެ.
"ލޫކަން ތީ ޑަކްޓަރެއްނު؟ އަހަރެންގެ ބޭބީއަކީ ކޮންކަހަލަ ކުއްޖެއްކަން އަދިވެސް ނޭނގޭ. ބައެއްފަހަރު ހީވަނީ އެ ސްކޭން ޑަކްޓަރު ފަރުވާކުޑައީހެން. ކިހިނެއް އަންހެންކުއްޖެއްތޯ ނޫނީ ފިރިހެންކުއްތޯ ބަލާނީ؟" އައިރާގެ ވާހަކަދެއްކުމުގެ ރާގަށް އައި ބަދަލާއެކު ލޫކަން ހިނިތުންވެލިއެވެ.
"އައިރާ ބޭނުންތަ ބަލަން" ލޫކަން ހިނިއައިސްފައި އިނދެ އަހާލިއެވެ.
"ހޫމް! އެނގޭނެގޮތެއް އޮންނާނެތަ؟" އުންމީދާއެކު އައިރާ ބަލާލި ގޮތުން ލޫކަންގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އެހާ ފަސޭހައިން އައިރާގެ މޫނުމަތީގައިވި ހިތްދަތިކަން ފޮރުވާލިލެއް ކުޅަދާނަކަމޭ ލޫކަންގެ ހިތަށް އެރިއެވެ. ނަމަވެސް އެހިތުގެ ހާލު ލޫކަން ދެނެގަތެވެ.
"އަހަންނާއެކު ދާން ކެރޭނެތަ؟" ލޫކަން އަހާލިއެވެ.
"ކޮންތާކަށް؟" ހާސްވެފައި ކަހަލަ ގޮތަކަށް އައިރާއަށް ވަގުތުން އަހާލެވުނެވެ.
"އަހަރެން މަސައްކަތްކުރާ ހޮސްޕިޓަލަށް. އޭރުން އައިރާ ބޭނުންވެގެން އުޅޭ ކަންތައް ދާދި ފަސޭހައިން ވެދާނެ" ލޫކަން މިހެން ބުނުމުން އައިރާ ވިސްނަން އިނީއެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟" އައިރާ އެއްވެސް އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން ލޫކަން އެހިއެވެ.
"މަރިޔަންދީ ނުލާ ނުދެވޭނެ... އެހާ ގިނައިރު ޑަކްޓަރަށް ދައްކަން ބޭރުގައި ވެސް ނޫޅެވޭނެ" އިސްޖަހާލައިގެން އިނދެ ޝަހާދަތް އިނގިލިން ވެލިގަނޑާ ކުޅެމުން އައިރާ ބުނެލިއެވެ.
"މަރިޔަންދީ މައްސަލައެއް ނުޖައްސާނެ އަހަންނާއެކު އައިރާ އަޔަސް"
"ލޫކަންއަކަށް ނޭނގޭނެ... ހިނގާ ގެއަށް ދާން. މިހާރު ވަރަށް ލަސްވެއްޖެ" އަނެއްކާ ވެސް އައިރާ ފެށި ވާހަކަ ހުއްޓާލީއެވެ. އޭނާ ރުބީނާގެ ނަން ކިޔަން ފަސްޖެހެނީކަން ލޫކަން ދެނެހުއްޓެވެ.
ލޫކަން އިތުރު އެއްވެސް އެއްޗެއް ނުބުނެ ކޮޅަށް ތެދުވެ އައިރާއަށް ދެއަތްތިލަ ދިއްކޮށްލިއެވެ. އޭނާގެ ދެއަތުގެ އެހީގައި އައިރާ ކޮޅަށް ތެދުވިއެވެ. އަދި އެހާ އަވަހަށް އެ އަތުން ދޫކޮށް ވެސް ލިއެވެ. ވެލި ފޮޅާލާފައި އައިރާ ކުރީން ހިނގައިގަތެވެ. ލޫކަން އައިސް އޭނާއާ އެއްވަރުކުރިއެވެ. ދެ ޒުވާނުން އެކުގައި އައިސް ގޭޓު ކައިރިއަށް ހުއްޓެން ވާއިރަށް ދޮރުވާނު ގޭޓު ހުޅުވައިދިނެވެ. ލޫކަން އޭނާގެ ކޮޓަރިއަށް ދިޔައީ އައިރާގެ ކޮޓަރިއަށް އޭނާ ވަނީމައެވެ.
* * * *
އެރެއަށްފަހު ލޫކަން ވާހަކަދައްކަން އަތުވެއްޖެނަމަ އައިރާ ވާހަކަދައްކައެވެ. ވިހަން ކައިރިވަމުން އަންނައިރު އެންމެ ފަހު ދުވަސްކޮޅު އަންހެންމީހާ ތައްޔާރުވާންޖެހޭ ކަންކަމާ ގުޅޭ ފޮތެއް ވެސް ލޫކަން ގެނެސްދިނެވެ. އޭގެ އިތުރުން ކުޑަދޮރުގެ ތަންޑުގައި މަޑުކޮށްލައިގެން އިންނަ ކަރުދާސް ދޫނިތަކަށް އައިރާގެ ސަމާލުކަން ހުއްޓެމުންދިޔައެވެ. ތަފާތު ކުލަތަކުގެ ދޫނި ކޮންމެ ދުވަހަކު ތަގާތު މެސެޖެއް އައިރާއަށް ދެއެވެ. އެއީ ކާކުކުރާ ކަމެއްކަން ނޭނގުނު ނަމަވެސް އެ ދޫނި އެ ކުޑަދޮރުގައި ޖައްސާނެ އިރަކަށް އައިރާ ބަލައެވެ. ފޫހިފިލާ ކަމަކަށް އެ މެސެޖުތައް ކިއުން ވެއެވެ. އެކަނިވެފައި އިންނަ ވަގުތެއްގައި އެނދުގައި ކައިރީ ހުރި ވަތްގަނޑަށް ގިނަވަމުން އައި ކަރުދާސް ދޫނިތަކަށް ހަދާނޭ ގޮތެއް އައިރާ ވިސްނިއެވެ. އެގޮތުން ކެތުލީނުގެ އެހީގައި ކޮޓަރިތެރޭގައި ކަރުދާސް ދޫނިތައް އެލުވިއެވެ. ބަލާލަން ހިތްގައިމު މަންޒަރަކަށް ވެގެންދިޔައެވެ. ބަޔާންކުރާން ނޭނގުނު ނަމަވެސް އައިރާގެ ހިތް މަޑުމަޑުން ލޫކަންއަށް އިތުބާރުކުރާން ބުނަމުންދިޔައެވެ. ނަމަވެސް އަމިއްލަ ހަޔާތުގެ ހުންގާނު އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ބޭނުންނުވެފައި ހުރި އައިރާއަށް ފަސޭހަކަމަކަށް އެކަން ނުވިއެވެ.
"އައިރާ... ރީތިވެލައިގެން އާދެބަލަ ދައްތައާއެކު" މެންދުރު އެކެއް ޖަހަން އުޅެނިކޮށް މަރިޔަންދީ އައިސް އައިރާގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލުމާއެކު ބުންޏެވެ. ހުޅުވާފައި ހުރި ދޮރާ ދިމާއަށް އައިރާ ބަލާލާ އެނދުން ތެދުވިއެވެ.
"ކިހިނެއްވީ؟" އައިރާ ސުވާލު އުފެދުނެވެ.
"ދައްތައާއެކު ތަނަކަށް ދާން. އަވަސްކޮށްލައްޗޭ" މަރިޔަންދީ މިހެންބުނެ އައިރާ އިތުރު ސުވާލެއް ނުކުރަނީސް އެތަނުން ހިނގައްޖެއެވެ. ސުވާލު އުފެދިފައި ހުރެ އައިރާ ތައްޔާރުވިއެވެ.
"ބޭރަށް ދަނީތަ؟ އަހަރެން ބޭރަށް ހިނގައްޖެއްޔާ ވާނޭގޮތް ދައްތައަށް އެނގެއެއްނު" ބިރުން ހުރެ އައިރާ ސިއްރުން ކަހަލަ ގޮތަކަށް މަރިޔަންދީއަށް ބުނެލިއެވެ.
"ދައްތައާއެކުއެއްނު ދަނީ. އެހެންވީމަ ކޮން ބިރެއް؟ ދައްތައަށް އެނގޭ މިހާރު އައިރާއަށް އެއްކަމެއް ވެސް ނުވާނެ" މަރިޔަންދީ ބުނި އެއްޗެއް އައިރާއަކަށް ނުވިސްނުނެވެ. މަރިޔަންދީގެ ތުންފަތަށް ވެރިވެގެން ދިޔަ ހިނިތުންވުން އިތުރަށް އައިރާ ބިރުގެންނުވިއެވެ. މަރިޔަންދީގެ ނިޔަތާ މެދު ވެސް އައިރާ ސުވާލު އުފެދުނީ ދެނެވެ. ނޫނީ ރުބީނާގެ ރޭވުމެއްބާއޭ ހިތަށް އަރަމުންދިޔައެވެ.
އައިރާ ގޮވައިގެން މަރިޔަންދީ އެރީ ގޭގެ ކާރަށެވެ. އެ ކާރު އައިސް މަޑުކޮށްލީ އަމިއްލަ ލާންޗުތައް ފުރާ ލަފާ ހަދާ ތޮށި ކައިރިއަށެވެ. ވާނުވާ ނޭނގިފައި އިން އައިރާ ހާސްވަމުންދިޔަ ވަރަކަށް މުޅި މީހާ ދާހިތްލަން ފަށައިފިއެވެ. މަރިޔަންދީ ކާރުން ފައިބައި އައިރާގެ ގާތުގައި ފައިބަން އެދުނެވެ. އޭނާ ފޭބީ ދެތިން ފަހަރަށް މަރިޔަންދީ ބުނީމައެވެ. އެމީހުން ފޭބުމުން ވެސް ކާރު އެތަނުން ދާކަށް ނޫޅުނެވެ. އައިރާގެ އަތުގައި ހިފާލައިގެން މަރިޔަންދީ ފާލަންމަތިން އައިސް އެ ތަނުގައި މަޑުކޮށްފައި އޮތް ލާންޗަށް އެރުމަށް ބުންޏެވެ.
"ދައްތާ! ކީއްކުރަން މި ލާންޗަށް އަރަނީ... އަހަރުމެން ކޮންތާކަށް ދާން މިއުޅެނީ" ލާންޗަށް އަރާން ބޭނުންނުވެފައި ހުރެ އައިރާ ބުނެލިއެވެ.
"ވަރަށް މުހިއްމު ތަނަކަށް. އެހާ ވަގުތެއްނެތް... ދެން ވެސް އަވަހަށް އަރާބަލަ" މަރިޔަންދީ ބުނުމުން އައިރާ ވަރަށް ބަލައިގެން ލާންޗަށް އަރަން އުޅުނެވެ. އެހިނދު ލާންޗުގައި ހުރި ޒުވާނަކު އައިރާގެ އަތުގައި ހިފުމާއެކު އޭނާއަށް އެހީތެރިވިއެވެ.
"ދައްތަ ނާރަންތަ؟" ގޮނޑީގައި ހަމަޖެހިލުމާއެކު ލާންޗު ދުއްވާލަން ތައްޔާރުވުމުން ފާލަން މަތީ ހުރި މަރިޔަންދީއަށް ތަންކޮޅެއް ބާރަށް އައިރާ ބުނެލިއެވެ.
"އައިރާ! އިތުބާރުކުރޭ..." މަރިޔަންދީ އެބުނި އެއްޗެއް މިފަހަރު ވެސް އައިރާއަށް ފަހުމެއްނުވިއެވެ. ލާންޗު ނައްޓާލުމާއެކު އައިރާއަށް ބާރަށް ގޮނޑީގައި ހިފަހައްޓާލެވުނެވެ. މަރިޔަންދީ ފެނުނީ އޭނާ ގެންގުޅޭ ފޯނުން ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަދައްކަން ހުރި ތަނެވެ. ހިތް ނެގިނެގިފައި ޖެހޭއިރު ހީވަނީ އައިރާ ދޫކޮށް ފިލާ ރައްކާވާން ބޭނުންވެފައި ވާހެނެވެ.
ލާންޗުގެ ބާރު ދުވެލިން މާބަނޑު އަންހެނަކަށް ލިބިދާނެ ގެއްލުމަކާ މެދު ލާންޗު ދުއްވަން ހުރި މާލިމީ ވިސްނައިގެން ހުރި ފަދައެވެ. އައިރާ ހީކުރި ފަދަ އެއްވެސް ލޮޅުމެއް ލާންޗަށް ނޭރިއެވެ. އެއްވަރެއްގައި އައި ލާންޗު ހުޅުމާލެއިން އަންނަ ލާންޗު ލަފާ ފާލަމާ ކައިރިކޮށްލިއެވެ. ވާންވީގޮތެއް ނޭނގިފައި އިންދާ ލާންޗަށް އަރަން އައިރާއަށް އެހީތެރިވި ޒުވާނާ އައިސް ލާންޗުން ފައިބަންވީކަމުގައި އެންގިއެވެ. އަދި އައިރާއަށް ލާންޗުން ފައިބަން އެހީތެރިވިއެވެ. އެމީހުން މަޑުކުރުމެއްނެތި ދާން އުޅެން ފެށުމުން އައިރާ އެ މީހުން ހުއްޓުވަން މަސައްކަތް ކުރިއެވެ. އެހިނދު އައިރާގެ ފަހަތުން މީހަކު ގޮވާލި އަޑުއިވިގެން ފަސް އެނބުރި ބަލާލިއެވެ.
މަޑުފެހިކުލައިގެ އަތްދިގު ގަމީހާއި ގަދަ ޗޮކުލެޓުކުލައިގެ ފަޓުލޫނުގައި ހުރި ލޫކަން ފިރިހެންވަންތަ ހިނގުމެއްގައި އައިރާއާ ދިމާއަށް ހުރެ އާދެއެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެއްކަމަކު އައިރާއަށް ބަލަން ހުރެވުނީ ދެ ލޯ ބޮޑުކޮށްލައިގެންނެވެ.
"ލޫކަން... އެ މީހުން އަހަރެން މިތަނަށް ލާފައި އެ ދިޔައީ. މަރިޔަންދީ ބުނެގެން އަހަރެން އެ ލާންޗަށް އެރީ. އަހަރެން ގެއަށް ދާން ޖެހޭނެ. ލޫކަން ތި ދަނީ ހުޅުމާލެއަށް ދޯ... އަހަރެން ގޮވައިގެން ދާންވީނު..." ހާސްވެ ބިރުގެންފައި ހުރި މީހަކު ފަދައިން ލޫކަން އައިސް އައިރާގެ ގާތުގައި މަޑުކޮށްލި ހިނދު އައިރާ ވާހަކަދެއްކިއެވެ.
"ހަމަޖެހިބަލަ އައިރާ. އެ އެންމެން ކަންތައް އެ ކުރީ އަހަރެން އެންގި ގޮތަށް... ހަމަޖެހިބަލަ... ތިހެން އުޅުނީމަ އެންމެން އެ ބަލަނީ އައިރާއަށް" އައިރާގެ ކޮނޑުގެ ދެފަރާތުން ލޫކަން ހިފަހައްޓާލިއެވެ.
"ލޫކަން ކީއްވެ ތިހެންކަންތައް ތި ކުރީ؟ އަހަރެން ގޭގައި ނެތްކަން އެނގިއްޖެއްޔާ... މަރިޔަންދީ ވެސް ވިސްނާނުލިތަ؟" އައިރާ ހަމަޖެހެން ބޭނުންވިޔަސް އެކަން ފަސޭހައެއްނުވިއެވެ.
"ތިވާހަކަތައް ފަހުން ދައްކާނީ... މިތާ މަޑުކުރާންވެއްޖެއްޔާ އެޕޮއިންޓްމެންޓު ކަޓާފާނެ" ލޫކަން ބުންޏެވެ. އައިރާގެ އަތުގައި ހިފާލުމާއެކު މީހުންގަނޑުގެ ތެރެއިން ލޫކަން އައިސް މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތު ދޮރުފަތް ހުޅުވާލިއެވެ. އަދި އައިރާ އެއަށް އެރުވުމާއެކު އޭނާ ވެސް ފަހަތު ސީޓުގައި ހަމަޖެހިލިއެވެ. ވާނުވާނޭނގިގެން އައިރާ ތުންފަތް ހަފާލަހަފާލާ އިނެވެ. އެހެން އިންދާ ކާރު އައިސް ވަނީ ހޮސްޕިޓަލުގެ ތެރެއަށެވެ. ލޫކަން ފޭބިގޮތަށް ދޮރުހުޅުވާލައިގެން އައިރާ ފައިބަންދެން މަޑުކޮށްލައިގެން ހުއްޓެވެ. (ނުނިމޭ)