ކުޅިވަރު

ނުވަ އަހަރަށް އެތުލެޓިކޯގެ ކޮންޓްރެކްޓް ސައުލް އާ ކޮށްފި

Jul 2, 2017

އެތުލެޓިކޯ މެޑްރިޑްގެ މިޑްފީލްޑާ ސައުލް ނިގޯޒް 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެ ޓީމަށް ކުޅޭ ގޮތަށް، އެތުލެޓިކޯގެ ކޮންްޓްރެކްޓް ނުވަ އަހަރަށް އިތު ކޮށްފި އެވެ.

މިހާރުވެސް އެތުލެޓިކޯއާ އެކު، ދިގު މުއްދަތެއްގެ އެއްބަސް ވުމެއް އޭނާގެ އެބައޮތެވެ. ސައުލް 22 އެތުލެޓިކޯގެ އެކަޑަމީއާ ގުޅުނީ 2007 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ވާދަ ވެރި ރެއާލް މެޑްރިޑްގެ ޒުވާން ޓީމުތަކަށްވެސް ކުޅެފަ އެވެ.

ސައުލްއަކީ، ނިމިގެން ދިޔަ ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ސައުލް އެއްބަސްވުން އާކުރި އިރު އެތުލެޓިކޯއިން ވަނީ، އެޓީމުގެ އެއްބަސް ވުމުގައި ހުރި އިޓަލީގެ އެލޭސިއޯ ސާސީގެ އެއްބަސްވުން އުވާލާފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު، އިޓަލީގެ ޓޮރިނޯއިން އެތުލެޓިކޯއާ ގުޅުނު ސާސީ، އެތުލެޓިކޯގައި އެއް އަހަރު ދުވަސް ހޭދަ ކުރުމަށްފަހު ދެން އޭނާ ހޭދަ ކުރީ ލޯން އެއްބަސްވުމުގެ ދަށުން އެހެން ޓީމުތަކުގަ އެވެ. އެގޮތުން އިޓަލީގެ އޭސީ މިލާން އާއި ގެނޯވޯއަށް ކުޅެފައި ވެއެވެ. އެތުލެޓިކޯއިން ބުނީ އެ ޓީމުން ސާސީއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރީ އޭނަގެ އެދުމުގެ މަތިން ކަމަށެވެ.

"މިދިޔަ ހުކުރު ދުވަހު އެލޭސިއޯ ސާސީ އާއި އެތުލެޓިކޯ މެނޭޖްމެންޓާ ދެމެދު އެއްބަސްވުމަށް އާދެވުމަށް ފަހު އޭނާގެ އެއްބަސްވުން ބަތީލު ކުރުމަށް ވަނީ ނިންމާފަ." އެތުލެޓިކޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި އެތުލެޓިކޯއަށް އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭނެ އެވެ. އެއީ އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ގެނައުމުގައި ފީފާގެ ގަވައިދުތަކާ ހިލާފު ވެފައި ވާތީ އެޓީމާ ދެކޯޅަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. ނުވަތަ ކުޅުންތެރިޔަކު ގެނައި ނަމަވެސް، އަންނަ އަހަރު ފެށެންދެން އެ ކުޅުންތެރިޔކަށް އެތުލެޓިކޯއާ އެކު އެއްވެސް މެޗެއް ނުކުޅެވޭނެ އެވެ.