ހަބަރު

ވަގު ސޮއިކޮށްފައި އެބަހުރި، މައްސަލަ ބާތިލްވާނެ: ޕީޕީއެމް

ރައްޔިތުން މަޖިލީހަށް އިދިކޮޅު ފަރާތްތަކުން މިއަދު ވެއްދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައިގައި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ސޮއި ފޯޖް ކޮށްފައިވާ ކަމަށާއި އެ ލިސްޓް ބާތިލް ވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގަައި އަބުދުއްރަހީމް ވިދާޅުވީ މެމްބަރެއްގެ ނަމުގައި ވަގަށް ސޮއި ކުރުމުން އެ ލިސްޓް ބާތިލްވާނެ ކަމަށާއި އެ ލިސްޓްގައިވާ 45 މެމްބަރުންގެ ސޮޔާ މެދުވެސް ޝައްކު އުފެދޭ ކަމަށެވެ. އަދި 45 މެމްބަރުންގެ ތެރެއިން އެއް މެންބަރެއްގެ ސޮއި އޮޅުވާލި ކަމުގައި ވީ ނަމަވެސް އެހާހިސާބުން މައްސަލަ ބާތިލުވާނެ ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ.

"އެ ލިސްޓްގައި އެވަނީ ރަޝީދުގެ ސޮއި ނޫން ކަމަށް އެބޭފުޅާ އެބަ ވިދާޅުވޭ. އެހެން ކަމުން މަޖިލީހަށް ހުށަހަޅާފައިވާ ލިސްޓް ބާތިލް ވާނެ. އެ މައްސަލަ އަލުން މަޖިލީހަށް ޖެހޭނީ ހުށަހަޅަން. ރަޝީދު ރަސްމީކޮށް މިކަން މަޖިލީހަށް އެންގުމުން މަޖިލީހުންވެސް އެއީ ބާތިލް އެއްޗެއް ކަމަށް ނިންމުމުގެ ފުރުސަތު އެބަ އޮތް." އަބުދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގެ ލިޔުމުގައި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ސޮއި ނުކުރާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އެއާ ވިދިގެން އިދިކޮޅު ފަރާތްތަކުން ވަނީ މެންބަރު ރަޝީދު ސޮއި ކުރި ކަމަށް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކު ކޮށްލާފަ އެވެ.