އިދިކޮޅު ފަރާތްތަކުން މިއަދު ރައްޔިތުންގެ މަޖިލީހަށް ވެއްދި، އެމަޖިލީހުގެ ރައީސް ޢަބުދުﷲ މަސީޙު މުޙައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއީދުކޮށް ސޮއިކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ، އިސްދޫ ދާއިރާގެ މެންބަރު އަޙުމަދު ރަަޝީދު މަަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރަޝީދު މިއަދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ހުށަހެޅި ލިސްޓްގައި އޭނާގެ ސޮއި ހިމަނާފައި ވަނީ ސޮއި ފޯޖްކޮށްގެން ކަަމަށާއި އެމައްސަލަ ބަލައިދެއްވުން އެދިޑައިގަންނަވާ ކަމަށެވެ.
"... އަޅުގަނޑުގެ ނަމުގައި އެބަޔާނުގައި ކޮށްފައިވާ ސޮޔަކީ ސައްހަ ސޮޔެއް ނޫން ކަމުގައި ދަންނަވަމެވެ.
ވީމާ އެ މައްސަލަ ވީހާ އަވަހަކަށް ބައްލަވައި ދެއްވައި އެކަން ކޮށްފައިވާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ،" މަޖިލީހުގެ ރައީސް މަސީހަށް އެޑްރެސް ކުރައްވައި ރަޝީދު ފޮނުއްވި ސިޓީ ފުޅުގައި ވެއެވެ.
އެސިޓީފުޅު ސޯޝަލް މީޑިއާ ޓްވިޓާގައި އާއްމު ކުރެއްވީ ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީިޕީއެމް) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކެވެ.
މަސީހުގެ އިތުބާރު ނެތްކަމަށް މިއަދު ހުށަހެޅި މައްސަލައިގައި 45 މެމްބަރަކު ސޮއިކުރައްވާފައިވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އޭގެ ތެރެއިން ފަސް މެމްބެރެެއްގެ ސޮޔަކީ ފޯޖްކޮށްފައިވާ ސޮއިކަމަށް ޕީޕީއެމުން ބުންޏެވެ. އެހެންވެެ އެ މައްސަލަ ސައްހަވެސް ނުވާނެ ކަަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.