ކުޅިވަރު

ރޮނާލްޑޯ ނެތި ޕޯޗްގަލް ތިން ވަނަ ހޯދައިފި

Jul 2, 2017

ކޮންފެޑްރޭޝަން ކަޕްގެ ތިން ވަނަ ހޮވުމަށް ކުޅުނު މެޗުގައި، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި، މެކްސިކޯގެ މައްޗަށް 2-1 ގެ ނަތީޖާއިން މޮޅުވެ، މުބާރާތުގެ ތިން ވަނަ ޕޯޗަގްލް ހޯދައިފި އެވެ.

މެޗަށް ނިކުތުމުގެ ކުރިން، ޕޯޗްގަލްގެ ޑިފެންޑަރު ސެޑްރިކް ސޮއަރޭސް ބުނީ، ރޮނާލްޑޯ ނުލައިވެސް ޕޯޗްގަލް އަށް ކާމިޔާބު ހޯދޭނެ ކަމަށާއި އެކަން ސާބިތު ކޮށް ދޭން ބޭނުންވާ ކަމަށެވެ.

ސެމީފައިނަލުގައި، ޕެނަލްޓީ ޖަހައިގެން، ޗިލީ އަތުން ކުރިމަތިވި ނާކާމިޔާބަށް ފަހު، ޕޯޗްގަލްގެ ފުޓްބޯޅަ ފެޑްރޭޝަންގެ ހުއްދައާ އެކު، ރޮނާލްޑޯ ވަނީ ޓީމުގެ ކޭމްޕް ދޫކޮށް ގޮސްފަ އެވެ. އޭނާ ދިޔައީ، ކައިވެނިން ބޭރުން، ދާދި ފަހުން އޭނާ އަށް ލިބުނު އެއްމާބަނޑު ދެ ދެރިންނާ ބައްދަލު ކުރުމަށެވެ.

މެޗުގެ ފުރަތަމަ ލީޑް ނެގީ މެކްސިކޯއިން ނެވެ. ނަމަވެސް އޭގެ ކުރިން ލަނޑު ޖަހަން ޕޯޗްގަލް އަށް ވަނީ ޕެނަލްޓީ އެއް ލިބިގެން ގޮސްފަ އެވެ. މެޗުގެ 17 ވަނަ މިނެޓް އެންޑްރޭ ސިލްވާ ޖެހި ޕެނަލްޓީ މެކްސިކޯގެ ކީޕަރު ގިއެރެމޯ އޮޗޯއާ ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ 54 ވަނަ މިނެޓްގައި މެކްސިކޯއިން ކާމިޔާބު ކުރި ލަނޑަކީ، ޕޯޗްގަލްގެ ޑިފެންޑަރު ލުއިސް ނެޓޯ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެ ކެވެ. މެކްސިކޯގެ ހާވިއާ ހެނާންޑޭޒް، ޕޯޗްގަލްގެ ޕެނަލްޓީ އޭރިއާ ހުރަސް ކުރި ބޯޅަ، ނެޓޯ މަސައްކަތް ކުރީ ދިފާއު ކުރުމަށްވެ. ނަމަވެސް ބޯޅަ އޭނާގެ ފައިގައި ޖެހިފައި ވަނީ ބައި ގޯލަށެވެ.

މެޗުގެ 90 ވަނަ މިނެޓާ ހަމަޔަށް ދިޔައިރުވެސް އެ ނަތީޖާގައި އޮތުމުން، ގިނަ ބަޔަކު ހީ ކުރީ، މެކްސިކޯ ލީޑްގައި އޮވެގެން މެޗު ނިމޭނެ ކަމަށެވެ. ނަމަވެސް މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ކުޅުނު ހަތަރު މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގައި ޕޯޗްގަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ވައިސް ކެޕްޓަން ލުއިސް ނާނީ ބަދަލު ކުރުމުން، ކެޕްޓަން ބޭންޑް އެޅި ޓީމުގެ ދެ ވަނަ ވައިސް ކެޕްޓަން ޑިފެންޑަރު ޕެޕޭ އެވެ. އޭނާ ލަނޑު ޖެހީ، ރިކާޑޯ ކަރެޝްމާ ނަގައިދިން ހުރަހަކުން ތަނަވަސްވި ބޯޅައިން ނެވެ.

މެޗުގެ ފުރިހަމަ ވަގުތު އެއްވަރު ވެގެން ނިމުމުން، ކުޅުނު އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި، ޕޯޗަގަލް މޮޅު ކޮށްދިން ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އެޑްރިއަން ސިލްވާ އެވެ.

އެކްސްޓްރާ ޓައިމްގެ ދެ ވަނަ ހާފް ޕޯޗްގަލްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ. އެއީ އެޓީމުގެ ނެލްސަން ސަމޭޑޯ އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން ނެވެ.