ކުޅިވަރު

ގަދަ ހަތަރެއްގެ ރޭހުގައި ޓީމުތައް ޕްރެޝަރުގައި

Jul 2, 2017

މާލޭ ލީގްގައި ގަދަ ހަތަރެއްގެ ރޭހުގައި ހުރީހާ ޓީމުތައްވެސް އޮތީ ވަރަށް ބޮޑު ޕްރެޝަރެއްގައި ކަމަށް، މިވަގުތު ލީގް ތާވަލުގެ ހަތަރު ވަނައިގައި އޮތް އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ސީޒަން ފެށުމުގެ ކުރިންވެސް ސާންތީ ބުނީ، "އެލިލައިގެން އޮވެވެސް" އީގަލްސް އަށް ގަދަ ހަތަރެއްގެ ފުރުސަތު ލިބިއްޖެ ނަމަ އޭނާގެ އެންމެ ފުރަތަމަ ޓާގެޓް ހަސިލުވީ ކަމަށެވެ. ފަހުން އޭނާ ބުނީ، އެކަން އީގަލްސްއަށް ކޮށް ނުދެއްވިޖެނަމަ، ކޯޗެއްގެ ގޮތުގައި އޭނާ ފެއިލްވީ ކަމަށް ގަބޫލު ކުރާނެ ކަމަށެވެ.

ލީގްގެ ދެ ވަނަ ބުރުގައި އީގަލްސް އަށް މާދަމާ ހަވިރު އޮތީ ކުލަބު ވެލެންސިއާ އެވެ. މި ދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުން، ވެލެންސިއާ ބަލިވީ 3-0 ން ނެވެ. އޭރު ވެލެންސިއާ ވެސް ގަދަ ހަތަރެއްގެ ފުރުސަތު އޮތް ނަމަވެސް މިހާރު އެޓީމަށް ވަނީ ގަދަ ހަތަރެއްގެ ދޮރު މުޅިން ބަންދުވެފަ އެވެ. އެހެންވެ ވެލެންސިއާ އަށް ޕްރެޝަރު ނެތް ކަމަށް އެޓީމުގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ބުންޏެވެ.

"މި ހާލަތަށް އައީމަ، މި ލީގްގައި ވެލެންސިއާއަށް އިތުރަކަށް ގެއްލޭނެ އެއްޗެއް ނެތް، ގެއްލޭނެ ހުރިހާ އެއްޗެއް ގެއްލިފައި މިއޮތީ، ދެން އިތުރަށް އޮންނާނީ ލިބެން އޮތް އެއްޗެއް އެހެންވީމަ އެ ހޯދުމުގެ ވިސްނުން އަޅުގަނޑުމެންގެ ކުޅުންތެރިންގެ މިހުރީ އެހެންވީމަ އަޅުގަނޑުމެންގެ ކުޅުންތެރިންގެ ފޯކަސް މުޅިން އެހެން ދިމާލަކަށް ބަދަލުވެފައި މިއީނީ." ފެސްކޯ ބުންޏެވެ.

ނަމަވެސް، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ ސާންތީ ބުނީ އީގަލްސް އަށް ޕްރެޝަރުތަކެއް ހުރުމުން މާދަމާގެ މެޗުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

"(މަޒިޔާ އާއި ނިއު ފިޔަވައި) ގަދަ ހަތަރެއް ޔަގީން ކުރުމަށް، މަސައްކަތް ކުރާ ހަތަރު ޓީމު އެބައުޅޭ، އެހެންވީމަ ކޮންމެ ޓީމަކަށްވެސް އެ ޕްރެޝާ އޮންނާނެ ވަކި އީގަލްސްއަކަށް އެކަންޏެއް ނޫން،" ސާންތީ ބުންޏެވެ. "ވެލެންސިއާއަށް މިހާރު ގަދަ ހަތަރެއްގެ ފުރުސަތެއް ނެތް އެހެންވެ ކޮންމެ ގޮތެއްވިޔަސް (މާދަމާ ގެ މެޗުގައި) ވެލެންސިއާއަށް އޮތް ޕްރެޝަރު ކުޑަ ވާނެ، އަޅުގަނޑުމެންނަށް [އީގަލްސް] އަށް އޮތް ޕްރެޝަރު ބޮޑު ވާނެ.

ސާންތީ ބުނީ، ވެލެންސިއާ ދެކޮޅަށް ކުޅޭ އިރު އަބަދުވެސް އޮންނަ އެޑްވާންޓޭޖަކީ، އެ ޓީމަކީ އީގަލްސްއާ އެއްގޮތަށް ބޯޅަ ތިރިކޮށްގެން، ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅޭ ޓީމަކަށްވުން ކަމަށެވެ. ރޯދަ މަހަށް ފަހު ލީގް އަލުން ފެށިފައިވާއިރު، ސާންތީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އީގަލްސްގެ މިސްރުގެ ޑިފެންޑަރު މުޅިން ފިޓްވެ، އެޓީމުގެ މިޑްފީްލޑާ އަހްމަދު ޒާދު އަސްލު މަގާމަށް ކުޅެން ފުރުސަތު ތަނަވަސް ވެފައި ވުމެވެ.

"ވެލެންސިއާގެ އެންމެ ބޮޑަށް ވިސަންނަށް ޖެހޭ ކުޅުންތެރިޔަކީ، އެމީހުންގެ ކުރިއަށް އެކުޅޭ [ގޮޑްފްރޭ] ވެސްޓް އެ ކުޅުންތެރިޔާއަކީ، ނަތިޖާ ބަދަލު ކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިޔެއް، އެކުޅުންތެރިޔާއާ ދޭތެރޭ އަޅުގަނޑުމެން ވިސްނާނީ، މެޗު ވަކި ފަސޭހައެއް ނުވާނެ އީގަލްސްއަށް ހުރިހާ ޕްރެޝަރެއް މިއޮތީ އީގަލްސް އަށް މާދަމާ މޮޅެއް ލިބިއްޖެއްޔާ ގަދަ ހަތަރެއްގެ ފުރުސަތު 70 ޕަސަންޓް ކަށަވަރު ކުރެވުނީ،" ސާންތީ ބުންޏެވެ.

"ޕްރިމިއާ ލީގަށް އަޅުގަނޑުމެންނަށް ނުވަދެ ވިއްޖެއްޔާމު ދެން އަޅުގަނޑުމެންނަށްވެސް ހަމަ ބޭކާރުވީ އޭރުން 20 ޕޮއިންޓްގައި އޮތުމެކޭ ދެ ޕއޮިންޓްގައި އޮތުމެކޭ އަނެއްހެން މާބޮޑު ފަރަގެއް ނެތް."