މިދިޔަ ރޯދަމަހާ ދިމާކޮށް އޭސް ހާޑްވެއާ އިން ކުރިއަށް ގެންދިޔަ އެންމެ ސަޅި ރޯދަ ސޭލް ލަކީ ޑްރޯ އަދި ލައިކް އެންޑް ކޮމެންޓް ކޮންޓެސްޓުގެ ނަސީބުވެރިން ހޮވައިފި އެވެ.
އޭޕްރިލް މަހުގެ ވިހިން މިދިޔަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެންމެ ސަޅި ރޯދަ ސޭލް ލަކީ ޑްރޯ ޕްރޮމޯޝަންގައި ބައިވެރިވެފައިވަނީ އޭސް ހާޑްވެއާ ނުވަތަ ކަލާ ބޭންކް އިން 300 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރި ފަރާތްތަކަށެވެ. އެ ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ. އެ ޕްރޮމޯޝަންގެ އެއްވަނަ އިނާމް ލިބޭ ފަރާތަކަށް ގުރުއަތުން ހޮވިފައިވަނީ މުޒްނާ އަދްނާން އެވެ. ގުރުއަތު ނެގުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވީޓީވީން ވަގުތުން ދެއްކި އެވެ. އަދި އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖް އިންވެސް ލައިވް ކުރި އެވެ.
ވޮޔޭޖަސް މޯލްޑިވްސް، އޭސް ހާޑްވެއާ އަދި ކަލާ ބޭންކް ގުޅިގެން ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ލައިކް އެންޑް ކޮމެންޓް ކޮންޓެސްޓުގެ އެއް ވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ބެންކޮކް ދަތުރެކެވެ. އެކެއް މޭ އިން މިދިޔަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ކޮންޓެސްޓުގެ އެއް ވަނައަށް ހޮވިފައިވަނީ ޝިޔާ އެވެ.
އޭސް ހާޑްވެއާ އިން ބުނީ އެ އިނާމްތައް ލިބުނު ފަރާތްތަކަށް އިނާމް ހަވާލުކުރުމަށް ހާއްސަ ހަފްލާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ޕްރޮމޯޝަންތައް ބާއްވަން ވަނީ ނިންމާފަ އެވެ.