ކުޅިވަރު

ކުޅުންތެރިންނަށް ފިޔަވަޅު އެޅުމުން ޓީމު އިތުރަށް ހަރުދަނާވި

Jul 3, 2017

ޓީމަށް ނާންގައި، ފުޓްސަލް މުބާރާތްތަކެއް ކުޅެން ދިޔަ ތިން ކުޅުންތެރިޔަކަށް އީގަލްސްއިން ވަނީ ފިޔަވަޅު އަޅައި، ޓީމުގެ މެނޭޖްމެންޓުން ވަކިގޮތެއް އަންގަންދެން އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ، ކުޅުންތެރިންނާ މެދު ފިޔަވަޅު އެޅުމުން ސްކޮޑްގެ ގިނަ ކަންތައްތަކެއް އިތުރަށް ހަރުދަނާ ވެގެން ދިޔަ ކަމަށެވެ.

އީގަލްސްއިން ފިޔަވަޅު އެޅީ، އިބްރާހިމް މުބީން (މުއްކި) އާއި މުހައްމަދު ރިހާމް (ބޮބީ) އާއި ހަސަން ރާއިފް (ހަންނަ) އެވެ. ސާންތީ ބުނީ އޭގެ ފަހުންވެސް އެހެން ކުޅުންތެރިޔަކުވެސް ސަސަޕެންޑް ކުރި ކަމަށެވެ.

މިއަދު އެ ކުޅުންތެރިން އީގަލްސްގައި ތިބި ނަމަ ޓީމު އިތުރަށް ހަރުދާނާ ވެގެންދާނެ ކަމަށް ސާންތީ ފާހަގަ ކުރި އެވެ. އެއީ އެޓީމުގެ މިސްރުގެ ޑިފެންޑަރު މުޅިން ފިޓްވެ ކުޅުމުގައި ބައިވެރިވާން ފެށުމުން، މިޑްފީލްޑާ އަހްމަދު ޒާދު އޭނާގެ އަސްލު މަގާމަށް ކުޅެން ފުރުސަތު ލިބި މެދު ތެރެ އާއި ފަހަތްވެސް އޮގަނައިޒް ވެގެން ދިއުމުން ނެވެ. ސާންތީ ބުނީ މިހާރު ރަނގަޅު ހަލަތެއްގައި އޮތް ޓީމަކަށް އެ ތިން ކުޅުންތެރިންވެސް ހިމެނިގެން ދިޔަނަމަ، ޓީމު އޮންނާނީ އެހެން ހާލަތެއްގައި ކަމަށެވެ.

"ނަމަވެސް އެ ކުޅުންތެރިން ނިންމީ ދެއްތޯ އީގަލްސްއަށް ވުރެ ބޮޑަށް އެހެން ކަންކަމަށް އިސްކަން ދޭން،" ސާންތީ ބުންޏެވެ. އޭނާ ބުނީ، އެ ކުޅުންތެރިން، ނެތް ތަން އޭނަ އަށް ވަރަށްބޮޑަށް ދައްކާ ކަމަށެވެ. ނަމަވެސް، އެ ކުޅުންތެރިންނަށް ފިޔަވަޅު އެޅި ނަމަވެސް ސާންތީއަށް މާބޮޑު ކަންބޮޑުވުމެއް ނެތެވެ. އޭގެ ބަދަލުގައި މިހާރު އޭނާ އަށް އޮތީ މާބޮޑު ހިތްހަމަ ޖެހުމެކެވެ.

"އެ ޑެސިޝަން ނެގީމަ ޓީމު ތެރޭގައި އިތުރަށް ކަންކަމެއް ރަނގަޅުވެގެންވެސް ދިޔަ، ހަމަ ގިނަ ކަންކަމެއް ރަނގަޅު ވި، އެއީ ޕްރެކްޓީހުގައި، ޒުވާން ކުޅުންތެރިން އިތުރަށް އަހްމިއްޔަތުކަން ދޭން ފަށައިފި." ސާންތީ ބުންޏެވެ.

އީގަލްސްގެ ސީނިއާ ޓީމުގެ ސްކޮޑްގައި، މިހާރުވެސް 19 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. ފުޓްސަލް އަށް ދިޔަ ކުޅުންތެރިންނާ މެދު ފިޔަވަޅު އެޅުމަކީ، 19 އަހަރުން ދަށުންގެ ކުޅުންތެރިންނަށް ވެސް "ނަމޫނާ" އަކަށް ވެގެންދާނެ ކަމެއްކަން ސާންތީ ފާހަގ ކުރި އެވެ.

"ފުޓްބޯޅަ ކުޅުމަކީ ހަމަ ބޭނުންހާ ވަގުތަކު އައިސް މި ލެވަލްގައި ކުޅެވޭ އެއްޗެއް ނޫންކަން، މިއަށްވުރެ ބޮޑަށް ޕްރޮފިޝަނަލް ވެގެން ކަމެއްކަން އަޅުގަނޑުމެން އެބަޖެހޭ ވިސްނައިދޭން،" ސާންތީ ބުންޏެވެ. ނަތީޖާ އަށް ވުރެ އަޅުގަނޑަށް މުހިންމު ކުޅުންތެރިންގެ ޑިސިޕްލިން އެއަށް ފަހު އަޅުގަނޑަށް ނަތީޖާ އަންނާނީ."