ހަބަރު

ޓެސްޓްތަކަށް ފަހު ޕްލާސްޓިކް ބިސް ނެތްކަން ކަށަވަރުވެއްޖެ: އެމްއެފްޑީއޭ

ރާއްޖެ އެތެރެ ކުރާ ބިހުގެ ހުރިހާ ބްރޭންޑްތަކެއް ޓެސްޓުކޮށްފައިވާ ކަމަށާއި އެ ބިސްތަކުގައި ޕްލާސްޓިކް ބިސް ހުރި ކަމަކަށް ޓެސްޓުތަކުގެ ނަތީޖާއިން ނުދައްކާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސާ ސާޖިދާ މުހައްމަދު "އަވަސް" އަށް މިއަދު ވިދާޅުވީ ޕްލާސްޓިކް ބިސް ރާއްޖެ އެތެރެކޮށްގެން އުޅޭ ކަމުގެ ހަބަރު ފެތުރުމާއެކު ހުރިހާ ބްރޭންޑެއްގެ ބިސްތައް ޓެސްޓު ކުރަން ފަށާފައިވާ ކަމަށެވެ. އެއަށް ފަހު ދާދި ފަހުން ލިބުނު ނަތީޖާއިން ދައްކާ ގޮތުން ރާއްޖެ އެތެރެ ކުރާ އެއްވެސް ބިހެއްގައި ޕްލާސްޓިކް އެކުލެވިގެން ނުވާ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާގައި ޕްލާސްޓިކް ބިސް އުޅޭ ކަމަށް ވާހަކަތައް ފެތުރުނު އިރު އަޅުގަނޑުމެން ވަކި އެއްޗެއް ނުބުނެ ހުރީ ހަގީގަތާ މުޅިން ހިލާފު ވާހަކައެއްވީމަ. ނަމަވެސް ފަހުން މެއިން ސްޓްރީމް މީޑިއާއަށް އެ ވާހަކަތައް އެރީމަ އަޅުގަނޑުމެން ރާއްޖެ އެތެރެ ކުރާ ހުރިހާ ބްރޭންޑެއްގެ ބިސްތައް ވަނީ ޓެސްޓުކޮށްފައި. އެންމެ ފުރަތަމަ އައި އިނީޝިއަލް ޓެސްޓުގެ ނަތީޖާއިން ދައްކާނީ ވެސް އެކަހަލަ އެއްވެސް ކަމެއް ނެތް ކަމަށް. އަދި އެއްވެސް ވަރަކަށް ޕްލާސްޓިކް ބިސް ނޫޅޭ ކަން،" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ ބިސްތައް ޓެސްޓު ކުރުމުގެ މަސައްކަތް އަދިވެސް ނުހުއްޓާ ކަމަށާއި އިތުރަށް ޔަގީން ކުރުމަށް ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދެކެވޭ ނަމަ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ފެތުރުމުގެ ބަދަލުގައި އެކަން ކަށަވަރު ކުރުމަށް އެމްއެފްޑީއޭއަށް އެންގުމަށް އެދޭ ކަމަށާއި އޭރުން އެކަމެއް ޓެސްޓުކޮށް ނަތީޖާތައް ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްލާސްޓިކް ބިހުގެ އަސަރެއް ނެތް ނަމަވެސް ބިސް ރައްކާ ކުރުމުގައި ފަރުވާ ކުޑަވުމުގެ ސަބަބުން ބައެއް ކަހަލަ މައްސަލަތައް ފާހަގަވެފައިވާ ކަމަށާއި އެހެންކަމުން ފިހާރަތަކާއި އެހެނިހެން ބިސްވިއްކާ އަދި ބޭނުން ކުރާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ އެކަށީގެންވާ ގޮތަށް ރައްކާތެރި ކުރަން އެދޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ދާދި ފަހުން އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ޕްލާސްޓިކް ބިސް އެތެރެ ކުރާ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އެފަދަ ވާހަކަތައް ނުފެތުރުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސް ކުރި އެވެ.