ހަބަރު

ލާދީނީ ވާހަކަ ދައްކާ ދިވެހިންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ: އަބްދުއްރަހީމް

އިސްލާމް ދީނާ ހިލާފު ލާދީނީ ވާހަކަތައް ދައްކާ ދިވެހިންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށާއި ގާނޫނުތަކަށް އިސްލާހު ގެނެސްގެން ވެސް އެކަން ކުރަން ޖެހިފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް ދީނީ އެއްބައިވަންތަ ކަމާއި ވަހުދަތު ނަގާލަން ވަކި ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަތާ ޒަމާންތަކެއް ވެއްޖެ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ އެންމެ ކުރީގައި ތިބީ އެމްޑީޕީ އާއި އެޕާޓީއަށް ނިސްބަތްވާ ފަރާތްތައް ކަމަށް އަބްދުއްރަހީމް ދުހުމަތުކުރެއްވި އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބޭރުގެ އެކި ތަންތަނުގައި އަދި އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރުވެސް އެފަދަ ވާހަކަތައް ހުދު އަމިއްލައަށް ވެސް ދައްކަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ފިކުރަކީ ވަރަށް ނުބައި ފިކުރެކެވެ. އެމަނިކުފާނު ގައުމުގެ ފަސާދަ އުފައްދަން ހިންގާ ހަރަކާތްތައް ހުއްޓުވަން ޖެހޭ ކަމަށް އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވި އެވެ.

"މުހައްމަދު ނަޝީދުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މީހުން އިސްވެ ތިބެގެން މިފަދަ އަމަލުތަކަށް ހިތްވަރުދޭ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވާ އެމްޑީޕީ ފަދަ ޕާޓީއަކަށް ނިސްބަތްވާ ބަޔަކު މިފަދަ ކަންކަމަށް ހިތްވަރުދޭދިނުމަކީ ދިވެހި ރައްޔިތުން ވިސްނާލަންޖެހޭ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގާނޫނާއި އެހެންބައެއް ޤާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް، ދިވެހި ރައްޔިތަކަށްވެހުރެ އިސްލާމްދީނާ ދެކޮޅަށް ތަފާތު އެކިވާހަތައް ދައްކާދެއްކުން ހުއްޓުވަން ޖެހޭ. އެފަދަ އޮނިގަނޑެއް އެބަ އެކުލަވާލަން ޖެހޭ،"

އިދިކޮޅު ފަރާތްތަކުން އިހުލާސްތެރިކަމާ އެކު ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރަން މަސައްކަތް ނުކުރާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީން އަކީ ވަކިމީހަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރާ ބޭފުޅެއް ކަމަށެވެ. އަދި ހަމަހަމަ ކަމާ އެކު ގާނޫނު ތަންފީޒު ކުރާތަން ފެނުމުން އިދިކޮޅު ފަރާތްތަކަށް ކެތްނުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުރަހީމް ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު މި ސަރުކާރަށް ކުރި ނަމަވެސް، އެފަދަ ކަންކަން ހުއްޓުވަން އެންމެ ގަދަޔަށް ފިޔަވަޅު އަޅަނީ މި ސަރުކާރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެފަދަ ތުހުމަތުތަކުގެ ބޭނުމަކީ މަޝްރޫއުތަކުގެ ދުވެލި ލަސްކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ނަގަން އުޅޭ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް އެކަން ކުރަން ލާހިކު ކުޅަދާނައެއް ނުވާނެ ކަމަށާއި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ތާއީދު ސަރުކާރަށް އޮތް ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ކެރެންޔާ މަސީހުގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި 42 މެންބަރުގެ ސޮއި ހަމަކޮށް އެ ލިޔުން ދައްކާނެ ކަމަށެވެ. މިހާތަނަށް ވެސް ފެންނަނީ ހަމަ އެކަނި ވާހަކަތަކެއް ދައްކާކަން ކަމަށް އޭނާ ވިދާޅުވި އެވެ.