މި އަހަރުގެ ނިޔަލަށް 1.2 މިލިއަން ޓޫރިސްޓުން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ރާއްޖޭން ވާސިލް ވެއްޖެ އެވެ.
ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ މޯލްޑިވް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީރުސީ) ގެ ޑިރެކްޓަރު މުހައްމަދު އަސީލް ވިދާޅުވި ގޮތުގައި އޮކްޓޫބަރު މަހުގެ ނިޔަލަށް 1.1 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ.
"އޮކްޓޫބަރު މަހުގެ ނިޔަލަށް 1.1 މިލިއަން ޓޫރިސްޓުން ވަނީ އައިސްފައި. އޭގެ ފަހުން ނޮވެމްބަރު މަހުގެ ސްޓެޓިސްޓިކްސް ނުލިބޭ. ނަމަވެސް އަޅުގަނޑުމެންނަށް ޔަގީން މިހާރު 1.2 މިލިއަން ޓޫރިސްޓުން އައިސްފައިވާ ކަން،" އަސީލް ވިދާޅުވި އެވެ. އޭނަ ވިދާޅުވި ގޮތުގައި މި އަހަރު ނިމެންވާއިރަށް 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އަދި އެއީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އަސީލް ވިދާޅުވި އެވެ.
"ޝޯން ޕޯލްގެ ޝޯ ބޭއްވުމާއި ހަމައަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނެވޭނެ،" އަސީލް ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި 1.2 މިލިއަން ޓޫރިސްޓުން ގެނެވުމަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު 12 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ.
އެމްއެމްޕީއާރުސީން ވަނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ގިނަ ފެއާތަކެއްގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގާފަ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ޗައިނާގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓް (ސީއައިޓީއެމް) ފެއާގައި މިދިޔަ މަހު ބައިވެރިވުން ވެސް ހިމެނެ އެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ ނިޔަލަށް ޗައިނާއިން ބައި މިލިއަން ޓޫރިސްޓުން ގެނައުމުގެ މަސައްކަތް އެ ކުރަމުންނެވެ.މި މަސައްކަތުގެ ދަށުން ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޕީއާރު ކުންފުންޏެއް ވެސް ކަނޑައަޅާފައިވެ އެވެ.