ހަބަރު

ސޮއި ކުރި ހުރިހާ މެންބަރުން މަސީހާ ދެކޮޅަށް ވޯޓެއް ނުދޭނެ: ނިހާން

އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހެޅީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލާގައި ސޮއިކޮށްފައި ތިބި ހުރިހާ މެންބަރުން ވޯޓު ދެއްވާނެ ކަމަށް ގަބޫލު ނުކުރާއްވާ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވި އިރު މަސީހުގެ އިތުބާރު ނެތް މައްސަލާގައި ޕީޕީއެމްއަށް ނިސްބަތްވާ 10 މެންބަރުން ވަނީ ސޮއި ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ޕީޕީއެމްގެ ނުވަ މެންބަރުން ސޮއި ކުރެއްވި ސަބަބެއް އެނގި ނުލައްވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ މެންބަރުން މަސީހުގެ އިތުބާރު ނެތް މައްސަލައަށް ވޯޓު ދެއްވާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"އެ މައްސަލާގައި ސޮއިކޮށްފައި ވަނީ އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް މަޖިލީސް ތެރޭގައި މަސައްކަތް ކުރައްވާފައި ތިބި މެންބަރުން. އެ މެންބަރުން ސޮއި ކުރެއްވި ސަބަބެއް ނޭންގެ. ނަމަވެސް އެ ހުރިހާ ފަރާތްތަކެއް ސޮއި ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ނިހާން ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލަ ފާސް ކުރެވޭނެތޯ ސުވާލު ކުރެއްވުމުން ނިހާން ވިދާޅުވީ "ވާނެ ގޮތެއް ދަންނަވަން އަދި ދަތި" ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެސް ވަނީ މަސީހުގެ މައްސަލަ ހުށަހަޅާފަ އެވެ. އަދި މަޖިލީހުގެ ގަވައިދަށް ދާދި ފަހުން ގެނައި ބަދަލަކާ ގުޅިގެން މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން ޖެހޭނީ 42 މެންބަރުންގެ ސޮޔާ އެކުގަ އެވެ.