މިދިޔަ އަހަރު މެއި މަހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވާ ޖިނާއީ އިޖުރާތުގެ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.
މީގެ ކުރިން ވެސް އެ ގާނޫނަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތައް ހޭލުންތެރި ކުުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންގޮސްފައި ވަނިކޮށް ސަރުކާރުން ދާދި ފަހުން އަނެެއްކާވެސް ވަނީ އެއަށް އިސްލާހުތަކެއް ހުށަހަޅާފަ އެވެ. ނަމަވެސް އެކަމަށް ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރުމުން އެ އިސްލާހުތައް އަނބުރާ ގެންދިޔަ އެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނުނަކީ ކުށްތައް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާން ކުރާ ގާނޫނެވެ. މިއީ އާ ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ފެށިފަހުން ޖިނާއީ އަދުލުގެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލެވެ.
މި ގާނޫނުގެ ވުޖޫދަށް ގެނައުމުގެ މަގުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމެވެ. އަދި އެ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި ވީހާވެސް އަވަހަކަށް ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުން ވެސް އެ ގާނޫނުގެ ތެރޭގައި ހިމެނެ އެވެ. އޭގެ އިތުރުން ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ދައުވާ އުފުލުން ވެސް ހިމެނެ އެވެ.