ވިޔަފާރި

ޖޯންކީލްްސް އަށް ރާއްޖޭން ބޮޑު ފައިދާއެއް!

Jul 3, 2017

ޖޯންކީލްްސް ގްރޫޕު (ޖޭކޭއެޗް) އަށް ރާއްޖެ އާއި ސްރީލަންކާ އިން މިދިޔަ އަހަރު ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖެ އާއި ސްރީލަންކާގައި ފުޅާދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ ކުންފުނީގެ ޗެއާމަން ސުސާންތާ ރަތަނަޔައިކަ ވިދާޅުވީ ރާއްޖެ އާއި ސްރީލަންކާގައި ހިންގާ އެ ކުންފުނީގެ ރިސޯޓުތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރު ހުރީ އެވްރެޖުކޮށް 80 ޕަސެންޓުގައި ކަމަށެވެ. މިގޮތުން ލަންކާ ރިސޯޓުތަކުގެ އޮކިއުޕެންސީ 80 ޕަސެންޓުގައި ހުރިނަމަވެސް ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ 89 ޕަސެންޓުގައި ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ވަނީ 1.86 ބިލިއަން ރުޕީސް ލިބިފަ އެވެ. އަދި ދެ ގައުމުގެ ޓޫރިޒަމުން ވެސް އެ ކުންފުންޏަށް ލިބޭ އާމްދަނީ މަތިވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސްރީލަންކާގެ "ދަ އައިލެންޑަ" ށް ސުސާންތާ ވިދާޅުވީ ސްރީލަންކާ ޓޫރިޒަމް 14 ޕަސެންޓު ކުރިއަރާފައިވާއިރު ރާއްޖޭގެ ޓޫރިޒަމް ވަނީ ހަތަރު ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ.

"ރާއްޖެ އަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓް ދަށްވިނަމަވެސް އެ މާކެޓުން ރާއްޖޭގެ ޓޫރިޒަމްގެ 25 ޕަސެންޓް ހިއްސާކުރޭ. ޗައިނާ މާކެޓު ދަށްވިނަމަވެސް އޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާއިން ރަނގަޅު ޑިމާންޑެއް އެބައޮތް،" ސްރީލަންކާގެ އެންމެ ބޮޑު ކުންފުނީގެ ވެރިޔާ، ސުސާންތާ ވިދާޅުވި އެވެ.

ޖޯންކީލްސް ގްރޫޕުން ސްރީލަންކާ އާއި ރާއްޖޭގައި 11 ހޮޓާ/ ރިސޯޓު ހިންގަމުންދެ އެވެ. މިގޮތުން މި ތަންތަނުގެ އެނދުގެ އަދަދު 1337 އަށް އަރަ އެވެ. މި ކުންފުނިން ސިނަމަންގެ ނަމުގައި ބްރޭންޑްކޮށް ރާއްޖޭގައި ހިންގަނީ ހަކުރާހުރާ އާއި ދޮންވެއްޔެވެ.