ރައްޔިތުން މަޖިލީހަށް އިދިކޮޅު ފަރާތްތަކުން މިއަދު ވެއްދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައިގައި ފަސް މެންބަރުންގެ ސޮއި ފޯޖްކޮށްފައިވާ ކަމަށް އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ނުވަ މެންބަރުންނާއެކު މަސީހުގެ އިތުބާރު ނެތް މައްސަލަ އަނެއްކާ ވެސް މަޖިލީހަށް ވެއްދުމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ 45 މެންބަރުންގެ ސޮއާ އެކު ހުށަހެޅި އިރު ފަސް މެންބަރުންގެ ސޮއި ވަނީ އިދިކޮޅު ފަރާތްތަކުން އޮޅުވާލާފައި ކަމަށާއި އޭގެ ތެރެއިން އެއް މެންބަރަކީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ކަމަށެވެ.
"އަހުމަދު ރަޝީދު މިހާރު ވެސް ޓީވީ ތަކަށް އިންޓަވިއު ދެއްވަން ހުރީ ތައްޔާރަށް. އެހެންވެ އެ ހުށަހެޅުން ސައްހައެއް ވެސް ނުވާނެ ރައްޔިތުންނަށް ދައްކަން ވެގެން ހުށަހަޅާ މައްސަލައެއް މިއީ،" ފަލާހު ވިދާޅުވި އެވެ
ފަލާހު ވިދާޅުވީ މެންބަރުންގެ ސޮއިި އޮޅުވާލައިގެން ހުށަހަޅާ އިތުބާރު ނެތް މައްސަލަތައް ސައްހައެއް ނުވާނެ ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތް މައްސަލަ ފާސް ވާނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އެއްވެސް މެންބަރެއްގެ ސޮއިއެއް އޮޅުވާލާފައި ނުވާނެ ކަމަށާއި ކޮންމެ މެންބަރަކު ވެސް އެ މަސައްކަތުގައި ބައިވެރިވާން ނިންމީ އަމިއްލަ އިހްތިޔާރުން ކަމަށެވެ.