ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އަނެއްކާ ވެސް ސަރުކާރަށް ފާޑުވިދާޅުވާން ފައްޓަވައިފި އެވެ. އޭނާ ސަރުކާރަށް ފާޑު ވިދާޅުވާން ފެއްޓެވި އިރު މީގެ ކުރިން މައުމޫންގެ ފަޅިއަށް އޭނާ އަރާވަޑައިގަތް ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވި އެވެ.
އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރުގެ ވޯޓް އަނެއްކާ ވެސް ވެއްދުމަށް މަސައްކަތް ކުރާ މިދަނޑިވަޅުގައި، ސައުދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ތިނަދޫ އިންޖީނު ގޭގައި ސީނިއާ މުވައްޒިފަކު ހއ. ތުރާކުނު އިންޖީނުގެއަށް ބަދަލު ކުރުމަށް ނިންމާ އަންގާފައިވާ ޗިޓްގެ ފޮޓޯއާ އެކު އޭނާ ވިދާޅުވެފައި ވަނީ އެ މުވައްޒިފަކީ ސަރުކާރަށް ވަރަށް ތާއީދު ކުރާ މީހެއް ކަމަށާއި ނަމަވެސް އޭނާ ތުރާކުނު އިންޖީނުގެއަށް ބަދަލު ކުރުމަކީ ދޭ އަނިޔާއެއް ކަމަށެވެ. އަދި މިގޮތަށް އަމަލުކޮށްގެން ރައްޔިތުންގެ ތާއީދު ލިބޭނެ ކަމާ މެދު ސައުދުﷲ ވަނީ ޝައްކު އުފައްދައިފަ އެވެ.
ސައުދު ވަނީ ސަރުކާރުގެ ފެނަކައަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެ ކުންފުންޏަކީ ދައުލަތުގެ ކުންފުންޏެއްތޯ ނުވަތަ އަމިއްލަ ކުންފުންޏެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ކުންފުނިތަކުން ވެސް އެހާ އަަނިޔާވެރިކޮށް ކަންކަން ނުކުރާނެ އެވެ.
ޕީޕީއެމް ޕީޖީ ގްރޫޕުގައި ހިމެނޭ ސައުދު ސަރުކާރަށް ފާޑުވިދާޅުވެފައިވާ އިިރު ދާދި ފަހުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު ވެސް ވަނީ ސަރުކާރާ ދެކޮޅަށް ފާޑު ވިދާޅުވާން ފައްޓަވައިފަ އެވެ. ސައުދުއާ ސަލީމް އަދި ލަތީފް އަކީ ޕީޕީއެމް ދެފަޅިވިއިރު ރައީސް މައުމޫންއަށް ތާއީދުކޮށް މީގެ ކުރިން ވެސް ސަރުކާރަށް ފާޑުވިދާޅުވެފައިވާ މެންބަރުންނެވެ. ނަމަވެސް އެ މެންބަރުން ފަހުން ވަނީ މަޝްވަރާކޮށް މައްސަލަތައް ހައްލުކޮށްފައިވާ ކަމަށް ބުނެ ސަރުކާރާ އަލުން ގުޅިފަ އެވެ.
ސައުދާއި ލަތީފު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވި ނަމަވެސް ޕީޕީއެމް ޕީޖީގެ ގިނަ މެންބަރުން ވަނީ ސަރުކާރަށް ތާއީދު ކުރާކަން ހާމަ ކުރައްވައިފަ އެވެ.