ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގެ ލިޔުމުގައި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ސޮއި ނުކުރާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އެއާ އެކު އޭނާ ސޮއި ކުރި ކަމަށް ބުނާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ އާންމުކޮށްފަ އެވެ.
ޕީޕިއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކޮށްފައިވާ ލިސްޓްގައި ނަން އޮތް ކަމުގެ ވާހަކަ ފެތުރެމުންދާ ކަމަށާއި އެ ލިސްޓްގައި ސޮއި ނުކުރާ ކަމަށެވެ. އަދި އެ ލިސްޓްގައި އޭނާގެ ނަމާއި ސޮއި އެވަނީ ފޯޖް ކޮށްފައިވާ ކަމަށާއި ފެތުރެމުންދާ ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށް ރަޝީދު ވިދާޅުވި އެވެ.
"މަޖިލިސް ރައީސް ގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅި ލިސްޓްގައި އަޅުގަނޑުގެ ނަން ހިމެނިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ދޮގުކުރަން، އަޅުގަނޑު ސޮއި ކުރި ކަމަށް ސޮއި އެވަނީ އޮޅުވާލާފައި،" ރަޝީދު ވިދާޅުވި އެވެ.
މެންބަރު ރަޝީދު އެ ލިސްޓްގައި ސޮއި ނުކުރާ ކަމަށް ވިދާޅުވުމާ އެކުހެން މެންބަރު ރަޝީދު ސޮއި ކުރި ކަމަށް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން ވަނީ ލީކްކޮށްލައިފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި މެންބަރު ފާރިޝް މައުމޫންގެ ކުރިމަތީގައި ބަހައްޓާފައިވާ ގަޑުތަކެއްގައި މެންބަރު ރަޝީދު ކަމަށް ބެލެވޭ މީހަކު ސޮއިކުރާތަން ފެނެ އެވެ. އެ ފޮޓޯއާ ބެހޭ ގޮތުން ޕީޕީއެމް އިން ވެސް އަދި ރަޝީދު ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މަސީހުގެ އިތުބާރު ނެތް މައްސަލަގައި ޕީޕީއެމް 10 މެންބަރަކު ވަނީ ސޮއިކޮށްފަ އެވެ. އެ މެންބަރުންނަކީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.