ހަބަރު

ކަމަދޫ ކައުންސިލް ބައި އިލެކްޝަން އަންނަ މަހު ބާއްވަނީ

ބ. ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އަންނަ މަހު 19 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ކަމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މިމަހު 17 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:30 އާއި ހަމައަށާއި ރަސްމީ ބަންދު ދުވަސް ތަކުގައި ހެނދުނު 10:30 އިން މެންދުރު 14:00 އާއި ހަމައަށެވެ. އަދި ހުކުރު ދުވަހު މެންދުރު 14:30 އިން ހަވީރު 16:30 އަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަނުގެ ވޯޓުލުން އަންނަ މަހު 19 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ހަވީރު 16:30 ގައި ކަމަށެވެ. އަދި ހަމައެއާއިއެކު މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 20 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.

ކަމަދޫ ކައުންސިލް ގޮނޑި ހުސްވެފައިވަނީ އެ މަގާމަށް ހޮވުނު މެންބަރު ހުވާ ކުރިތާ ދެ ދުވަސް ފަހުން އިސްތިއުފާ ދިނުމުންނެވެ. މިހާރު ކައުންސިލްގައި ތިއްބެވީ ޕީޕީއެމް މެންބަރަކާއި އެމްޑީޕީ މެންބަރެކެވެ.