ދޮންބޮޑުވެ އަލިފާން ރޯވުމުގެ މައްސަލަތަކަކަށް ފަހު ވިއްކުން ހުއްޓާލާފައިވާ 'ގެލެކްސީ ނޯޓް7' މަރުކާގެ ސްމާޓްފޯނުތަކުގެ މައްސަލަ ހައްލުކޮށްގެން އަންނަ ހުކުދުވަހު ދެކުނު ކޮރެއާގެ ބާޒާރަށް އަލުން ނެރޭނެ ކަމަށް ސެމްސަން އިލެކްޓްރޯނިކްސް އިން ބުނެފިއެވެ.
ސެމްސަން އިލެކްޓްރޯނިކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެކުނު ކޮރެއާގެ ބާޒާރަށް ނެރޭނީ 400000 ކަމަށެވެ. އަދި ބުނީ ރަނގަޅު ކުރުމަށް ފަހު އަލުން ނެރޭ ފޯނުތަކަށް ކިޔާނީ ' ގެލެކްސީ ނޯޓް 7، ފޭން އެޑިޝަން' ކަމަށެވެ. ކޮރެއާގެ ބާޒާރުގައި އެވައްތަރުގެ ފޯނެއް ވިއްކަން ހަމަޖެހިފައި ވަނީ 699،600 ވޮން ( 611 ޑޮލަރު) އަށެވެ.
ނޯޓް7 އަށް މިފަހަރު ލައްވާފައިވާ ބެޓެރީގެ ކެޕޭސިޓީ ކުރީގެ ބެޓެރީތަކަށް ވުރެ ދަށްވާނެ ކަމަށާއި އެހެން ނަމަވެސް ބެޓެރީތަކަކީ ޓެސްޓްކޮށް، ސަލާމަތީ ކަންތައްތަކާ މެދު ޔަގީންކަން ހޯދާފައިވާ ބެޓެރީތަކެއް ކަަމަށް ސެމްސަން އިލެކްޓްރޯނިކްސް އިން ވަނީ ބުނެފައެވެ.
ސްމާޓް ފޯނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ސެމްސަން އިލެކްޓްރޯނިކްސް އިން މިދިޔަ އަހަރު ބާޒާރަށް ނެރުނު ނޯޓް7 ނެރުނުތާ ދެމަހެއްހާ ދުވަސްތެރޭގައި އެފޯނު ވިއްކުން ހުއްޓައިލަން ޖެހުނީ ބެޓެރީ ގޮވުމުގެ ހާދިސާތަކެއް ހިނގައިގެންނެވެ. އެފޯނު ވިއްކުން ހުއްޓައިލަން ޖެހުމުގެ ސަބަބުން ސެމްސަންއަށް ފަސް ބިލިޔަން ޑޮލަރުގެ ގެއްލުން ވިއެވެ. ނަމަވެސް އޭގެ ފަހުން 'ގެލެކްސީ ނޯޓް 8 ނެރުމުން އެ ގެއްލުން ވަނީ ފޫބެދިފައެވެ.
ސެމްސަން އިލެކްޓްރޯނިކްސް އަކީ ދެކުނު ކޮރެއާގެ ކުންފުންޏެކެވެ.
ބެޓެރީ ރަނގަޅު ކުރުމަށް ފަހު އަލުން ނެރޭ ފޯނުތަކަކީ އޭރު ވިއްކުމަށް ފަހު އަނބުރާ ގެނެސްފައިވާ ފޯނުތަކާއި ނުވިއްކާ ހުރި ފޯނުތަކެވެ. އެފޯނުތައް ދުނިޔޭގެ ބާޒާރަށް ނެރޭނެ ދުވަހެއް ފަހުން ކަނޑައަޅާނެ ކަަމަށް ސެމްސަން އިލެކްޓްރޯނިކްސް އިން ބުންޏެވެ. ( ރޮއިޓާސް)