ކުޅިވަރު

ގަދަ ހަތަރެއްގެ 70 ޕަސަންޓް އީގަލްސް ޔަގީން ކޮށްފި

Jul 3, 2017

މިއަދު ވެލެންސިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ހޯދި މޮޅާއެކު، މާލޭ ލީގްގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމުގެ 70 ޕަސަންޓް އީގަލްސްއަށް ފުރަިހަމަ ކުރެއްވިއްޖެ ކަމަށް، އެޓީމުގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

މެޗަށް ނިކުތް އިރުވެސް 17 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އީގަލްސްއިން ވަނީ 20 ޕޮއިންޓް ހަމަކޮށް، ތާވަލުގެ ތިން ވަނަ އަށް ޖެހިލާފަ އެވެ. އަދި ކުރިން ތިން ވަނައިގައި އޮތް ގްރީންސްޓްރީޓް މިހާރު އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ.

"މި ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް، ވަރަށް ބޮޑުބައެއް އަޅުގަނޑުމެންނަށް ގިރާ މިކުރެވުނީ (ގަދަ ހަތަރެއްގައި ހިމެނުމަށް)، ދެން ގާތް ގަނޑަކަށް (ބާކީ) މިއޮތީ 30 ޕަސަންޓް،" ސާންތީ ބުންޏެވެ. "ކުރިއަށް އޮތް ތިން މެޗުން ހަތަރު ޕޮއިންޓް ނެގި ނަމަވެސް އަޅުގަނޑުމެން މި ބަލަނީ ގަދަ ހަތަރެއްގައި ތިބެވޭނެ ކަމަށް."

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، އީގަލްސްގެ ހަމައެކަނި ލަނޑު ޖެހީ، ސީޒަން ފެށުނު ފަހުން ވެސް އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަކުރުމަށްފަހު މިހާރު، ކުރީގެ ފޯމަށް އެޅެމުންދާ އަހްމަދު ނާޝީދު (ނާއްޓޭ) އެވެ. މެޗުގެ 15 ވަނަ މިނެޓްގައި ނާއްޓޭ ކާމިޔާބު ކުރި މި ލަނޑަކީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި އަހްމަދު ރިޒްވާން އިސްމާއީލް (ރިޒޭ) ނަގައިދިން ބޯޅައެއް ބޮލުން ވެލެންސިއާގެ ގޯލްގެ ތެރެއަށް ފޮނުވާލައި ކާމިޔާބު ކުރި ލަނޑެކެވެ.

ނާއްޓޭ ލަނޑު ޖެހުމުން، ސާންތީ އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. "ނާއްޓޭގެ ފަރާތުން މިއަދު އަޅުގަނޑު ވަރަށް އުންމީދު ކުރިން ގޯލެއް ފެނިގެންދާނެ ކަމަށް، އެކަން ފެނިގެން ހިނގައްޖެ،" ސާންތީ ބުންޏެވެ. އޭގެ ފަހުންވެސް އީގަލްސްގެ ފަރާތުން، ވަނީ ލަނޑު ޖަހާނެ ފަސް ވަރަށް ފުރުސަތު ލިބިގެން ގޮސްފަ އެވެ.

ނާއްޓޭ ލަނޑު ޖެހަން ފުރުސަތު ތަނަވަސް ކޮށްދިން ފަހުންވެސް، ރިޒޭ ވަނީ ގިނަ ފުރުސަތު ތަކެއް ވެލެންސިއާ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދީފަ އެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓްގައި، ރިޒޭ ތަނަވަސް ކޮށްދިން ބޯޅައެއްގައި ޕެނަލްޓީ އޭރިއާގެ މެދަކާ ހިސާބުގައި ހުރެފައި، އީގަލްސްގެ ކެޕްޓަން އަދި މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިމްރާން ނަޝީދު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އޭގެ އެއް މިނެޓް ފަހުން ނާއްޓޭ ވަނީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ވެލެންސިއާ ގޯލް ކުރިމައްޗަށް ރީތި ބޯޅައެއް ހުރަސް ކޮށްދީފަ އެވެ. އެ ބޯޅަ ޖަހަން ގޯލް ކުރިމަތީގައި ހުރީ އީގަލްސްގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ނާއިމް އެވެ. ނަމަވެސް އެބޯޅަ ދިޔައީ އޭނާ ހުރި ހީސާބަށް ވުރެ ކުޑަތަން ކޮޅެއް ދުރުން ކަމުގައިވީތީ އެބޯޅަ އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.

ނާއިމް ވަނީ މިއަދުގެ މެޗުގައި މޮޅު ކުޅުމެއްދައްކާފަ އެވެ. އޭނާ އަކީ، އިޣަލްސްގެ އަހްމަދު ނޫމާން (ހެލްމެޓް) ގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ސާންތީ ބުނީ ނާއިމްއަކީ ފުޓްބޯޅައިގެ އުންމީދެއް ކަމަށެވެ.

މެޗުގެ 22 ވަނަ މިނެޓުން 27 ވަނަ މިނެޓާ ދެމުދުގައި، އީގަލްސްއިން ވަނީ ފުލުފުލުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ފުރުސަތު ބޭނުން ނުކުރެވުނަސް ސާންތީއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މެޗުގައި އީގަލްސްގެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ރަނގަޅު ވުމެވެ.

ދެ ވަނަ ހާފުގައިވެސް، އީގަލްސްއިން ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ތަނަވަސް ކުރި އެވެ. މުޅި މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި، އަންސަރު އިބްރާހިމް (އަންކޮ) އަށެވެ. މެޗުގެ 77 ވަނަ މިނެޓްގައި ނާއިމް އާއި އަންކޮއާ ދެ ކުޅުންތެރިން ވެގެން އުފެއްދި ހަމަލާ ވެލެންސިއާ ގޯލް ތެރެއަށް ފޮނުވާލަށް ތަނަވަސްވި ނަމަވެސް، ގޯލްގެ ދަނޑި ކައިރިގައި ހުރެފައި އަންކޮ ބޯޅާ ފޮނުވާލީ ގޯލްގެ ބޭރުން އަރިމަތީ ދާގަނޑަށެވެ.

ވެލެންސިއާ އަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބިގެން ދިޔައީ ކަކާ އަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ އޮމަޑޫ ގޮޑް ފްރޭވެސްޓް ދިން ބޯޅަ، ކަކާ ފޮނުވާލުމުން ބޯޅަ ޖެހުނީ އީގަލްސްގެ ގޯލްގެ ހުރަސް ދަނޑީގައެވެ. ހުރަސް ދަނޑިގައި ޖެހފައި ބޯޅަ ވެއްޓުނީ ގާތްގަނޑަކަށް ގޯލްގެ ލައިން މައްޗަށެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ވެލެންސިއާ އަށް އެބޯޅަ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ބުނީ، ގަދަ ހަތަރެއްގެ ފުރުސަތު ވެލެންސިއާ ލިބެން ނެތުމުން، މިހާރު އަމާޒަކީ ކުރިއަށް ހުރި މެޗުތަކުގައި އާ ކުޅުންތެރިންނަށް ފުރުސަތު ދީ އެކޫޅުންތެރިން ތައްޔާރު ކުރުންކަމަށެވެ. މިއަދުގެ މެޗުގައިވެސް، މުޅިން އާ ހަތަރު ވަރަކަށް ކުޅުންތެރިންނަށް ފުރުސަތު ދިންކަން ފެސްކޯ ފާހަގަ ކުރި އެވެ.