ދުނިޔެ

ޝައްކުކުރެވޭ 100،000 ކުންފުނި އިންޑިއާއިން އުވާލައިފި

ޝައްކުރެވޭ އަދި ސުވާލު އުފެދޭ ކަންތައްތަކެއް ހިންގާފައިވާ 100،000 ކުންފުނި އިންޑިއާ ސަރުކާރުން އުވާލައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އިއްޔެގައި ވިދާޅުވީ އެފަދަ ކުންފުނިތައް ދެނެގަތީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި އާ ނޫޓްތައް ތައާރަފްކޮށް، ކުރިން ބޭނުން ކުރި ބައެއް ނޫޓް އުވާލި ފަހުން ޖަމާކޮށްފައިވާ ނޫޓްތަކުން އެއްކުރި މައުލޫމާތުތަކުން ކަމަށެވެ.

އިންޑިއާގެ ޗާޓާޑް އެކައުންޓެންޓުން ތަކަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ އެފަދަ އިތުރު 200000( ދެ ލައްކަ) ކުންފުންޏަކާއި މަސައްކަތެއް ނުކުރާ ( ފޭކް) 38000 ކުންފުންޏަކާ ދެކޮޅަށް ވެސް އެފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކުންފުނިތަކާ މެދު ފިޔަވަޅު އެޅީ އިންޑިއާގައި އަލަށް ތައާރަފްކުރި ގުޑްސް އެންޑް ސާވިސަސް ޓެކްސް ( ޖީއެސްޓީ) އާ އަށް ކުންފުނި ތަކުން ސަމާލުކަން ދިނުމުގެ 48 ގަޑި އިރު ކުރިން ކަަމަށެވެ.

ފޭކް ކުންފުނިތައް އުވައިލުމުން ބައެއް ސިޔާސީ ޕާޓީތަކަށް އެކަމުގެ އަސަރު ކުރާނެކަން ފާހަކަގުރައްވަމުން މޯދީ ވިދާޅުވީ އެ އުނދަގޫ ފިޔަވަޅު ކޮންމެވެސް އެކަކު އަޅަން ޖެހޭ ކަމަށާއި ކޮންމެވެސް އެކަކު ގައުމަށް ޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

" ފަގީރުންގެ ފައިސާ ލޫޓުވި މީހުން ޖެހޭނީ ( އެފައިސާ) ފަގީރުންނަށް އަނބުރައި ރައްދުކުރަން،" މޯދީ ވިދާޅުވިކަމަށް ދަ ހިންދޫ ނޫހުގެ ހަބަރުގައި ވެއެވެ.

އޭނާ ވިދާޅުވީ ނޮވެމްބަރު އަށެއްގެ ފަހުން ( ކުރީގެ ބައެއް ނޫޓް އުވައިލި ތާރީހުގެ ފަހުން ) ޖަމާކޮށްފައިވާ ފައިސާގެ މައުލޫމާތު އެއްކުރުމުގެ މަސަައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި އެފައިސާ ދިޔަ ތަންތަނާއި އެފައިސާއާ މެދު ކަންވީ ގޮތް ސަރުކާރުން ބަލާނެ ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކުންފުނިތަކަށް މަސައްކަތް ނުކޮށްދޭން މޯދީ ވަނީ އެކައުންޓެންޓުންނަށް ގޮވާލައްވާފައެވެ.